Last Updated: April 26, 23:00
Friday, April 26, 2024
ރިޕޯޓް

ނޫސްވެރިކަން ފުނޑާލުންވެސް އެވޯޑެއް!

11 ޑިސެމްބަރ 2018: ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲގެ އިތުރުން، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންނެވި. މި ރަސްމިއްޔާތުގައި ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ގޮތުން ދިވެހި ނޫސްވެރިކަމުގެ އަރުތައިގެ އިނާމް އާއި، އަލިމަސް ގަލަން އަދި ރަން ގަލަން ވަނީ ދިވެހި ނޫސްވެރިންނަށް އަރުވާފައި، ފޮޓޯ: ރައީސް އޮފީސް

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ބްރޯޑުކާސްޓިން ކޯޕަރޭޝަންގެ ރައީސް މުހައްމަދު ޝަހީބުއަށް ނޫސްވެރިކަމުގެ ރަން ގަލަން ހަވާލު ކުރުމާއި ގުޅިގެން ގިނަ ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.

ފާއިތުވި ފަސް އަހަރު ބްރޯޑުކާސްޓިން ކަމިޝަންގެ ރައީސް ކަމުގައި ޝަހީބްވަނީ ނޫސްވެރިންނާއި ޓީވީ ޗެނަލްތައް ބޮޑު އަގުގައި ޖުރިމަނާކޮށްފައެވެ. މިކަމާއި ގުޅިގެން ސިޔާސީ ބޭފުޅުންނާއި ނޫސްވެރިން ވަނީ ޝަހީބަށް ފާޑު ވިދާޅުވެފައެވެ.

ޝަހީބަށް އެވޯޑު ދިނުމާއި ގުޅިގެން އެމްއާރްއެމްގެ އިސްކޮށް ހަރަކާތްތެރިވާ އާމަނަތު ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރޯޑްކާސްޓިން ކަމިޝަންގެ ރައީސްކަމުގައި ހުންނަވައިގެން ޝަހީބު ރާއްޖޭގެ ބައެއް މީޑިއާތައް މަގުމަތި ކުރަން ވަރަށް ބުރަ މަސައްކަތްތަކެއް ފާއިތުވި 5 އަހަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެެއްކަމެއް ދެ ޗެނަލަކުން ކުރުމުން އެކަމަށް ދެ ލޮލަކުން ބެލި މީހެއް ކަމަށެވެ.

ޝަހީބުގެ ފަރާތުން ފާއިތުވި އަހަރު ތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވީ ރާއްޖެޓީވީ އާއި އެޓީވީ ޗެނަލްގެ ނޫސްވެރިންނަށެވެ. ރާއްޖެޓީވީ ތަފާތު އެކި ފަހަރު މަތިން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ޖުރިމަނާ ކުރިއެވެ. އެ ފައިސާ ހޯދުމަށް ރާއްޖެޓީވީގެ ނޫސްވެރިން ފަންޑު ފޮށި ހިފައިގެން ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރުކުރިއެވެ.

ނޫސްވެރިކަމުގެ އަގު ވަޒަންކޮށް ޝަހީބަށް ރަން ގަލަން ދިނުން ރާއްޖެޓީވީގެ ގިނަ ނޫސްވެރިންނަށް ބަލައި ނުގަނެވުނެވެ. އެގޮތުން ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު ފައިރޫޒު ބުނީ ނޫސްވެރިކަން މަރާލާ، ވަޅުލުމަށްފަހު ފަސް އަޅަން އުޅުނު ދުވަހުގެ ޔައުމިއްޔާ ލިޔެ ހެދި ޝަހީބަށް ތިޔަވުރެ ބޮޑު އިނާމެއް ނުދެވޭނެކަމަށެވެ.