Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޓާފު ދަނޑުއެޅީ އަމާ ކީތީ ފަރަށްދާ އުސޫލުން: މަހްލޫފް

ރަށް ރަށުގައި ޓާފު ދަނޑު އެޅުމުގައި ކުރީ ސަރުކާރުން އިހުމާލު ވެފައިވާ ކަމަށާއި، އެކަން ކޮށްފައިވަނީ "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވިދާޅުވީ ފަރުވާކުޑަކޮށް ދަނޑުތައް އެޅުމުގެ ނަތީޖާއަކަށްވީ ބޭނުން ނުކުރެވުމާއި އަލުން އެ މަސައްކަތް ކުރުން ކަމަށެވެ. ހުވަދު އަތޮޅު އުތުބުރިއަށް މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގެމަނަފުށްޓަށް ވަޑައިގެން އެރަށުގައި އަޅާފައި އޮތް ޓާފު ދަނޑުގެ ހާލަތު މަހްލޫފް ބެއްލެވިއެވެ.

ދަނޑަށް ވަޑައިގެން ކުރެއްވި ޓުވީޓެއްގައި މަހްލޫފް ވިދާޅުވީ އެރަށުގައި ޓާފު ދަނޑު އަޅާފައި އޮތީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމަށެވެ. އަދި އެއީ ނިމިގެން ދިޔަ ސަރުކާރުން އެޅި ހުރިހާ ޓާފު ދަނޑުތަކުގެ ވެސް ހާލު ކަމަށް ވިދާޅުވިއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރީގެ ރައީސް ޔާމީން ކެމްޕޭނު ކުރައްވަމުން ގެންދެވިއިރު ގިނަ ރަށްތަކެއްގައި ޓާފު ދަނޑު އެޅުމުގެ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން އައްޑޫ ސިޓީގައި ވެސް ދަނޑުތަކުގައި ޓާފު އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޔާމީންގެ ކެމްޕޭނު ޓީމު ތަކުން ބުނި ނަމަވެސް ކެމްޕޭނު ނިމި ދައުރު ހަމަވެގެން ދިޔައިރުވެސް އޭގެ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.