Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ފްލެޓު މައްސަލަ ބަލަން ހާއްސަ ކޮމެޓީއެއް

ގަވާއިދުން ބޭރުން ފްލެޓު ދިން މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމެޓީއެއްް އުފައްދަވައިފިއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީން ކުރާނެ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު " ހިޔާ"ގެ ދަށުން ފްލެޓު ދިން ގޮތް ބަލައި އަދި ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތައް ބަލައި ކެބިނެޓަށް ލަފާއެރުވުމެވެ.

ރައީސް ޔާމީން ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކާއި، އެކަމާއި ގުޅިގެން ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާ ބަލައި އެކަންކަމުގެ މައުލޫމާތު ކެބިނެޓަށް ދިނުމަކީވެސް މި ކޮމެޓީގެ މަސްއޫލިއްޔަތެކެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް އާއްމުކޮށް ބަހާލާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެެއްވި ފަހުން ވަރަށް އަވަސް އަރުވާލައިގެންނެވެ. އޭރުވެސް އެމައްސަލަ ފެންމަތިކޮށް އޭސީސީއަށް ހުށަހެޅުނެވެ. އަދި އޭސީސީން އެމަސައްކަތް ހުއްޓާލުމަށް އެންގިއެވެ.