Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ސަރުކާރަށް ފާޑުކިޔައިގެން ފިޔަވަޅެއް ނާޅާނެ، މިނިވަންކަން ކަށަވަރުކުރާނަން: ރައީސް

މިސަރުކާރަށް ފާޑުކިޔައިގެން ފިޔަވަޅު އަޅާނެ ބަޔަކު ނުތިބޭނެ ކަމަށާއި ރައްޔިތުން ހިތްހަމަނުޖެހޭ ކަންތައްތަކަށް ފާޑުކިޔުމުގެ ހައްގު ލިބިގެންވާ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހަށް ރައީސް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާނެ ރައީސެއް ނޫން ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގެން ވެރިކަން ކުރެއްވުމުގެ ޚިޔާލެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

އެއީ ނިޒާމު ގަޑުބަޑުކޮށްލާ ކަމެއް ކަމަށާއި މިސަރުކާރާ މެދު ހިތްހަމަނުޖެހޭ ރައްޔިތަކަށް ފާޑުކިޔުމުގައި ފަސްޖެހެން ނުޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ނިމިގެން ދިޔަ ސަރުކާރު ވެރިކަމުގައި އޮތް އިރު ރާއްޖެ ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިފައިވާ ގައުމެއްގެ ގޮތުގައި ލިސްޓު ކުރެވިފައިކަން ފާހަގަކުރައްވާފައެވެ. އެގޮތުން 'ރިޕޯޓާސް ވިތައުޓް' ބޯޑާސް އިން "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ލިސްޓު ކޮށްފައިވަނީ 180 ގައުމެއްގެ ތެރެއިން 120 ވަނައިގައިކަން ފާހަގަކުރެއްވިއެވެ.

މިލިސްޓުގައި މިދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވެސް ރާއްޖެއަށް ލިބުނީ އިތުރު ވެއްޓުމެއް ކަމަށާއި އެކަން ހައްލު ކުރައްވައި، އަންނަ އަހަރު އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާނީ އެ ލިސްޓުގައި ރާއްޖެ ކުރިއަށް ޖެއްސުމަށް ފަހު ކަމަށް އިބޫ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން ހިފެހެއްޓުނު ޑިމޮކްރަޓިކް ހަރަކާތްތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކުރިމަތިވި ގޮންޖެހުންތައް ވެސް ނައްތާލެއްވުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.