ތެލުން ޑިއުޓީ ކަނޑާލުން ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރަން ޖެހޭނެކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ތިމަރަފުށީ ދާއިރާގެ މެމްބަރޔު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ކަރަންޓުގެ އަގު ކުޑަކުރުމާއި، މަސްވެރިން ބޭނުންކުރާ ޑީސަލްގެ އަގު ކުޑަކުރުމަށް ހުށަހެޅި ބިލް ހުށަހަޅުއްވަމުން މުސްޠަފާ ވިދާޅުވީ މިފަދަ ބިލް މަޖްލިސްއަށް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް މިފަދަ ކަންކަމުން ސީދާ ފައިދާ ހޯދައި ދިނުން ކަމަށެވެ.
ނަމަވެސް މިގޮތަށް ފާސް ކުރާ ބިލްތަކުން ޑިއުޓީ ކަނޑާލެވުނު ނަމަވެސް ރައްޔިތުންނަށް ސީދާ މަންފާ ނުކުރާ ކަމަށެވެ.
މުސްޠަފާ ވިދާޅުވީ ޑިއުޓީ ކަނޑާލައި މިގޮތަށް ގެންނަ ބަދަލުން ސީދާ ރައްޔިތު މީހާއަށް އޭގެ ފައިދާ ކުރޭތޯ ސަރުކާރުން ބަލަން ޖެހޭކަމަށެވެ.
މި ބިލަށް ތާއިދު ކުރައްވައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުވެސް ވަނީ މުސްޠަފާގެ ހުށަހެޅުމަށް ތާއިދު ކުރައްވާފައެވެ.
އާމިރު ވިދާޅުވީ އާއްމުގޮތެއްގައި ބިލް ހުށަހަޅުއްވާ މެމްބަރުގެ ފަރާތުން ބިލްގެ މަގްސަދު ހާމަ ކުރަނީ މަދު ފަހަރެއްގައި ކަމަށާއި، ނަމަވެސް މުސްޠަފާ ބިލް ހުށަހެޅެއްވި އިރު ފާހަގަކޮށްފައިވަނީ މުހިއްމު ނުކުތާތަކެއް ކަމަށެވެ.
ޑީސަލްގެ ޑިއުޓީ ކަނޑާލުމަށް ހުށަހެޅި އިސްލާހު މަޖްލިސްއަށް މިއަދު ވަނީ ބަލައިގެންފައެވެ.