Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

"ތަބަކަށްލާފައި" ޓިކެޓްތައް ބަހާލުމުން އާއްމު މެންބަރުންގެ ރުޅިވެރިކަން ޔާމީނަށް!

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ހިތަދޫގެ 2 ދާއިރާކަށް ވާދަކުރާ ފަރާތްތަކަށް ޕްރައިމަރީ އަކާއި ނުލައި ޓިކެޓް ހަވާލުކުރުމުން ޕީޕީއެމްގެ ސަޕޯޓަރުން އެކަމާއި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ހިތަދޫގެ 3 ދާއިރާގެ ތެރެއިން މެދު ދާއިރާ އަދި ދެކުނު ދާއިރާއިން މަޖިލީހަށް ކުރިމަތިލާނެ ފަރާތްތަކަށް ރައީސް ޔާމީން ވަނީ ޓިކެޓް ހަވާލުކުރައްވާފައެވެ. އެއީ ދެކުނު ދާއިރާއަށް މުހައްމަދު ލަތީފު އަދި މެދު ދާއިރާއަށް ޒާހިދު ރަމީޒެވެ.

މި ދެބޭފުޅުންނަކީ ހިތަދޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުންނެއް ނޫނެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޒާހިދު ވަނީ ހިތަދޫގައި ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމަށް މަސައްކަތް ކޮށްފައެވެ.

ޒާހިދު އާއި ލަތީފަށް ޓިކެޓް ހަވާލުކުރުމާއި ދެކޮޅަށް ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިޔާގައި ތަފާތު ޝުޢޫރުތައް ފާޅުކުރަމުންދާއިރު އެއްބަޔަކު ސިފަކުރަނީ އެއީ ރައީސް ޔާމީން އެމީހުންނަށް ކުރި މަލާމާތެއްގެ ގޮތުގައެވެ.

އަދި ޕީޕީއެމް އަށާއި ރައީސް ޔާމީނަށް ވަފާތެރިވި މީހުންނަށް ޚުދު އެމަނިކުފާނު ހުރަސް އަޅުއްވައިގެން ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް ބައެއް އެކްޓިވިސްޓުން ވަނީ ބުނެފައެވެ.

ޕްރައިމަރީ ނުބާއްވައިގެން ޕީޕީއެމްގެ އެކްޓިވިސްޓުން ޚިޔާލު ފާޅުކުރަމުން އަންނައިރު ހިތަދޫގެ ތިން ދާއިރާއަކަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕެއިން ފޯރީގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.