ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ގުޅޭ ގޮތުން ރައީސް ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ދެއްކެވި ވާހަކަތައް ޕީޕީއެމް ކައުންސިލުން ތަހްގީގު ކުރުމަށް ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ގޮވާލައިފިއެވެ.
ޝައިނީ ވަނީ ގިނަ ދުވަސްތަކެއް ފަހުން އަދީބް އާއި ބައްދަލު ކުރައްވާފައިވާ ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ. އެ ޓްވީޓުގައި ޝައިނީ ވިދާޅުވީ ރައީސް ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އަދީބް ދައްކަވާ ވާހަކަ ގަބޫލް ކުރެއްވޭ ކަމަށެވެ.
ޝައިނީ އަކީ އަދީބު ޓޫރިޒަމް މިނިސްޓަރު ކަމާއި ނައިބް ރައީސް ކަން ކުރެއްްވި އިރު ވަރަށް އަރިސް ބޭފުޅެކެވެ.
ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު އާއި ޝައިނީ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތައް ޕާޓީން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
ޝައިނީ އަކީ ރައީސް ޔާމީން ޕްރައިމަރީ އާއި ނުލައި މަޖްލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ޓިކެޓު އަރުވާފައިވާ ފަރާތެވެ.