Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް ސެލިއުޓު ކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިކަމުގެ އަލިމަސްޔޫބިލް ފާހަގަ ކުރި ރަސްމިއްޔާތުގައި، ފޮޓޯ: ރައިސް އޮފީސް

ބޭއިންޞާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް، ސެލިއުޓު ކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ފަސާދައާއި ކޮރަޕްޝަންތަކާމެދު، ދިވެހި ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް ސެލިއުޓު ކުރާ ކަމަށެވެ.

"ބޭއިންޞާފާއި އަނިޔާވެރިކަމާ ދެކޮޅަށް، ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް، އަޅުގަނޑު މިއަދު ސެލިއުޓް ކުރަން. ސަރުކާރުގެ ފަސާދައާއި ކޮރަޕްޝަންތަކާމެދު، ރައްޔިތުން ހޭލުންތެރިކުރުވުމަށް، ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރަން. ހެޔޮ ވެރިކަމަކަށް ޤައުމުގެ މިސްރާބު ބަދަލުވެއްޖެކަން، ރައްޔިތުންނަށް ޤަބޫލުކުރެވުނީ، ނޫސްވެރިން އޭރު ކުރި މަސައްކަތުން"

ރައީސް ސޯލިހު ވިދާޅުވީ ގާނޫނަކުން ބާރު ނުދިނަސް ނޫސްވެރިންނަކީ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށެވެ. އަދި ނޫސްވެރިން ހިފަހައްޓަން ގާނޫނީ ބަނދެލުމެއް އޮންނަން ޖެހޭކަމަށް ގަބޫލް ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"ޤާނޫނަކުން ބާރު ނުދިނަސް، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު. އަދި އެންމެ ނުފޫޒުގަދަ ބާރުވެސްމެ. ވީއިރު، ނޫސްވެރިކަން ހިފެހެއްޓުމަށްޓަކައި ޤާނޫނީ ބަނދެވުންތަކެއް އޮންނަންޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. ނޫސްވެރިކަމުގެ މިނިވަންކަން ދީގެން، މި ސަރުކާރަށް ގެއްލޭނެ އެއްވެސް އެއްޗެއް، އަދި ލިބޭނެ ގެއްލުމެއްވެސް ނޯންނާނެ"

ރައީސް ވިދާޅުވީ ޒަމާނީ ޑިމްކޮްރަސީތަކުގައި ނޫސްވެރިކަމަކީ ސެލްފު ރެގިއުލޭޓު ނިޒާމެއްގެ ދަށުން ހިނގާކަމެއް ކަމަށާއި ނޫސްވެރިންނަށް އެންމެ ރަނގަޅު ގޮތަކީ ނޫސްވެރިން އަމިއްލައަށް އަހްލާގީ އަދި އުސޫލީ ހަމަތައް އެކަށައެޅުން ކަމަށެވެ.