ބައިނަލްއަގްވާމީ ފެންވަރުގެ ނޫސްވެރިކަމުގެ އިނާމެއް ލިބިލެއްވި ފުރަތަމަ ދިވެއްސަކީ ކުރީގެ ރައީސް އަދި ލިޔުންތެރިޔާ މުހައްމަދު ނަޝީދު، އަންނިއެވެ.
ނޫސްވެެރިއެއްގެ ގޮތުގައި ހަޔާތުގެ ބޮޑުބައި ހޭދަ ކުރެއްވި އަދިވެސް މިދާއިރާގައި ދެމި ހުންނެވި މުހައްމަދު ނަޝީދަކީ ދިވެހި ރާއްޖެ ބަދަލުކޮށްލި ނޫސްވެރިއެކެވެ. "ސަންގު" ނޫހާއި "މިނިވަން"އަކީ ނަޝީދުގެ ހިއްސާ ބޮޑު މަސައްކަތްތަކެވެ. ރާއްޖޭގައި ނޫސްވެރިވެރިކަން ވަރަށް ހަނިކޮށް އޮތް ދުވަސްވަރު ވެސް ނަޝީދަކީ ޖެހިލުން ކުޑަ ނޫސްވެރިއެކެވެ. އޭގެ ސަބަބުން ޖަލުގެ އަނދިރިކަމާއި ކުރިމަތިލާން ޖެހުނެވެ.
1990 ވަނަ އަހަރު ސަންގު މަޖައްލާއިން ނޫސްވެރިކަމަށް ނިކުންނެވި ނަޝީދު އަވައްޓެރި ލަންކާއަށް އަރުވާލެވިގެން ހުންނަވައިގެންވެސް ވަނީ ނޫސްވެރިއެއްގެ ދައުރު އަދާކޮށްފައެވެ. އަދި ރާއްޖޭގެ ފެހި ގާނޫނު އަސާސީ އެކުލަވާލައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަންދީ، ނޫސްވެރިންނަށް ފުރުސަތު ދިނުމަށް ރާއްޖޭގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ. މީގެ އިތުރުން ރައީސް ކަމަށް ވަޑައިގެން ނޫސްވެރިކަމަށް ވަރަށް ބޮޑަށް ޖާގަ ދެއްވިއެވެ. މިހާރުވެސް ލިޔުންތެރިއެއްގެ ގޮތުގައި ދެމިހުންނެވި ނަޝީދު ވަރަށް ފަހަކާއި ޖެހެންދެންވެސް މިނިވަން ނޫހަށް ލިޔުއްވިއެވެ.
ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ އެންމެ ބޮޑު ފަޅުކަމަކީ އެރަސްމިއްޔާތުން ރައީސް ނަޝީދު ވަޑައިގެން ނެތުމެވެ. މި ވަގުތު ޕޮލެންޑުގައި ހުންނެވި ނަޝީދު ހަފްލާގައި ނެތުމުގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަ ކުރެވުމުނު ކަމަކީ ނަޝީދު ނޫސްވެރިކަމަށް ކުރެއްވި ބުރަ މަސައްކަތް މީޑިއާ ކައުންސިލަށް ބަލައި ނުގަނެވުނު ކަމެވެ.
ނޫސްވެރިކަމުގެ ދާއިރާއިން ރަން ގަލަން އަށް ބޭފުޅަކަށް އެރުވިއެވެ. އަދި އަށް ބޭފުޅަކަށް އަލިމަސް ޝަރަފުގެ ގަލަން އެރުވިއެވެ. މީގެ ތެރެއިން ރަން ގަލަން އެރުވުނު ނޫސްވެރިންގެ ބައެއް ނޫސްވެރިން އަދިވެސް ހުއްޓާނުލައި ނޫސްވެރިކަމުގައި އެބަ ތިއްބެވިއެވެ. އަދި ބައެއް ބޭފުޅުން ވަނީ މި ދާއިރާއިން ކޮންމެވެސް ވަރަކަށް ދުރަށް ވަޑައިގެންފައެވެ.
ރޭގެ އެވޯޑު ހަފްލާއަށް ފަހު ބައެއް ފަރާތްތަކުން ދަނީ ރައީސް ނަޝީދު ނޫސްވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތް ބަލައި ނުގަތުމުން ފާޑު ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ނަޝީދުގެ ސަޕޯޓަރުން ވަނީ އެކަން ފާހަގަކޮށްފައެވެ.
މިފަދަ ހަފްލާައެެއްގައި ނަޝީދު ކުރެއްވި އަގުހުރި މަސައްކަތް ބަލައި ނުގަތުމުން އެކަން ސަޕޯޓަރުންނަށް ހަޖަމްކުރަން ފަސޭހަވި މަންޒަރެއް ނުފެނެއެވެ.