Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ފަސްވަނަބައި)

ދުވަސްތައް ފާއިތުވެދިޔަ ވަރަކަށް ހާދީއަށް ފަސޭހަވަމުން، ހަށިގަނޑަށް ލުއިވަމުން ދިޔައެވެ. ހޮސްޕިޓަލުން ލިބެމުންދާ އެހީތެރިކަމާއިއެކު އުޝާގެ ދެމަފިރިންގެ ފަރާތުންވެސް ހާދީއަށާއި ފަރަހަނާޒްއަށް އެހީތެރިކަން ލިބެމުން ދިޔައެވެ. އިޒްޔަންގެ ތިމާގެ މީހެއްގެ ހައިސިއްޔަތުން، އާއިންވެސް ފަރަހަނާޒް ނުހުންނަ ވަގުތުތައް ބަލައިގެން ހާދީއަށް ޒިޔާރަތްކޮށް ހާލުބަލަމުން ދިޔައެވެ. ހާދީއަށް ރަނގަޅުވާހައި އަވަހަކަށް އެމީހުން ރަށަށް ބަދަލުވާނެ ވާހަކަވެސް ހާދީވަނީ ބުނެފައެވެ. އެހެންކަމުން އާއިން އެކިގޮތްގޮތަށް ވިސްނުމަށްފަހު މިފަހަރުވެސް އުޝާގެ އެހީތެރިކަމަށް އެދުނެވެ. ފަރަހަނާޒްއަށް ކޮންމެވެސް ގޮތަކުން ވިސްނައިދީގެން މާލޭގައި މަޑުކުރެވޭނެ ގޮތެއްވޭތޯ ބެލުމަށް އެދުނެވެ.

" ދެން އާން ތިހާ އާދޭސްކުރަންޏާ ތިކަންވެސް ކޮށްދެވޭތޯ ބަލާނަން…" އާއިން އެވާހަކަ ދެއްކުމުން އުޝާ ބުނެލިއެވެ.
" ވަރަށްބޮޑަށް ޝުކުރިއްޔާ…" އާއިން އުފާވެލާފައި ޖަވާބުދިނެވެ.
" ޝުކުރިއްޔާއެއް ކިޔާނެކަމެއް ނެތް….އަހަރެން މިކަމުގެ ބަދަލު ހޯދާނަން…" އުޝާ ބޮޑުވެލާފައި ބުނެލިއެވެ.
"ހަމަ ފަހަރިބުނި ކޮންމެގޮތެއް…ބުނިކޮންމެ ކަމެއް ކޮށްދެވޭތޯ ބަލާނަން..އެންމެ ރަނގަޅެއްނު؟ " އާއިންވެސް ފޯރިޔާއެކު ބުނެލިއެވެ.
****
ފަރަހަނާޒް މާލެއައިފަހުން އިމާދުގެ ޚަބަރެއް އޭނާއަކަށް ނުވެއެވެ. އޭނާ އެކަމާއިމެދު ނުވެސް ވިސްނައެވެ. އޭނާގެ ބައްޕަގެ އޮޕަރޭޝަން ކުރެވުމުން އޭނާއެހުރީ އެހެންކަމަކާއިމެދު ވިސްނާވަރަށްވުރެ އުފާވެފައެވެ. އޭނާ ފަށްފަށުން ހެއްދެވިފަރާތަށް ޝުކުރުވެރިވެއެވެ. އަދި އުޝާގެ ދެމަފިރިންގެ ހެޔޮކަމަށްޓަކައި އެކަމަށްވެސް އޭނާ ޝުކުރުވެރިވެއެވެ. އަދި މިހާރު އޭނާއަށްވަނީ އާރަހުމަތްތެރިޔަކު ލިބިފައެވެ. އެއީ އޭނާއާއެކު އެޕާރޓްމެންޓް ހިއްސާކުރާ ތޫބާއެވެ. ތޫބާއާއި ފަރަހަނާޒް ގަޔާވީ ތޫބާގެ ހުރި ރީތި އަޚުލާޤުގެ ސަބަބުންނެވެ. އެއީ ދީނަށް ލޯބިކުރާ އެހާމެ ހިތްހެޔޮ ކުއްޖެކެވެ. އިސްލާމިކް ޔުނިވާރސިޓީގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ހީވާގި ކުއްޖެކެވެ. ދެކުދިން އެއްތަން ވެއްޖެނަމަ ގިނަފަހަރަށް ވާހަކަދެކެވެނީ ދީނީ ކޮންމެވެސް ކަމަކާއި ގުޅޭގޮތުންނެވެ. ފަހަރަނާޒްއަށް ކުރިން ނޭނގޭ ދީނީ ކިތަންމެ ކަމެއް ތޫބާގެ ފަރާތުން ދަސްވެއްޖެއެވެ.

