ސަރުކާރުގެ މާލީ ހާލަތު ހާމަކޮށް އިއްޔެ ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓުން ރަނގަޅަށް ދޭން އުޅޭ މައުލޫމާތެއް ސާފު ނުވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރުގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ލިޔެފައިވަނީ އެ ރިޕޯޓުން އެންމެ ފުރިހަމައަށް މައުލޫމާތު ލިބިގެން ގޮސްފައިނުވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ މާލީ ހާލަތު ހާމަކުރުމަކީ މިސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތަށް ވަންނަ ފައިސާއާއި ބޭރުވާ ފައިސާ އެނގެން ހުރުމަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް މުނައްވަރު ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ މާލީ ހާލަތު ރަނގަޅަށް ދަނެގަތުމަށް ދައުލަތުގެ ކޭޝް ފްލޯގެ ތަފްސީލު ދޭން ޖެހޭ ކަމަށެވެ. ނުވަތަ ޕަބްލިކް ބޭންކިން އެކައުންޓުތަކުގެ ތަފްސީލު ހާމަކުރުމުން ވެސް ތަފްސީލީ ރިޕޯޓެއް އެކުލަވާލެވޭނެ ކަމަށް ވިދާޅުވެ ޚިޔާލު އަރުވާފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މާލީ ހާލަތު ކޮންމެ ހަފްތާއަކު ހާމަކުރަން ނިންމެވީ ދެފުށް ފެންނަ ސަރުކާރެއް ގާއިމުކުރުމަށެވެ. ކުރީގެ ސަރުކާރުގައި އެފަދަ ކަމެއް ކޮށްފައިނުވާއިރު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ދައުލަތުގެ ފައިސާއިން ބޮޑެތި އަދަދުތަކުން ޚިޔާނާތްތެރިވެފައެވެ.