ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހެދިފައި އޮތް އިސްލާހު އުވާލުމަށް ހުށައެޅުމުން، ގިނަ މެމްބަރުން އެކަމާ ދެކޮޅަށް ބަސް އިއްވައިފިއެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މިއަދު މަޖިލީހަށް އެ އިސްލާހު އުވާލުމަށް ހުށައަޅުއްވައި ވިދާޅުވީ ޕްރައިމަރީތަކަކީ މުޅިން ސައްހަ އިންތިޚާބުތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ސަބަބަކީ ކޮންމެ ޕްރައިމަރީއަކާ ދިމާކޮށް ޕާޓީތަކަށް ގަނޑުކޮށް މީހުން ވައްދައި ޕްރައިމަރީ އަނބުރާލާ ކަމަށެވެ.
އެހެންކަމުން ޕްރައިމަރީއިން ކާމިޔާބުނުވާ ބައެއް ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމަށާއި މިއިސްލާހުގެ ސަބަބުން އެ ހައްގަށް އިތުރު އުނިކަމެއް ލިބޭ ކަމަށް ވިދާޅުވިއެވެ. "ޕްރައިމަރީ އެއްގައި ވާދަކޮށްގެން ބަލިމީހާ ބަލިވަނީ ބާރުގަދަ މީހާ ބޭނުންވާގޮތަށް ކަންކަން ކުރިއަށްދާތީ،" މަޖިލީހުގައި ލަތީފް ވިދާޅުވިއެވެ.
ނަމަވެސް ގިނަ މެމްބަރުން މިއިސްލާހަށް ބަހުސް ކުރައްވަމުން އިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުން ވަނީ އިސްލާހަކީ އެމްޑީޕީއަށް އަމާޒުކޮށް ހުށައަޅާފައިވާ އިސްލާހެއް ކަމަށް ބުނެފައެވެ.
"އެމްޑީޕީ އިން ގަބޫލުކުރަނީ ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމަކީ އެންމެ ހަރުދަނާ ސިފަކަމަށް، ހަރުދަނާ ގޮތަކީ ޕްރައިމަރީގައި ޓިކެޓު ނުލިބުނިއްޔާ ޓިކެޓު ލިބުނު މީހާގެ ފަހަތަށް އެންމެން އެރުން،" މަޖިލީހުގައި މި އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވިއެވެ.
އިވާގެ އިތުރުން ވެސް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ޕްރައިމަރީ އިން ޓިކެޓު ނުލިބުމުން އަނެއްކާ އިންތިޚާބަށް ވާދަކުރުމަކީ ބައިބައިވުން އުފެދޭނެ ކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ. އަދި މި އިސްލާހަކީ ބަލައިގަންނަން ދަތި އިސްލާހެއް ކަމަށް ބުނެ އެމްޑީޕީ މެމްބަރުން ވަނީ ރައްދު ދެއްވާފައެވެ.
ބައެއް ޕާޓީތަކުން ޕްރައިމަރީއެއް ބޭއްވުމެއް ނެތި ވެރިޔާއަށް ފެންނަ މީހުންނަށް ޓިކެޓު ބަހަމުން ދިޔަޔަސް އެމްޑީޕީން އެގޮތަށް އަމަލު ނުކުރާ ކަމަށާއި އެމްޑީޕީން ޓިކެޓު ހަވާލުކުރަނީ ޕްރައިމަރީ ބާއްވައި ކާމިޔާބު ކުރާ ފަރާތްތަކަށް ކަމަށް ޕާޓީ ތަމްސީލު ކުރާ މެމްބަރުން ވިދާޅުވިއެވެ.