ފްރާންސުގެ މިނިމަމް ވޭޖަށް ބަދަލު ގެނެސް، އެންމެ ދަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި އޮންނަ މުސާރަ ބޮޑުކުރަން އެގައުމުގެ ރައީސް، އެމަނުއެލް މެކްރަން ވައުދުވެވަޑައިގެންފިއެވެ.
ފްރާންސުގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު ހުއްޓުމެއް ނެތި ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިން ވަނީ ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމަށާއި މިނިމަމް ވޭޖް ބޮޑުކުރުމަށް ގޮވާލަމުންނެވެ.
ފްރާންސު ސަރުކާރުން، އެގައުމުގައި ވިއްކާ ތެލުން ނަގާ ޓެކްސްގެ ރޭޓު ބޮޑު ކުރުމަށް ނިންމުމާ ގުޅިގެން އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރިއެވެ. މުޅި ގައުމުގައި އެއް ލައްކައަށް ވުރެ ގިނަ މީހުން މުޒާހަރާ ކޮށް ސަރުކާރާއި ރައީސްގެ އިސްތިއުފާއަށް ގޮވަން ފެށުމުން މެކްރަންއަށް ތެލުގެ ޓެކްސް ބޮޑުނުކުރަން މަޖުބޫރުވިއެވެ.
ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެވަރުން ނުފުދޭ ކަމަށާއި ޓެކްސް ސިސްޓަމް ހަރުދަނާ ކޮށް މިނިމަމް ވޭޖް ބޮޑު ކުރުމަށް ޑިމާންޑުކޮށްފައެވެ.