" އަހަރެންވެސް ހިތަށްއަރާ އިތުރަށް ކިޔެވޭނެ ނަމައޭ….ވަރަށް ވޭ އިސްލާމު ޓީޗަރަކަށް ވާހިތް….އެކަމު ކީއްކުރާނީ…ހާލަތުހުރިގޮތުން އިތުރަށް ކިޔެވޭކަށްވެސްނެތް…" އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރޭގައި ފަރަހަނާޒް ދެރަވެލާފައި ބުންޏެވެ.
" ވަޒީފާއެއް ހޯދަންވީނު….އޭރުން ކޯސްފީ ދެއްކޭނެއްނު….ދެން އަހަރެން ދޮންބެގާތު ބުނެގެން ނާޒްއަތުން ހަމައެކަނި ކެއުމުހެ ޚަރަދުނަގާގޮތަށް މިތާ ހުރެވޭނެ ގޮތް ހަދާދީފާނަން…." ތޫބާ އެދުނެވެ.

" އެކަމު…އެހެން ކިހިނެއްވާނީ….އަހަރެން ކިހިނެއް ތޫބާއާ އެއްވަރަށް ކުލިނުދީ މިތާ ހުންނާނީ…އެއީ އެއްވެސްގޮތަކުން އިންސާފަކަށް ނުވާނެއްނު…." ފަރަހަނާޒް ކަންބޮޑުވެލާފައި ބުންޏެވެ.

" ނޫނޭ…އެކަމާ ހާސްނުވެބަލަ!….އަސްލު ދޮންބެ ދިއުމުގެ ކުރިން އޮތީ މިއަހަރުގެ ބާކީ އޮތްތަނަށް އެއްކޮށް ކުލިދައްކަދީފަ….އަހަރެން އެކަނި ބަހައްޓާފަ ދާންޖެހޭތީ އޭނަ އޮތީ އެކަންކޮށްދީފަ….ދެން ކަރަންޓްބިލާ ފެނާ، ކެއުމުގެ ޚަރަދެއްނު އޮންނާނީ….އަހަރެމެން ދެމީހުންނަށް އެކަން ހަމަޖެއްސޭނެއްނު…" ތޫބާ އޮޅުން ފިލުވައިދިނެވެ.

" ސުބުޙާނަﷲ….އެހާގިނަރުފިޔާ އެއްފަހަރާ ކިހިނެއް ދެއްކީ؟…." ފަރަހަނާޒް ހައިރާންވެފައި ސުވާލުކޮށްލިއެވެ.

" އަސްލު ދޮންބެއަކީ ވިޔަފާރިވެރިއެކޭ….އޭނަގެ އަންހެނުން ކޯހެއްހަދަން ޖެހޭތީ އެއްއަހަރު ދުވަހަށް މިސްރަށް ބަދަލުވީ….އެނގޭތަ އަލިމަސްފޭރާން 1 އަދި 2 ؟ އެއީ ދޮންބެގެ ދެފޮތި ފިހާރަ….ވަރަށް ވިޔަފާރިވާނެ ދެތަނުންވެސް….އެހެންވީމަ އަހަރެންނަށް އެއްވެސް ދައްޗެއްނުވެ މިތާ މިއުޅެވެނީ…." ތޫބާ އޮޅުންފިލުވައިދިނެވެ.

" އެހެންތަ؟…ދޮންބެ ހިތްހަމަޖެހޭނެތަ މިތާހުރީމަ…." ޔަޤީންކުރުމުގެ ގޮތުން ފަރަހަ އަހާލިއެވެ.

" އާނ…ދޮންބެ ކުރިންވެސް ބުނެފައޮތީ ރަށުކުއްޖަކުވެސް މިގެޔަށް ގެންނަންވީ ނޫންހޭ؟…އެކަމު އަހަރެންނަށް އެހާ އިތުބާރު ނުކުރެވޭތީ ކުއްޖަކު ނުގެންނަންވެގެން ހުރީ….ދެން ނާޒްމެން އަންނަން ބުނުމުން ، އުޝާދައްތައަށް އިތުބާރުކޮށްފަ އަހަރެން އެއްބަސްވީ…." ތޫބާ އޮޅުން ފިލުވައިދިނެވެ.

" އެކަމު އަހަރެންނަށް ކިހިނެއް ރަނގަޅުވަޒީފާއެއް ލިބޭނީ؟…އަހަރެންނަކީ ހަމައެކަނި އޯލެވެލް ފެންވަރުހުރިމީހެއް…ކިހިނެއް ރަނގަޅު ވަޒީފާއެއް ލިބޭނީ….މިއަހަރަށް ދެން ކުލިދައްކަން ނުޖެހުނަސް އަހަރެން މިތާހުންނަންޏާ ފަހުން ކުލިވެސް ދައްކަން ޖެހޭނެއްނު…" ފަރަހަ އުއްމީދެއް ނެތްގޮތަކަށް ބުނެލިއެވެ.

