Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެއްވެސް މީހަކަށް ރައީސަށް އަމުރެއް ނުކުރެވޭނެ: ދިޔާނާ

ދިޔާނާ، ޖާބިރާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: ފޮޓޯ - ސަން

ރައީސުލް ޖުމުހޫރިއްޔާ އަކީ ސަރުކާރުގެ، އަދި ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމަށާއި ރައީސްއަށް އަމުރުކުރެވޭނެ މީހަކު ސަރުކާރު ތެރޭގައި ނުހުންނާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު، އެކަމަނާގެ ފިރިކަލުން، ރައީސް ސްޕެޝަލް އެންވޯއި އަބްދުﷲ ޖާބިރު ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަޒީރުކަމުން ދުރުކުރުމަށް އަމުރުކޮށްފައެވެ.

ދިޔާނާ އިތުރަށް ވިދާޅުވެފައިވަނީ ކެބިނެޓާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިގައި އަޚުލާގާ ކެތްތެރިކަން ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ އޭނާއާ ހުތުރު ބަހުން މުޚާތަބު ކޮށްފައެވެ. އަދި އެފަދަ މީހަކަށް ވަޒީރުކަމުގައި ނުހުރެވޭނެ ކަމަށާއި މިނިސްޓަރު ވަކިކުރުމަށް ރައީސް އިބޫ ސޯލިހަށް އަންގާ އަމުރު ކުރާ ކަމަށެވެ. ޖާބިރު ވަނީ މިސަރުކާރަކީ އޭނާގެ އަމިއްލަ ފައިސާއިން ޚަރަދު ކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި އެކަން ރައީސަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޖާބިރުގެ ވާހަކަތަކަށް ނުސީދާ ގޮތުން ރައްދު ދެއްވަމުން، މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް މީހަކަށް ނާޖާއިޒު ފައިދާ ހޯދާދިނުމަށް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކާއި ވެސް މުޚާތަބު ކުރެވޭނީ އެމީހަކު ކުރި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.