Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ހަޔާތީ އަރުތައިގެ އިނާމު ސޯދުބެއަށް އަރުވައިފި

ސޯދިގުއަށް ކުރީގެ ރައީސް އެވޯޑު ހަވާލުކޮށާްދެއްވަނީ، ފޮޓޯ: މިހާރު

ދިވެހި ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމު ރާއްޖޭގެ އެންމެ ފުރަތަމަ ނޫސް "ސަރުކާރުގެ ހަބަރު"ގެ ލިޔުންތެރިޔާ އަލްފާޟިލް އަބްދުﷲ ސޯދިގު (ސޯދުބެ) އަށް އަރުވައިފިއެވެ.

ސޯދުބެއަށް އެވޯޑު ހަވާލުކޮށްދެއްވީ މިރޭ ކުރިއަށް ގެންދިޔަ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަ ކުރުމަށާއި، ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ.

ސޯދުބެ ވަނީ ނޫސްވެރިއެއްގެ ގޮތުން ހަވީރު ނޫސް އަދި ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރައްވާފައެވެ.

މި ހަފްލާގައި ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ހިދްމަތްކޮށްދެއްވި ބޭފުޅުންނަށް ނޫސްވެރިކަމުގެ އަލިމަސް ގަލަމާއި، ރަން ގަލަން ވަނީ ހަވާލުކޮށްދެއްވާފައެވެ.

ނޫސްވެރިކަމުގެ އަލިމަސް ގަލަން ވަނީ އަށް ބޭފުޅަކަށް އަރުވާފައެވެ. އެބޭފުޅުންނަކީ ހަވީރު ނޫޙުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު، "އާފަތިސް" ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހީމް، އަދި މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، ހަވީރު ނޫހުގެ ކުރީގެ ލިޔުންތެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީ، ހޯރަފުށީ މުހައްމަދު ސަލީމުގެ އިތުރުން ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އަދި ކުރީގެ ހަވީރު ނޫހުގެ ކުޅިވަރު ލިޔުންތެރިޔާ އަދި ފުޓްބޯޅަ ކޮމެންޓޭޓަރ އަދި މިހާރު ވީމީޑިއާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އިމާދު ލަތީފެވެ. މި ބޭފުޅުންނާއި އަލިމަސް ގަލަން ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މިރޭ އަލިމަސް ގަލަން ހާސިލު ކުރެއްވި އަށް ބޭފުޅުންނަކީ ދިވެހި ނޫސްވެރިކަމަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ހިދްމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ހިދްމަތުގައި ދެމިތިއްބެވި ނޫސްވެރިންނެވެ.