" ދެން ތިހާ ކަންބޮޑުނުވެބަލަ! މިމާލޭގަ ބައިވަރު ވަޒީފާތައް އެބައޮތް….ހަމަކުޑަހިތްވަރެއް ކޮށްލަންޖެހޭނީ….ވަރަށްހާލުގަ އުޅެގެން ކިޔަވާކުދިންވެސް އަހަރެންނަށް އެނގޭ…އެހެންވީމަ އެހާއަވަހަށް މާޔޫސްވާ އެއްޗެއްނޫން…" ތޫބާ ފަރަހައަށް ހިތްވަރުދިނެވެ.

އުޝާއަށް ތޫބާގެ ފަރާތުން ފަރަހަނާޒް ކިޔަވަން ބޭނުންވާކަން އެނގުނު ހިސާބުން ފެށިގެން އޭނާ އެކަން އާއިންއާ ހިއްސާކުރިއެވެ.

" ހޫމް…އޭގެ މާނައަކީ އޭނާއަށް ކިޔެވޭނެ ގޮތް ވެއްޖެނަމަ އޭނަ މަޑުކުރާނޭ ދޯ؟…" އާއިން ވިސްނާލާފައި ބުންޏެވެ.

" އާނ…ތޫބާދެއްކި ވާހަކަތަކުން މަށަށް ދޭހަވީ އެގޮތަށް" އުޝާ އޮޅުން ފިލުވައިދިނެވެ.

" ހޭއި…ކިހިނެއްވާނީ ސެލޫންއިން އޭނާއަށް ވަޒީފާއެއްދިނުން…މުސާރަ އަހަރެންދޭނަން…" އާއިން އެދުނެވެ.

" އާން މޮޔަވީތަ؟…އޭނަ ކިހިނެއް އެތާ މަސައްކަތްކުރާނީ…..އޭނާއަށް އެނގޭކަހަލަ މަސައްކަތެއް އެތާކު ނުހުންނާނެ…." އުޝާ ސީރިއަސްކާމާއެކު ބުނެލިއެވެ.

" އޭނަ ރިސެޕްޝަނުގަ ބޭންދޭނެއްނު…އޭނާއަށްވެސް ފޯނުކޯލުތަކަށް ޖަވާބުދޭން އެނގޭނެ ކަންނޭނގެ…" އާއިން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

" ހޫމް….ދެން ކީކޭ މަބުނާނީވެސް….އާން ތިހުރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ….މުޅިއުމުރަށް އޭނާއަށް އެހީވާން ބޭނުންވާއިރު، ކީއްވެތަ އޭނައާ ކައިވެނި ނުކުރަނީ؟…އޭރުންގައިމު ތިހެން އުޅޭކަށްވެސް ނުޖެހޭނެވިއްޔަ؟…ދުވަސްކޮޅަކުން ބޮޑު ކުންފުންޏެއްގެ ވެރިއަކަށްވާނެ…ކޮންކަމަކާ ވިސްނަންވީ…އެކުއްޖާއަށް އަށާރަ އަހަރުފުރުނުހާ އަވަހަކަށް އިންނަންވީނު.." އުޝާ ފަތިވަރެއް އަމުނާލިއެވެ.

" ހޫމް…އަނެއްކާ އެއްކަލަ ބަނދިވަރު ކިޔަންފެށީ….ނިކަމެއްޗަކަށް އެހީވާންބޭނުންވާހާ ފަހަރަކު އެމީހަކާ އިންނަން ވެއްޖެއްޔާ ކޮބާ ސަލާމަތެއް…އެހެންނޫނަސް މަ މިހާރު ކިތަންމެ ފަހަރަކު ބުނެފިންދޯ މަ ނުދެކެމޭ އެފަދަ ނަޒަރަކުން….ހައްތަހާވެސް ނުބައިމީހެއްގެ ކިބައިން އެކުއްޖާ ސަލާމަތްކޮށްދޭން މިއުޅެނީ…" އާއިން އޭނާ ފަރަހަނާޒަށް އެހީވާ މަޤުސަދަކީ ކޮބައިކަން އަނެއްކާވެސް އުޝާއަށް ސާފުކޮށްދިނެވެ.

އާއިންގެ އެދުމުގެމަތިން އުޝާ އިސްވެ، ވަޒީފާގެ ފުރުސަތު އޭނާގެ ސެލޫންގައި އޮތްކަމަށްބުނެ ފަރަހަނާޒަށް އެކަން ހުށަހެޅިއެވެ.

