Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ހައުސިންގެ ބައެއް ހިދްމަތް، ކައުންސިލާއި ހަވާލުކޮށްފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގެ ދަށުން ފޯރުކޮށްދެމުން ދިޔަ ބައެއް ޚިދުމަތްތައް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރަމުން ދިޔަ ބައެއް މަސައްކަތް ކައުންސިލާއި ހަވާލުކޮށްފައިވަނީ އެ މިނިސްޓްރީ ކައުންސިލަށް ފޮނުއްވި ސިޓީ އަކުންނެވެ. އެގޮތުން ކައުންސިލާއި ހަވާލު ކުރެވުނު މަސައްކަތް ތަކަކީ:

1- ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.

2- ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުން.

3- މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.

4- ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.

5- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
6- ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި ލޭންޑް ޔޫސް ޕްލޭނާއި ތަޢާރުޟުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

7- މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

8- ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

9- ޕެސްޓް ކޮންޓްރޯލް

10- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން.

11- އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން މީގެ ކުރިން ކުރަމުން ދިޔަ މި މަސައްކަތްތައް ރައީސް ޔާމީން ސަރުކާރުން ނިގުޅައިގަނެ އެމަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް އައްޑޫގައި އުފައްދައި އެޑިޕާޓްމަންޓާއިއެވެ.

ސިޔާސީ ކޯޑިނޭޓަރުން އައްޔަންކޮށް މަސައްކަތް ހަވާލު ކުރެވުނު ނަމަވެސް މަތީގައި ފާހަގަކޮށްފައިވާ ހިދްމަތްތައް ބަރާބަރަށް ހައުސިން މިނިސްޓްރީން ފޯރުކޮށްދެވިފައި ނުވެއެވެ.

ހައުސިން މިނިސްޓްރީން ކުރަމުންދިޔަ ކަންކަން ކައުންސިލުގެ ދަށައް ބަދަލު ކުރުމަށްފަހު ކައުންސިލުން ބުނެފައިވަނީ މި ހިދްމަތްތައް ނުހުއްޓި ކުރިއަށް ގެންދާނެކަމަށެވެ.