ދުނިޔެއަށް މަޝްހޫރު "ޓައިމް" މެގަޒިން އިން ކޮންމެ އަހަރަކު ހޮވާ އެ އަހަރެއްގެ ޝަޚުސިއްޔަތުންނަށް ނޫސްވެރިން ހޮވައިފިއެވެ.
ޓައިމް އިން ހޮވި "ޕާސަން އޮފް ދަ އިޔާ" އަށް ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭ މަރާލި ވޮޝިންގޓަން ޕޯސްޓުގެ ނޫސްވެރިޔާ، ޖަމާލް ޚާޝުގްޖީ އާއި މިޔަންމާރުން ހައްޔަރުކުރި ރޮއެޓާސްގެ ދެ ނޫސްވެރިން، ވާ ލޮން އަދި ކްޔޫ ސޫ ފަދަ ނޫސްވެރިންގެ އަގު ވަޒަންކޮށްފައިވެއެވެ.
ޓައިމް އިން ވަނީ ޖުލައި 28 ވަނަ ދުވަހު ކެޕިޓަލް ގެޒެޓް ތެރެއަށް ވަދެ މަރާލި ފަސް ނޫސްވެރިންވެސް މިލިސްޓުގައި ހިމަނާފައެވެ. އަދި ފިލިޕިންސްގެ ރައީސް ޑުޓާޓޭގެ ގަތުލު އާންމުތައް ރިޕޯޓުކުރާ ސީއެންއެންގެ ކުރީގެ ނޫސްވެރިޔާ މަރިއާ ރެސާއަށް ވެސް އަހަރުގެ ޝަޚުސިއްޔަތުގެ ލަގަބު އަރުވާފައެވެ.
މި ނޫސްވެރިންނަށް ޓައިމް އިން އެރުވި ލަގަބަކީ "ދަ ގާޑިއަންސް" ގެ ލަގަބެވެ. ނޫސްވެރިކަމުގެ ސަބަބުން ބައެއް މީހުންގެ ފުރާނަ ދުއްވާލާފައިވާއިރު ދެމީހަކު ޖަލުގައި އަހަރަކަށް ވުރެ ގިނަ ދުވަސް އަންނަނީ ހޭދަ ކުރަމުންނެވެ.
ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ސައުދީ ކޮންސިއުލޭޓު ތެރެއަށް އޭނާގެ ވަރީގެ ސެޓްފިކެޓެއް ހޯދުމަށް ވަނުމުންނެވެ. ޚާޝުގްޖީ މަރުވެފައިވަނީ ކޮންސިއުލޭޓު ތެރޭ ހިނގި މާރާމާރީއެއްގެ ތެރޭގައި ކަމަށް ސައުދީން ބުނެފައިވި ނަމަވެސް އެ ކަމަކީ ދުރާލާ ރާވައިގެން ހިންގި ކަމެއް ކަމަށް ތުރުކީ ސިފައިން ތުހުމަތު ކުރެއެވެ.
ރޮއެޓާސްގެ ދެ ނޫސްވެރިން، ވާ ލޮން އަދި ކްޔޫ ސޫ، މިޔަންމާ އިން ހައްޔަރުކޮަށް ބަންދުކުރީ މިޔަންމާ ސިފައިން އިސްވެ ތިބެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ގަތުލު އާންމު، މުޅި ދުނިޔޭގެ ސަމާލު ކަމަށް ގެނެސް އެކަން ރިޕޯޓު ކުރުމުންނެވެ.
ދެ ނޫސްވެރިންގެ ދިފާއުގައި ބައިނަލްއަގުވާމި އިންސާނީ ހައްގުތައް ދިފާއުކުރާ ވަކީލުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ އިރު މިޔަންމާރުން ވަނީ އެ ދެނޫސްވެރިން އެގައުމުގެ ސިއްރުތަކާ ބެހޭ ގާނޫނާ ޚިލާފަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެ ޖަލަށް ލައި ދައުވާ އުފުލާފައެވެ.
އަނަޕޮލިސްގެ ކެޕިޓަލް ގެޒެޓްގެ އެޑިޓޯރިއަލް ފަސް މުވައްޒަފުން މަރާލީ މަސައްކަތުގައި ތިއްބާ، އޮފީހަށް ވަދެ ބަޑި ޖަހައިގެންނެވެ. ގާތިލު ވަނީ ނޫސްވެރިން މަރާލުމުގެ ކުރިން ނޫހާއި ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކޮށްފައެވެ. ނަމަވެސް 2012 ވަނަ އަހަރު އޭނާ ކުރި ދައުވާއިން ކާމިޔާބީއެއް ނުލިބުނެވެ.
ނޫސްވެރިންނަށް މުޅި ދުނިޔޭގައި ވެސް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު ނޫސްވެރިންނަށް އަބަދުވެސް މަރުގެ އިންޒާރުދީ ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރެއެވެ. ޓައިމްގެ "ޑިފެންޑާސް" އަކީ ނޫސްވެރިންގެ އަޑު ކަނޑުވާނުލެވޭނެކަން ސާބިތުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހޮވާފައިވާ ނޫސްވެރިންނެވެ.