" އުޝާދައްތައަށް ކިހިނެއް އެނގުނީ އަހަރެން ވަޒީފާއެއް ހޯދާކަން…" ފަރަހަނާޒް ހައިރާންވެފައި އަހާލިއެވެ.
" ތޫބާގެ ފަރާތުން…." އުޝާ ހަމަޖެހިލާފައި ޖަވާބުދިނެވެ.

" އުޝާދައްތަ ކީއްވެ އަހަރެންނަށް ތިހާ ރަނގަޅީ؟…އަހަރެން ކިހިނެއް ތިއިހުސާންތެރިކަން ދުވަހަކުވެސް އަދާކުރާނީ؟.." ފަރަހަނާޒް ދެރަވެލާފައި ބުންޏެވެ.

" ނާޒް….އަހަރެން އެއްވެސް އިހުސާންތެރިކަމެއް ނުކޮށްދޭން….އަހަރެންގެ ސެލޫންގަ ވަޒީފާއެއް އޮތީމަބުނެލީ…" އުޝާ އަވަސް އަވަހަށް ބުނެލިއެވެ.
****
ދުވަހަކަށްފަހު ދުވަހެއް ފަރަހަނާޒްގެ ޙަޔާތުން ވޭތުވަމުން ދިޔަވަރަކަށް އޭނާގެ ޙަޔާތަށް އުފާވެރިކަން ވެރިވަމުންދިޔައެވެ. އޭނާއަށް އެނގުމަކާއިނުލައި ފަސޭހަކަމާއެކު އޭނާގެ ބޭނުންތައް ފުދެމުންދާތީ ޚުދުއޭނާހުރީ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އެކަންކަމުގެ ފަހަތުގައި އެހެން މީހެއްގެ އެހީތެރިކަމުގެ އަތެއްވާކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއާމެދު ކަންބޮޑުވެ ވިސްނާ މީހަކު ހުރިކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާ ހުރިހާ ކަމަކަށްވެސް ޝުކުރުވެރިވަނީ ހެއްދެވި ފަރާތަށެވެ. އުޝާއާއި ތޫބާފަދަ ދެމީހުން އޭނާގެ ހަޔާތަށް އައުމަށް މެދުވެރި ކުރެއްވީތީއެވެ.

ފަރަހަނާޒްއަށް ކޯސް ލިބުމާއެކު، އޭނާގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް ވަޒީފާގެ ގަޑިތައް އުޝާ ހަމަޖައްސައިދިނެވެ. އެކަމަށްޓަކައިވެސް ފަރަހަނާޒް އުޝާއަށް ޝުކުރުވެރި ވިއެވެ. އޭނާއަށް ވަޒީފާއެއްލިބި ކިޔެވުމުގެ މަގުވެސް ފަހިވުމުން ހާދީ ހުރީ އިންތިހާއަށް އުފާވެފައެވެ. މިހާރު ހާދީއަށް އޭނާގެ އަމިއްލަ ނަފްސައިގެން އުޅެވޭވަރު ވެއްޖެއެވެ. އެއް އަހަރުވާންދެން މަހަކު އެއްފަހަރު ޑޮކްޓަރަށް ދައްކަން ޖެހުނުނަމަވެސް އޭނާއަކީ މިހާރު އެހެންމީހުންފަދަ ކުޅެދޭމީހެއްގެ އިހުސާސް އޭނާއަށް ކުރެވެއެވެ. ބުރަމަސައްކަތެއް ކުރެވެން ނެތީތީ ކޮންމެ ކޮންމެ ވަޒީފާއެއް އަދާކުރެވޭކަށްނެތެވެ. ނަމަވެސް އޭނާއަށް އަދާކުރެވޭފަދަ ހައްޓަށްލުއި ވަޒީފާއެއް ލިބިއްޖެނަމަ އޭނާއަދިވެސް ހުރީ އެކަމެއްކުރަން ތައްޔާރަށެވެ. އޭނާގެ ދަރިފުޅަށް ބުރަޔަކަށްވެގެން ދެއަތްއުރާލައިގެން ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

މާސްޓަރއަށްފަހު ބޮޑު ޗުއްޓީއެއް ހޭދަކުރުމަށްފަހު، އާއިން އޭނާގެ ބައްޕަގެ ކުންފުނި " ސިލްކް ރޯޒް" އާގުޅުނެވެ. އެއީ ރާއްޖެއަށް މުޅިން އަލަށްތަޢާރަފުވެގެން ދިޔަ، ތަފާތު ވައްތަރުގެ ފޭރާން އުފައްދާ ކުންފުންޏެކެވެ. އެކުންފުނި ވުޖޫދަށް އައިއިރު އެއީ މާބޮޑު މާރކެޓެއް ރާއްޖޭގައި އޮތްކަމެއް ނޫނެވެ. ނަމަވެސް މިހާރު، ދުވަހެއް ދުވަހަކަށް ކުންފުނީގެ ވިޔަފާރިދަނީ ފުޅާވަމުންނެވެ.

