މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުން ކަމަށާއި، މިކަމުގައި ސަރުކާރުން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ޕޮލިސީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ވަކި ޖިންސަކަށް ނިސްބަތްކޮށް ކުރާ އަނިޔާއާއި ދެކޮޅަށް ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ (އެފްޕީއޭ) އިން ކުރިއަށްގެންދިޔަ "16 ޑޭސް އޮފް އެކްޓިވިޒަމް" ނިންމާލުމުގެ ގޮތުން ދެއްވި އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ ކޮންމެވެސް ގޮތަކުން ޖިސްމާނީ، ނަފްސާނީ ނުވަތަ ޖިންސީ އަނިޔާ ތަހައްމަލް ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް 590 ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ކަމަށާއި، މިއީ ކަންބޮޑުވާން ޖެހޭ މިންވަރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގިނަފަހަރު އަނިޔާގެ ޝިކާރަކަށްވާ އަންހެން މީހާއަކީ ޒިންމާ އުފުލަން ޖެހޭ ފަރާތް ކަމަށް މުޖުތަމަޢުގައި ބެލެވޭ ކަމަށާއި، އަންހެނުންނަށް ކުރާ އަނިޔާއަކީ އަންހެން މީހާ ކުރި އަމަލެއްގެ ސަބަބުން ނުވަތަ ބުނި އެއްޗެއްގެ ސަބަބުން ލިބޭ އަނިޔާއެއް ކަމަށް މީހުން ދެކޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށެވެ.
އަދި މިގޮތަށް ވިސްނުމުގެ ސަބަބުން ކުށްކުރާ މީހާ އުފުލަން ޖެހޭ ޒިންމާ ކުޑަވެގެންދާ ދިއުން މުޖުތަމަޢުން ފެންނަ ކަމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އިންސާފް ހޯދަން ކުރަންޖެހޭ މަސައްކަތުގައި އަންހެނުންނަށް ވީތީ އިތުރު ހުރަސްތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މި ހުރަސްތައް ނައްތާލައި، އިންސާފް ހޯދައިދިނުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ލުއިފަސޭހަވާނެ ގޮތަށް ޤާނޫނީ އޮނިގަނޑު ރާވާ، އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަށް ހެދިފައި ހުރި ޤާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމާއެކު، ސަރުކާރުގެ ތަންފީޒީ މަޤާމްތަކުގައި ސީދާ އަންހެނުންގެ ދައުރު ބޮޑުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށެވެ.
މިއީ އެންމެން އެކުގައި ތެދުވެ، އެއްބާރުލުން ދީގެން ނޫނީ ހައްލުކުރެވޭނެ ކަމެއް ނޫން. މިކަން ހުއްޓުވޭނީ ވަކިވަކި ފަރުދުންނާއި އާއިލާތަކުންނާއި މުޅި މުޖުތަމައުން ޒިންމާ ނަގައިގެން އަދި ސަރުކާރުގެ މުއައްސަސާތަކުން މިކަމާމެދު ހޭލުންތެރިވެގެން
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ އަކީ އެންމެން އެކުގައި ތެދުވެ، އެއްބާރުލުން ދީގެން ނޫނީ ޙައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިކަން ހުއްޓުވޭނީ ވަކިވަކި ފަރުދުންނާއި ޢާއިލާތަކުންނާއި މުޅި މުޖުތަމަޢުން ވެސް ޒިންމާ ނަގައިގެންނާއި، ސަރުކާރުގެ މުއައްސަސާތަކުން ވެސް މިކަމާމެދު ހޭލުންތެރިވެގެން ކަމަށެވެ.