މިދިޔަ އަހަރުގެ އެންމެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ސަން އޮފް ސަރްދާރް" އަށް ފަހު އަޖޭ ދޭވްގަން އާއި ސޮނާކްޝީ ސިންހާގެ ޖޯޑް އަނެއްކާ ވެސް އެކުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ފަހަރު އެ ދެ ތަރިން އެކުގައި ފެނިގެންދާ ފިލްމަކީ ސޮނާކްޝީ ހިމަނައިގެން "ރައުޑީ ރާތޯޑް" ޑައިރެކްޓް ކުރި ޕްރަބޫދޭވާ އަލަށް ފަށާ އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ ފިލްމެކެވެ. މި ފިލްމަކީ ބާބާ ފިލްމްސް އިން ގޮރްދާން ތަންވާނީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
ފިލްމްގެ ޝޫޓީން ޖުލައި މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ އިރު، މި ފިލްމްގައި "ވިކީ ޑޯނާ" އިން ފެނިގެން ދިޔަ ޔަމީ ގޯތަމީ ވެސް ފެނިގެން ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން ފިލްމްގެ ވިލަންގެ ރޯލުން ސުނިލް ޝެޓީ ފެނިގެން ދާނެ އެވެ. އަދި އޭނާ ފެނިގެން ދާނީ "އަގްނީޕަތު" ގައި ސަންޖޭ ދަތު ފެނިގެން ދިޔަ ކަހަލަ ބޯ ބާލާފައިވާ، ބެލުންތެރިން ޖެހިލުންވާ ފަދަ ކެރެކްޓާއަކުންނެވެ.
ޕްރަބޫ ދޭވާ މިހާރު މަސައްކަތް ކުރަމުން އަންނަ "ރާމްބޯ ރާޖްކުމާރު" ގެ ބަތަލާއަކީ ވެސް ސޮނާކްޝީ އެވެ. އަދި އަކްޝޭ ކުމާރް ލީޑް ރޯލް ކުޅުނު "އޯއެމްޖީ" ގައި ހިމެނޭ "ގޯ ގޯ ގޯވިންދާ" ލަވައިގައި ޕްރަބޫ އާއި ސޮނާކްޝީ އެކުގައި ހަރަކާތްތެރިވެފައިވެ އެވެ.
ޕްރަބޫ ދޭވާގެ ދެން އެންމެ އަވަހަށް ރިލީޒް ވާނެ ފިލްމަކީ ޕްރޮޑިއުސަރު ކުމާރު ތައުރާނީގެ ދަރިފުޅު ގިރިޝް ތައުރާނީ ބޮލީވުޑަށް ތައާރަފްވާ "ރަމަޔާ ވަސްތާވަޔާ" އެވެ. މި ފިލްމްގެ ބަތަލާއަކީ ކަމަލް ހަސަންގެ ދަރިފުޅު ޝްރުތީ ހަސަން އެވެ.