އާއިން އޭނާގެ ކުންފުނީގައި ގަޔާވެގެން މަސައްކަތްކުރަން ފެށިއިރު، މާޒްވެސް އޭނާގެ ބައްޕަގެ ކުންފުނި " ބްލޫސީ ކޮންސްޓްރަކްޝަން" އާ ގުޅުނެވެ. ރާއްޖޭގައި ނަންހިނގައި މަޝްހޫރު ބޯޓްފަހަރުތަކާއި ލޯންޗް ފަހަރުތައްވެސް އެކުންފުނިންވަނީ އުފައްދާފައެވެ. ދެމީހުންވެސް އެމީހުންގެ ބުރަ ދިރިއުޅުމައިގެން ކުރިޔަށް ދިޔަނަމަވެސް ދޭތެރެއަކުން ފޯނުންގުޅައި ވާހަކަދައްކައެވެ. އަދި ހުސްވަގުތެއް ލިބިއްޖެނަމަ ކޮންމެވެސް ކޮފީޝޮޕަކުން ބައްދަލުކޮށް ކަންކަމާއިމެދު މަޝްވަރާކުރެއެވެ.

" ކޮބާ މިހާރު ނާޒްގެ ޚަބަރަކީ؟…" އެއްދުވަހު ކޮފީއެއްގައި އިނދެ މާޒް އަހާލިއެވެ.

" ކީއްވެ އަހަރެންގާތު ތިއެހީ؟…މާޒްވެސް ތިހާ އެނގެންބޭނުމިއްޔާ އަމިއްލަ އޭނާ އުޅޭނޫޅޭގޮތް ބަލަންވީނު.." ފަރަހަނާޒްއާ ބެހޭ ހުރިހާކަމެއް ވަރަށްގާތުން ބަލަމުންދާއިރުވެސް ނޭނގޭކަމަށް ހަދަމުން އާއިން ބުނެލިއެވެ.

" އައްދެ…މަށެއްނޫން ކަންނޭނގެ ނާޒް ނުފެނިގެން ޔުނިވާރސިޓީ ދޮރުމަތީ މުގޯލިއަޅަނީކީ….އަދި އިރު އިރުކޮޅުން މިކޮފީޝޮޕަށް އަންނަނީ ކީއްވެގެންކަންވެސް މަށަށް އެނގޭ….ކޮންމެ ދުވަހަކުވެސް މިގަޑީގަ އެހެރަ ރެސްޓޯރެންޓަށް ނާޒް އަންނާތީއެއްނު މިތާ ތިއިންނަނީ…..ތިހެން ދުރު ދުރުން ނޫޅެ ގޮސް ބުނެބަލަ މަމިހުރީ ނާޒްދެކެ ލޯބިން ދީވާނާވެފައޭ ބުނެބަލަ!…" މާޒް މަލާމާތުގެ ރާގެއްގައި ފަތިވަރެއް އަމުނާލުމުން އާއިން ލޯހަނިކޮށްލިއެވެ.

" އަހަރެން ނަމަ މިހާރު ގޮސް ބުނެފީމުސް…..ތިހާ ފިނޑިވެގެން ތިކަމެއްނުވާނެ…" މާޒް އަނެއްކާވެސް ބުންޏެވެ.

" މާޒް…ތިދެން ކޮންކަމެއް….އަހަރެން މިތަނަށް ކޮފީބޯން އަންނަނީ މިތާކޮފީ މީރުވީމަ….ތިނާޒް ފެނުމުގެ ކުރިންވެސް މަ މިތަނަށް އަންނަން…އެހެންނޫނަސް މަކީއްކުރަންތަ އޭނާ އުޅޭނޫޅޭ ގޮތް ބަލަންވީކީ؟…މަ އެންމެ ފަހަރަކު އޭނައަށް އެހީވިއެއް ކަމަކު މިހާރު އޭނައެއުޅެނީ އަމިއްލަ މަސައްކަތުން…ދެން މަކީއްކުރަން ވިސްނަންވީ އޭނަޔާމެދު…" އާއިން އަދިވެސް މާޒްއަށް އޮޅުވާލެވޭތޯ ބެލިއެވެ.

