Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ނޫސްވެރިކަމުގެ "އަލިމަސް ގަލަން" އިމާދު ލަޠީފަށް!

އިމާދު ލަޠީފަށް އަލިމަސް ގަލަން ހަވާލުކޮށްދެއްވަނީ، ފޮޓޯ: އަވަސް

ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަޠީފަށް ލިބިވަޑައިގެންފިއެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިމާދު އާއި އަލިމަސް ގަލަން ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އިމާދަކީ ދުވަހު ނޫސް ހަވީރުގައި ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ގިނަ ބައެއްގެ މަގްބޫލްކަން ހޯއްދެވި ނޫސްވެރިއެކެވެ. އޭގެ ފަހުން ގިނަ ބައެއްގެ ތެެރޭގައި މަގްބޫލުވި "ފަންވަތް" ކޮލަމަކީ އިމާދުގެ ހާއްސަ ލިއުންތަކެއް ކިއުންތެރިންނަށް ކިޔާލަން ލިބުނު ފުރުސަތެކެވެ. ލިޔުންތެރިކަމުގައި ހާއްސަ ވައްޓަފާޅިއެއް ގެންގުޅުއްވި އިމާދަކީ ދުނިޔޭގެ ހަބަރު ދިރާސާކުރެއްވި ނޫސްވެރިއެކެވެ.

ހަވީރު ނޫހުގެ އިތުރުން ޓީވީ މޯލްޑިވްސްގައި ފުޓްބޯޅަ ކޮމެންޓްރީ ދެއްވައި ކުޅިވަރު އެނަލިސްޓެއްްގެ ގޮތުގައި ހަރަކާތްތެރިވި އިމާދަކީ ދިވެހި ބަހާއި، ހާއްސަކޮށް އައްޑޫ ބަހަށް ލޯބި ކުރައްވައި، އައްޑޫ ބަސް ކުރިއަރުންވަން މިހާރުވެސް މަސައްކަތް ކުރައްވާ ނޫސްވެރިއެކެވެ.

ވީމީޑިއާގައި އިސް ދައުރެއް އަދާ ކުރައްވަމުން އަންނަ އިމާދު އަކީ ސިޔާސީ ފަރާތްތަކާއި އެކު ހާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާ ހާއްސަކޮށް މެހުމާނުން ވަރަށް ބޮޑަށް ޝޯވްގެ ތެރެއަށް ގެންނަވައިގެން ޝައުގުވެރި ޝޯވްތައް ހުށަހަޅުއްވާ ފަރާތެކެވެ.

ނޫސްވެރިކަމުގެ ގައުމީ އިނާމުވެސް އިމާދު ވަނީ ހޯއްދަވާފައެވެ.

ނޫސްވެރިކަމަށް ގިނަ ދުވަހު ހިދުމަތް ކުރި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން، އަލިމަސް ގަލަން ވަނީ އަށް ބޭފަޅަކަށް އަރުވާފައެވެ. މީގެ ތެރޭގައި ގިނައީ އިމާދު އާއި އެކު ނޫސް ރޫމްގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ހަވީރު ނޫހުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު، "އާފަތިސް" ނޫހުގެ އެޑިޓަރު އަބްދުﷲ ނައީމް އިބްރާހީމް، "މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފު، ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު، ކުރިން ހަވީރު ނޫހުގައި މަސައްކަތް ކުރެއްވު މުހައްމަދު ސައީދު މޫސާ ވަޖުދީ، ހޯރަފުށީ މުހައްމަދު ސަލީމް އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރުއެވެ.