Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ފޭދޫ ކޯޓުގެ ގާޒީއާ ބަޔަކު ދިމާކޮށް ސައިކަލުން ވައްޓާލައިފި

ފޭދޫ. މަރަަދޫފޭދޫ އަދި މަރަދޫ ކޯޓް ހިންގާ އިމާރާތް. ޝަރުއީ ނިޒާމްގައި މައްސަލަތައް ހުރިކަމަށް ގިނަ ބަޔަކު ޤަބޫލު ކުރޭ.ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ހުސެއިން ރަޝީދު އަށް ބަޔަކު މަގުމަތިން ދިމާކޮށް އޭނާ ސައިކަލުން ވައްޓާލައިފި އެވެ.

އިއްޔެ ރޭ މަރަދޫ އާއި ހަންކެޑެ ގުޅޭ ހިސާބުގައި ހިނގި މި ހާދިސާގައި ފަހަތުން އައި ސައިކަލެއް ހުސެއިން ރަޝީދު ދުއްވި ސައިކަލާއި ކައިރި ކުރި ވަގުތު ދެވަނަ ސައިކަލެއްގައި ތިބި ދެ މީހަކު ކުރިމައްޗަށް އެރުމުން އެ މީހުން ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި ލިންކް ރޯޑުގެ އަރިމަތިން ތިރިކޮށް ހަދާފައި ހުރި ތަނުގެ ތެރެއަށް އޭނާ ވަނީ ވެއްޓިފަ އެވެ.

"އަޅުގަނޑު އައީ ހިތަދޫން މަރަދު އަށް. ދުއްވާފައި އައީވެސް ވަރަށް މަޑުން، އަންނަނިކޮށް މަރަދޫ އާއި ހަންކެޑެ ގުޅޭ ހިސާބުން ބަޔަކު އައިސް ސައިކަލާއި ކައިރިކޮށްލީ. އޭރު ދެ މީހަކު މަރަދޫ ފެށޭ ހިސާބުގެ ސްޕީޑް ބްރޭކަރު މަތީ ސައިކަލްގައި މަޑުކޮށްގެން ތިބީ، ދެން އަޅުގަނޑު އުޅުނީ އެ މީހުންގައި ނައްޓާލަން. އެ ވަގުތު ސައިކަލް ގޮސް ލިންކު ރޯޑުގެ އަރިމަތިން ތިރިކޮށް ހުރި ތަނަށް ގޮސް ވެއްޓުނީ. އަޅުގަނޑު ސައިކަލުން ވެއްޓުމުން އެ ބަޔަކު ގޮއްސި." ހުސެއިން ރަޝީދު ވިދާޅުވި އެވެ.

ހުސެއިން ރަޝީދު ވިދާޅުވީ ދެ ސައިކަލުން އައި ހަތަރު މީހުން އޭނާ އާ ދިމާ ކުރީ ކާކުކަން އެނގިގެން އައިސް ކަމަށެވެ. މި ހާދިސާގައި ހުސެއިން ވެއްޓި ހަށިގަނޑުގެ ބައެއް ތަންތަނަށް ވަނީ އެކި ވަރުގެ ގެއްލުން ވެފަ އެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އޭނާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާޒީ އަކަށް މަގުމަތިން ދިމާ ކުރި ހާދިސާ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓް ކުރުމާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ގާޒީން ފުލުހުންގެ ފަރާތުން ހިމާޔަތް ބޭނުން ނަމަ އެ ފުރުސަތު ހަމަޖައްސާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.