" ހޫމް..ދުވަހަކުވެސް އެއްބަސްނުވާތި….އަދި މަށަށް ނޭނގޭކަމަށް އޮޅުވާލަން އެބައުޅެޔޭ…..އޭނަ ވަޒީފާއަކަށް ދަނީ އުޝާގެ ސެލޫންއަށްކަން މަށަށްވެސް އެނގޭ….އެކަމު މުސާރަދެނީ ކާކު؟..އާންގެ ޖީބުން.." ކުއްލިއަކަށް މާޒްބުނި އެއްޗަކުން އާއިން ބަލާލީ ހައިރާންކަމާއެކުގައެވެ. އޭނާގެ އެސިއްރުވެސް މާޒްއަށް ފަޅާއެރީތާއެވެ.

" ހިތުން މަށަށް ސިއްރުކޮށްގެންނެއްނު ތިހުރީ؟…އެއްދުވަހަކު އިޒީއަށް އޮޅިގެން މަގާތު ބުނެވުނީ އެހެން…" މާޒް އޮޅުން ފިލުވައިދިނެވެ. އާއިން އެއްޗެއް ނުބުނެ ހިމޭނުން އިނީ އިތުރަށް ބުނާނެ އެއްޗެއް ނެތީތީއެވެ.

" އާން….ކީއްވެތަ އާންގެ ކުންފުނިން އޭނާއަށް ވަޒީފާއެއްނުދެނީ….އާންގެ ޕީއޭކަން އޭނާއަށް ދޭންވީނު….އޭރުން އަބަދުވެސް ފެނިފެނިއެއްނު ހުންނާނީ…" އާއިން މަޑުންއިނުމުން އަނެއްކާވެސް މާޒް ދިމާކޮށްލިއެވެ.

" އަޖާއިބެއްވަރު ކަމެކޭ….މަނޫޅެމޭ އޭނަ ނުފެނިގެންނެއް….މަށަށް ހީވަނީ މާޒް އޭނައާ ހިތާވީހެން….ދެން އޭނަގެ ވާހަކަ މަގޭގާތުގަ ދައްކައިގެން ނުވާނެ….ހަމަ ރަނގަޅަށް މިބުނީ ދެން ނުވެސް ގުޅާނަން ކޮފީއަކަށް އަންނާކަށްވެސް…." އާއިން ރުޅިއަންނަކަމަށް ހެދިފައި ބުންޏެވެ.

" އާނ…އޭރުންތާ މިތާ އެނކަނި އިނދެގެން ހިތްފުރޭންދެން ނާޒްއަށް ބެލޭނީ….." މާޒް އަދިވެސް ހުރީ ހުއްޓާގޮތަކަށް ނޫނެވެ.

އެހެންކަމުން އާއިން ލޯއަޅާލަމުން އިންތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. މާޒްވެސް ހެމުން ހެމުން ތެދުވެ އާއިންގެ ފަހަތުން ހިނގައިގަތެވެ. އާއިން މަޑުކޮށްވެސް ނުލައި ކޮފީޝޮޕުން ނުކުމެގެން ދިއުމުން މާޒް ބިލްދައްކާފައި އަވަސް އަވަހަށް ނުކުތެވެ. އޭރު އާއިން އޭނާގެ ކާރަށް އަރައިފިއެވެ. މާޒް އެދިމާއަށް ގޮސް ގޮސް ހުއްޓައި އާއިން ކާރު ދުއްވާލައިފިއެވެ.

" ވަރެއްގެ ފިރިހެނެއް ހުވާ…" މާޒް ޗޮކެއް ކަނޑާލަމުން ގޮސް، ފޯނު ނަގައި އިޒްޔަންއަށް ގުޅާލިއެވެ.

" އާނ….ކީކޭ ބުރޯ…" އިޒްޔަން ފޯނުނެގުމާއެކު އެހިއެވެ.

" އޭތް އާދެބަލަ އެއްކަލަ ކޮފީޝޮޕް ކައިރިއަށް މަބަލާ….އާން ކޮފީއެއްބޯން އަންނާށޭބުނީމަ…އޭނާއާއެކީ ކާރުގަ މިއައީ…އެކަމު މަށަށްބުނެވުނު އެއްޗަކުން ރުޅިއައިސްގެ ހިނގައްޖެ މަ ބަހައްޓާފަ…" މާޒް އޮޅުން ފިލުވައިދިނެވެ.

" އޯކޭ އޯކޭ..އެބަދާން…" އިޒްޔަން ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

އިރުކޮޅެއްގެ ތެރޭގައި އިޒްޔަން އައުމުން މާޒް އޭނާއާއެކުގައި އާއިންގެ އޮފީސް ކައިރިއަށް ގޮސް ސައިކަލު ނަގައިގެން އެނބުރި އޭނާގެ އޮފީހަށް ދިޔުމަށް މިސްރާބުޖެހިއެވެ. އެމަންޒަރު ބަލަން ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި އާއިންގެ ގާތަށް ހިނިއައެވެ. އާއިން އެނބުރި އޭނާއަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށްވަދެ ގޮނޑީގައި ހަމަޖެލިލަމުން ދެލޯމަރާލިއެވެ. އެއާއެކު ފަރަހަނާޒްގެ ސާދާމޫނު އޭނާއަށް ސިފަވެގެން ދިޔައެވެ. އޭނާ ކިތަންމެ ބުނަން ބޭނުން ނުވީކަމުގައި ވިޔަސް އެއަންހެން ކުއްޖާގެ ސަބަބުން އޭނާގެ މިޒާޖަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެއަންހެން ކުއްޖާ އުޅޭ ނޫޅޭގޮތް ސިއްރު ސިއްރުން އޭނާ ބަލަމުން ދިޔައެވެ. މާޒް ބުނިފަދައިން ކޮންމެ ދުވަހަކުވެސް އެކޮފީޝޮޕަށް އޭނާއަށް ދެވެނީ ހަމައެކަނި ކޮފީގެ މީރުކަމުން ނޫންކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ނެޝަނަލް ލައިބްރަރީއަށް ފޮތް ކިޔަން އޭނާ ދާންފެށީވެސް، އޭނާއަކީ ކޮންމެހެން މާބޮޑަށް ފޮތްކިޔާ ހިތްވާ މީހަކަށް ވާތީއެއްނޫނެވެ. ނަމަވެސް އެތާއިނދެގެން އޭނާ ބަލަމުންދަނީ ފަރަހަނާޒް އުޅޭ ނޫޅޭގޮތެވެ. ފަރަހަނާޒްއަކީ ފޮތް ކިޔާހިތްވާ ކުއްޖެއްކަމުން އޭނާ އިސްލާމި ލައިބްރަރީއާއި ޤުރުއާނާބެހޭ މަރުކަރުގައި ހުންނަ ލައިބްރަރީއަށްވެސް ދެއެވެ. އާއިންވެސް އެތަން ތަންތަނަށް ވަދެ ފޮތްނަގައިގެން މޭޒެއްގެ ދޮށުގައި ކިތަންމެ އިރަކު އިންނަމަވެސް އެންމެ އަކުރެއްވެސް އޭނާއަކަށް ނުކިޔެއެވެ. އެހެންނޫނަސް އެތަންތާނގައި ހުންނަނީ އޭނާ މާގަޔާވާޒާތުގެ ފޮތްތަކެއްވެސް ނޫނެވެ.

މިއީވެސް އާއިން ފަރަހަނާޒްގެ ފަސްފަހަތުން މުގޯލިއަޅަމުން ދިޔަ ދުވަހެކެވެ. ތޫބާއާއި ފަރަހަނާޒް ޔުނިވާރސިޓީއިން ގެޔަށްއައި މަގުމަތީގައި ފެނުނު ފޮތްފިހާރައަކަށް ވަނެވެ. އެއީ އާއިންގެ ބައްޕަގެ ރައްޓެއްސެއްގެ ފިހާރައެކެވެ. އެހެންކަމުން ޖެހިލުންވެފައި ހުރެވެސް އާއިންވެސް އޭނާގެ ސައިކަލު މަގުގެ އެއްކައިރިއެއްގައި ޕާރކް ކުރުމަށްފަހު އައިސް އެފިހާރައަށް ވަނެވެ. ފަރަހަނާޒްއާ ތަންކޮޅެއް ދުރުގައި ހުރެގެން އާއިން އޭނާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ފަރަހަނާޒް ގަޔާވެގެން ފޮތްތައް ބަލަމުންގޮސް ފޮތެއް ނަގައިފިއެވެ. ފޮތުގެ ގަނޑުތައް އުކާލަމުން ކުޑަކޮށް ކިޔާލިއެވެ.

" އަޅެ ހާދަ ކިޔާހިތްވާކަހަލަ ފޮތެކޭ…..ވަރަށް ބޭނުން…އެކަމު ހާދަ އަގުބޮޑޭ….ދެން މުސާރަ ލިބުނީމަ ގަނެވޭނީ…" ތޫބާ މުޚާތަބުކޮށް ފަރަހަނާޒް ބުނެލިއެވެ.

" އަހަރެންގެ އަތުގަވެސް ރުފިޔާ ނަގާފައެއް ނެތް… މިތާހުރި މެޝިންވެސް ހަލާކުވެފަ ހުރެގެން ކުރިން ދުވަހުވެސް ކާޑަކުން ނުކެނޑުން…" ތޫބާވެސް ދެރަވެލާފައި ބުންޏެވެ.

" އޯކޭ…ދެން އަޅާނުލާ ފަހުން ގަންނާނީ…" ފަރަހަ ފޮތްބޭއްވުމަށްފަހު ދާން ހިނގައިގަތެވެ. އާއިން އަވަސް އަވަހަށް އެފޮތް ނަގައިގެން އެކުދިންނަށްވުރެ ކުރިން ކައުންޓަރު ކައިރިއަށް ގޮސް ފޮތަށް ރުފިޔާ ދެއްކިއެވެ.

