ހުސްވި އޮކްޓޯބަރު މަހު ކުއްލި ގޮތަކަށް ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމުން ވަކިކުރި ރަނިލް ވިކްރަމަސިންހްގެ މަގާމު އަލުން ރުޖޫއަށް ނުކޮށްފިނަމަ ބޮޑު މުޒާހަރާތަކަށް ތައްޔާރުވުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އިންޒާރު ދެއްވައިފިއެވެ.
ރަނިލް ވިދާޅުވީ އޭނާއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ ތާއީދުއޮވެމެ، ރައީސް ސިރިސޭނާ ގާނޫނާއި ޚިލާފަށް ނިންމެވި ނިންމެވުން ދަމަހައްޓަން ކުރައްވާ މަސައްކަތް ހުއްޓާލައްވަން ޖެހޭ ކަމަށެވެ.
ރަނިލް ވަކިކުރުމަށް ފަހު އެމަގާމަށް ގެނައި އެގައުމުގެ ކުރީގެ ރައީސް މަހިންދަރާޖަ ޕަކްސައަށް ރުހުން ނުދީ، މަޖިލީހުން ވަނީ ދެފަހަރު މަތިން އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައެވެ.
ނަމަވެސް ސިރިސޭނާ ވަނީ މަޖިލިސްގެ ނަތީޖާ ގަބޫލުކުރައްވަން ދެކޮޅު ހަދައި، މަޖިލިސް އުވާލާފައެވެ. މަޖިލިސް އުވާލާފައިވަނީ ގާނޫނުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ ލަންކާގެ ސުޕްރީމް ކޯޓުން ވަނީ އެއަމުރު ވަގުތީ ގޮތުން ބާތިލުކޮށްފައެވެ.
އަދި ރަނިލް ވަކިކުރީ ގާނޫނާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމަށް ކޯޓުން ތައްޔާރުވަމުން އަންނައިރު ރަނިލް ވަނީ އެ މައްސަލަ ނިމޭނީ އޭނާއާ އެއްކޮޅަށް ކަމަށް ވިދާޅުވެފައެވެ. ސިރިސޭނާ ވެސް ވަނީ ކޯޓުގެ ނިންމުމަށް އިހުތިރާމު ކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.
ރަނިލް ވަނީ ހުކުރު ދުވަހުގެ ކުރިން ސިރިސޭނާ އޭނާގެ މަގާމު އަނބުރާ ނުދީފިނަމަ މުޒާހަރާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.