Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ޔާމީން ނިގުޅައިގަތް އައްޑޫ ކައުންސިލްގެ ގިނަ ބާރުތަކެއް ރައީސް ސޯލިޙް އަލުން ދެއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އައްޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި ކައުންސިލްގެ މެންބަރުންނާއި ސަލާމް ކުރައްވަނީ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނެސް އައްޑޫ ސިޓީ ކައުންސިލުން އަތުލާފައިވާ ގިނަ ބާރުތަކެއް އަލުން އެ ސިޓީ ކައުންސިލަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫ ކައުންސިލްގެ ބާރުތައް ހަނިކުރުމަށް ފަހު އައްޑޫގައި ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް އުފެއްދުމަށް ފަހު އެތަނަށް ސިޓީ ކައުންސިލުގެ ހުރިހާ ބާރެއް ހެން ވަނީ ދީފައެވެ. ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކަމަށް ބުނެ ގެނައި އެބަދަލުގެ ސަަބަބުން އައްޑޫގެ މަގުތައް ބެލެހެއްޓުން ފަދަ ކަންތައް ވަނީ ބޮއްސުންލާފައެވެ.

އައްޑޫ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ބާރުތައް އަލުން ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވައުދެކެވެ. ރައީސް އޮފީހުން ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގެ ދަށުން ފޯރުކޮށްދެމުން އައި ބައެއް ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ސިޓީގައި ވަނީ ހައުސިން މިނިސްޓްރީގެ ދަށުން ދެމުން އައި ޚިދުމަތްތައް ކައުންސިލާއި ހަވާލު ކުރުމާއި އެކު އެޙިދުމަތްތައް ދިނުމަށް މިނިސްޓްރީން ބޭނުންކުރި ތަންތަނާއި، ވަސީލަތްތަކާއި އެއްބަސްވުންތައް ކައުންސިލާއި ހަވާލުކުރުމަށް އަންގާފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރެވުނު މަސައްކަތްތައް:

 

  • ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
  • ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުން.
  • މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
  • ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
  • ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި ލޭންޑް ޔޫސް ޕްލޭނާއި ތަޢާރުޟުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
  • މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
  • މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  • ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
  • ޕެސްޓް ކޮންޓްރޯލް
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން.
  • އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

ރައީސް އޮފީހުގެ އެންގުމަށް ހައުންސިންގ ގެދަށުން ހިނގަމުން އައި މިމަސައްކަތްތައް ކައުންސިލްގެ ދަށަށް ބަދަލުވުމާއި ގުޅިގެން އައްޑޫ ސިތީ ކައުންސިލުން ބުނެފައިވަނީ އެ އިދާރާގެ ދަށަށް އެކަންތައް ބަދަލުވި ނަމަވެސް ބަރާބަރަށް ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.