Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ޔާމީން ސަރުކާރުގެ ކަރަޕްޝަންގެ ވާހަކަ ދެއްކި މީހުންނަށް މަރުގެ އިންޒާރު ލިބުނު: އީވާ

ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ހިންގި ޖަރީމާ ތަކާއި ކަރަޕްޝަން ހާމަ ކުރި ފަރާތްތަކަށް މަރުގެ އިންޒާރާއި ކުރިމަތިލާން ޖެހުނު ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކަރަޕްޝަން ހާމަކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް އެކުލަވާލި ބިލް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ވިސްލް ބްލޯވކުރާ ނުވަތަ ބިތުފަންގި ނަގާ ފަރާތްތަކަކީ މުޅި ދުނިޔޭގައިވެސް ބޮޑެތި ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށެވެ. ވަރަށް ގިނަ ފަހަރު އެފަދަ ފަރާތްތަކުގެ ވަޒީފާ ގެއްލުވާލައި، ޖަލަށްދާން ޖެހިފައިވާ ކަމަށެވެ.

އީވާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ޖަރީމާ ތަކާއި، ކަރަޕްޝަން ހާމުކުރި ފަރާތްތަކަށް މަރުގެ އިންޒާރު ދިން ކަމަށާއި، ވަޒީފާތަކުން ވަކިކޮށް ޖަލަށްލައި ބޮޑެތި އަނިޔާތައްދީފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުމާއި ކުރިމަތިލާން ޖެހުނު ކަމަށް އީވާ ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުން ހިންގި އެންމެ ބޮޑު ކަރަޕްޝަން މައްސަލަ އަކީ އެމްއެމްޕީއާރުސީން ހިންގި 1.2 ބިލިއަން ރުފިޔާގެ ކަރަޕްޝަން މައްސަލައެވެ. އެ މައްސަލަ ފަޅާ އަރުވާލި ބޭންކު އޮފް މޯލްޑިވްސް ނައިފަރު ބްރާންޗު މެނޭޖަރުގެ ވަޒީފާ ގެއްލި ޖަލުގައި އޮންނަން ޖެހުނެވެ.

އީވާ ވިދާޅުވީ މަރުގެ އިންޒާރާއި، ވަޒީފާގެ ބިރަށްޓަކައި އެތައް ބަޔަކު ވިސްލްގބްލޯ ނުކޮށް މިދިޔަ ސަރުކާރު ތެރޭގައި ތިބި ކަމަށެވެ. އަދި މިއީ ރައްކާތެރިކަން ކޮންމެހެން ދޭން ޖެހޭ ބައެއްކަން ބިލްގައި އީވާ ފާހަގަކޮށްފައިވެއެވެ.