Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މަޖިލީހަކީ ކޮރަޕްޝަނުގެ އައްޑާއަކަށް ނަހަދާ: ރޮޒޭ

ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޝަނުގެ އައްޑާއަކަށް ހަދައިގެން ގައުމު ކުރިއަށް ނުދާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ، ކޮރަޕްޓު މީހުންނަށް މަޖިލީހުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ނިމިގެން ދިޔަ ސަރުކާރު އޮތްއިރު ސަރުކާރު ތަމްސީލު ކުރި ޕާޓީގެ މެމްބަރުން ފެނިގެން ދިޔައީ އާދަޔާ ޚިލާފު މުއްސަނދި ކަމެއް ލިބުނު މެމްބަރުންގެ ގޮތުގައި ކަމަށާއި އެއީ ސުވާލު އުފެދޭ ކަންތައްތައް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެގޮތުން، ބައެއް މެމްބަރުން އަގުބޮޑު މަޝްހޫރު ބްރޭންޑުތަކުގެ ގަޑިއާއި ފޯނާއި ކާރުތަކާއި ފްލެޓުތައް ގަނެ، ސޯޝަލް މީޑިޔާގައި އިޝްތިހާރު ކުރަމުން ދިޔަ ކަމަށާއި ޖަވާބުދާރީ ނުވެވޭ މުއްސަނދިކަން އިޝްތިހާރު ކުރާއިރު ލަދެއް ވެސް ނުގަންނަ ކަމަށް ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ އެފަދަ މެމްބަރުން އަލުން މަޖިލީހަށް އިންތިޚާބު ކުރުމަކީ ވަގަކާ ތިޖޫރީ ހަވާލުކުރުމަށް ފަހު ވަރަށް ރަނގަޅަށް ތިޖޫރީ ބަލަހައްޓަދޭށޭ ބުނުން ކަހަލަ ކަމެއް ކަމަށެވެ.

އެހެންކަމުން، ނިމިގެން ދިޔަ ސަރުކާރުގައި މަޖިލީހުން ފެނުނު އަމަލުތައް ތަކުރާރުނުކުރުމަށް ރައްޔިތުން އަންނަ އަހަރު މާޗު މަހު ބާއްވާ އިންތިޚާބުގައި ވަރަށް ބޮޑަށް ވިސްނުމަށް ފަހު ވޯޓު ދެއްވުމަށް މަޖިލީހުގެ މީދޫ ދާއިރާއަށް އަނެއްކާވެސް ވާދަކުރުމަށް ގަސްދުކުރައްވާފައިވާ ރޮޒޭނާ ވިދާޅުވެފައިވެއެވެ.

ރޮޒޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް، މިދިޔަ ވެރިކަމުގައި ހިނގާދިޔަ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ބެލުމުގައި ފަހަތަށް ޖެހިވަޑައިނުގެން، ސާބިތުކަންތަމަތީ ހުންނެވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ވެސް އިންސާފުވެރި ތަހުގީގެއް ހިންގައި، ހައްޔަރުކުރުމަށް ރޮޒޭނާ ގޮވާލިއެވެ.

ނަމަވެސް ޔާމީން ހައްޔަރުކުރަން ޖެހޭނީ އިންސާފުން ކަމަށާއި، ކުރި ކުށެއް ސާބިތުވާ ވަރަށް ހެކި ލިބުމުން ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ތަންތަނުގެ ފުރާޅު ނައްޓައިގެން މީހުން ހައްޔަރުކުރި ނަމަވެސް އެގޮތަށް މިސަރުކާރުގައި ކަންތައް ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށާއި އެއީ ސާބިތުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަބަދުވެސް އެކަހަލަ ތުހުމަތު ކުރެވޭ ކަމަށާއި ނަމަވެސް އެއް އިރެއްގައި ވެސް ސާބިތުނުކުރެވޭ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.