Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

ފްރާންސުގައި ބަޑިޖަހާ ތިން މީހުން މަރާލައިފި

getty

ފްރާންސުގެ ސިޓީއެއް ކަމަށްވާ ސްޓްރެސްބޯގް ގައި ރޭގެ ވަގުތެއްގައި ބަޑި ހިފައިގެން ހުރި މީހަކު އާންމުންގެ ތެރެއަށް ބަޑި ޖަހައި ތިން މީހަކު މަރާލައިފިއެވެ.

ފްރާންސު ފުލުހުން ވަނީ އޭނާ ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ދެފަހަރު މަތިން ހަމަލާ ބަދަލުކުރުމަށް ފަހު ވެސް ބަޑި ޖެހި މީހާ ވަނީ ފުލުހުންނަށް އަތުނުވެ ފިލާފައެވެ.

ފްރާންސުގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން މިހާރު ވަނީ މިމައްސަލައާ ގުޅިގެން ތަހުގީގެއް ފަށައި، އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އޭނާއަށް ނުފިލޭނެ ގޮތަށް ބޯޑަރު ކައިރީ 350 އޭޖެންޓުން އަންނަނީ ފޯރި މަރަމުންނެވެ.

ބީބީސީ އިން ފްރާންސު އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން ހޯދަމުން ދަނީ ސްޓްރެސްބޯގްއަށް އުފަން 29 އަހަރުގެ ފިރިހެނެކެވެ. ވައްކަމުގެ މައްސަލައެއް ގައި ފުލުހުން ވަނީ އިއްޔެ ހެނދުނު އޭނާގެ އެޕާޓްމެންޓު ވެސް ފާސްކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އެޕާޓްމެންޓު ފާސްކުރުމުގައި އެތަނުން ގްރެނޭޑް ބޮންތަކެއް ފެނިފައިވާ ކަމަށެވެ. އާންމުންގެ ތެރެއަށް އޭނާ ބަޑި ޖަހާފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ފްރާންސު ފުލުހުން ކުރަމުން ދަނިކޮށެވެ.

މިހާދިސާގައި އިތުރު 12 މީހަކަށް ޒަޚަމްވެފައިވާއިރު އޭގެ ތެރެއިން ހަ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވެއެވެ. އަދި ބާކީ ތިބި ހަ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.