" އޭތް އައްޔަ…ކޮންމެވެސް ގޮތަކުން މިފޮތް އެތިބަ ދެކުދިންނަށް ދީބަލަ…ކޮންމެ ބަހަނާއެއް ދެއްކިޔަސް އޯކޭ…" ފިހާރައިގައި ސޭޓަކަށް އިން އަލީގެ ގާތަށް ގުދުވެލާފައި ތޫބާމެން ދައްކާލަމުން ސިއްރު ސިއްރުން އާއިން ބުންޏެވެ. އަދި އަލީއަށް ޖަވާބެއް ނުދެވި އުޅެނިކޮށް އޭނާ ފިހާރައިން ނުކުތެވެ.

" ތިބޭފުޅުން ވަރަށް ނަސީބު ރަނގަޅު…މިއަދު މީ މިފިހާރައިގެ އަހަރީ ދުވަސް…ތިޔައީ މިއަދުގެ ސަތޭކަވަނަ ކަސްޓަމަރު…އެހެންވީމަ މިއޮތީ ތިބޭފުޅުންނަށް ލިބުނު ހަދިޔާއެއް…" ތޫބާ ގަތްގަލަމަށް ރުފިޔާދިން ވަގުތު، އެއްކަލަ ފޮތް ދިއްކޮށްލަމުން ހިނިތުންވެފައި ސޭޓް ބުންޏެވެ. އެވަގުތު ފަރަހަނާޒްއާއި ތޫބާއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ.
*****
ހަލުވި ކަމާއެކު ދުވަސްތައް ފާއިތުވަމުން ދެއެވެ. ފަރަހަނާޒް ހިތްވަރާއި ފޯރިއާއި އެކު ކިޔެވުމުގައި އަވަދިނެތި އުޅެއެވެ. ކިޔެވުމުގެ ކަންކަމުގައި ތޫބާގެ އެހީތެރިކަންވެސް އޭނާއަށް ވަރަށްބޮޑަށް ލިބެއެވެ. އެހެންކަމުން މާބޮޑު ދަތިކަމަކާއި ނުލައި އެސައިމެންޓްތައްވެސް ހަދާލެވެއެވެ. މިއަހަރަކީ ތޫބާގެ ޑިގްރީ ކޯހުގެ އެންމެ ފަހު އަހަރެވެ. ނަމަވެސް ފަރަހަނާޒް ކިޔަވަމުން އެދަނީ ޑިޕްލޮމާއެވެ. އޭނާގެވެސް އުއްމީދަކީ ތޫބާފަދައިން ޑިގްރީ ހެދުމެވެ.

ކޮންމެ ދުވަހަކުވެސް "ބްރޭކް" ލިބުމުން ފަރަހަނާޒްއާއި ތޫބާ ސައިބޯންދަނީ ޔުނިވާރސިޓީ ކައިރީގައި ހުންނަ، މިހާރު އެންމެ ނަން ހިނގާ ރެސްޓޯރެންޓްކަމަށްވާ ލިލީއަށެވެ. މިއަދުވެސް އެދެކުދިން ލިލީއަށް ގޮސް މޭޒެއްގެ ދޮށުގައި އިށީނެވެ.

" އޭތް…މަގޭ ފޯނު….ހަނދާންނެތި ކުލާހުގަ ލައިބްރަރީގަ ކައުންޓަރމަތީ ބާއްވާފަ ކަންނޭނގެ މިއާދެވުނީ…އެބައަންނަން ހިފައިގެން…" ތޫބާ އެހެންބުނަމުން ހަލުވިކަމާއެކު ތެދުވެގެން ގޮސް ރެސްޓޯރެންޓުން ނުކުތެވެ.

ތޫބާ ދިއުމުން ފަރަހަނާޒް އޭނާގެ ދަބަހުން ފޮތެއް ނަގައިގެން ކިޔަންފެށިއެވެ. ކިރިޔާވެސް ވަގުތެއް ލިބިއްޖެނަމަ އޭނާ ފޮތަކުން ސަފްހާއެއްނަމަވެސް ކިޔައެވެ. ފަރަހަނާޒް އިސްޖަހައިގެން އިންދައި ކޮންމެވެސް މީހަކު އޭނާއިން މޭޒުގެ އަނެއްފަރާތުގައި އިށީނެވެ.
" ކޮބާ ފޯނު.ފެ.." ފަރަހަނާޒް އޭނާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ އެއީ ތޫބާ ނޫންކަން އެނގުމުންނެވެ.
ނުނިމޭ