Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ ބާރު ދެނީ

ކުންފުނިތަކުން ދައްކަން ޖެހޭ އަހަރީ ފީ ނުދައްކާނަމަ އެކުންފުންޏެއް އުވާލުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ދިނުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ކުންފުނިތަކުގެ ގާނޫނަށް އިސްލާހު ގެނެއުމަށް ހުށައަޅާފައިވާ މިބިލުގައި، މެމްބަރު ޣަފޫރު ވަނީ އެއްވެސް ކުންފުންޏަކުން އަހަރީ ފީ އެ އަހަރެއްގެ މޭ މަހުގެ ކުރިން ނުދައްކާ ނަމަ އެ ކުންފުންޏެއްގެ ރަޖިސްޓްރީ ބާތިލުކޮށް އުވާލުމުގެ ބާރު ރެޖިސްޓާސް އަށް ދިނުމަށް ބިލުގައި ހިމަނާފައެވެ.

މިހާރު އޮންނަ ގޮތުން ރެޖިސްޓާސް އޮފް ކޮމްޕެނީސް ޖެހެނީ މޭ މަހުގެ ކުރިން އަހަރި ފީ ނުދައްކާ ނަމަ އެކުންފުންޏެއްގެ މައްސަލަ ކޯޓަށް ހުށައަޅާށެވެ. ދެން އެމައްސަލަ ބަލަނީ ކޯޓުންނެވެ.

މިބިލުގައި އިތުރު ބައެއް ބާރުތައް ވެސް ރެޖިސްޓާސް އޮފް ކޮމްޕެނީސްއަށް ދިނުމަށް ހުށައަޅާފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތް ނުކޮށް ގިނަ ދުވަސްވާ ކުންފުނިތަކާއި އޮޑިޓް ރިޕޯޓުތައް އަދި އަހަރީ ހިސާބުތައް ހުށަނާޅާ ކުންފުނިތައް އުވާލުމުގެ ބާރު ދިނުން ވެސް ހިމެނެއެވެ.

މާޒީގައި މިފަދަ ބާރެއް ނެތުމުގެ ސަބަބުން 7،000 އަށް ވުރެ ގިނަ ކުންފުނިން އަހަރީ ފީ ނުދައްކާ ވިޔަފާރި ކޮށްފައިވާ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނިތައް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އޮތުން މުހިންމު ކަމަށް ވެސް މަޖިލީހުގައި ބިލް ހުށައަޅުއްވަމުން ވިދާޅުވެފައިވެއެވެ.