Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ކޮޕަ ލިބަޓަޑޮރެސް ފައިނަލް: ބޮކާ ޖޫނިއާސް ބަލިކޮށް ރިވާ ޕްލޭޓުން ހަތަރުވަނަ ފަހަރަށް ތަށި އުފުލާލައިފި

ކޮޕަ ލިބަޓަޑޮރެސްގެ ތަށި ކާމިޔާބުކުރުމަށްފަހު ރިވާ ޕްލޭޓްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަންޝިޕް ކަމަށްވާ ކޮޕަ ލިބަޓަޑޮރެސްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުގައި ބޮކާ ޖޫނިއާސްގެ މައްޗަށް 3-1 އިން ކުރިހޯދައި ރިވާ ޕްލޭޓުން ހަތަރުވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ދެކުނު އެމެރިކާގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ އަށް ނިސްބަތްވާ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓް ބައްދަލުކުރި މިއީ ފުރަތަމަ ފަހަރެވެ. މިއީ މި މެޗް ދެ ޓީމަށްވެސް ހާއްސަވީ އެއް ސަބަބެވެ.

މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ބޮކާ ޖޫނިއާސްގެ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އެ ޓީމުން މި މެޗު ކާމިޔާބުކުރީ 5-3 ގެ އެގްރިގޭޓުންނެވެ. ރިވާ ޕްލޭޓުގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުރީން ކުޅެން އޮތް ދެވަނަ ލެގު، ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި ކުޅެވޭ ގޮތްނުވުމުން ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ނިންމީ އާޖެންޓީނާ އިން ބޭރުގައި މެޑްރިޑުގައި ކުޅޭށެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބޮކާ ޖޫނިއާސްގެ ޑާރިއޯ ބެނެޑެއްޓޯ ކާމިޔާބުކުރި ގޯލުން އެ ޓީމުން މި ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ރިވާ ޕްލޭޓްގެ އިގްނާސިއޯ ފެނާންޑޭޒް އާއި އެޒެކީލް ޕަލާސިއޯސް އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އިގްނާސިއޯ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ޕަލާސިއޯސް ފޮނުވާލި ހަމަލާ ބޮކާ ޖޫނިއާސްގެ ގޯލްކީޕަރު އެސްޓަބަން އަންޑްރާޑާ މަތަކުރިއެވެ.

ކޮޕަ ލިބަޓަޑޮރެސްގެ ފައިނަލްގައި ބޮކާ ޖޫނިއާސް ކޮޅަށް ރިވާ ޕްލޭޓްގެ ދެވަނަ ލަނޑު، ހުއާން ކުއިންޓޭރޯ ފޮނުވާލަނީ. –ފޮޓޯ: ރޮއިޓާސް

އޭގެ ފަހުން، މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ ގޮންޒާލޯ މޮންޓިއެލް ނަގައިދިން ހުރަހަކުން ލޫކަސް ޕްރައްޓޯ ބޮލުން ފޮނުވާލި ބޯޅަ ވެސް ބޮކާ ޖޫނިއާސްގެ ކީޕަރު އަންޑްރާޑާ މަތަކުރިއެވެ.

ނަމަވެސް، އޭގެ ދެ މިނެޓުފަހުން ޕްރައްޓޯ ވަނީ ރިވާ ޕްލޭޓަށް އެއްވަރުކޮށްދީފައެވެ. މިއީ އެ ޓީމުގެ އިގްނާސިއޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބޮކާ ޖޫނިއާސްގެ ވިލްމާ ބެރިއޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބޮކާ ޖޫނިއާސް ކޮޅަށް ރިވާ ޕްލޭޓުގެ ދެވަނަ ލަނޑުޖަހައިދީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ މެޗުގެ 109 ވަނަ މިނެޓުގައި ހުއާން ކުއިންޓޭރޯ އެވެ.

އޭގެފަހުން، ބޮކާ ޖޫނިއާސްގެ އާޖެންޓީނާ މިޑްފީލްޑަރު ފެނާންޑޯ ގާގޯ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ރިވާ ޕްލޭޓްގެ ޕެނަލްޓީ އޭރިޔާބޭރުން ގާގޯ ފޮނުވާލި ބޯޅަ ރިވާ ޕްލޭޓްގެ ގޯލްކީޕަރު ފްރޭންކޯ އަރްމާނީ މަތަކުރިއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު 30 މިނެޓުގެ ދެ ހާފުގެ ވެސް ކުޅުން ނިމިގެން ރެފްރީ ދެއްކި އިތުރުވަގުތުގައި ރިވާ ޕްލޭޓްގެ ލީޑް ފުޅާކޮށްދިނީ ގޮންޒާލޯ މާޓިނޭޒް އެވެ.