Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

14 ފަހަރު ޖަލަށް ދާން ޖެހުނު، މައުމޫން އަށް މަރުޙަބާ: ނަޝީދު

ރައީސް މައުމޫން އަދި ރައީސް ނަޝީދު، ފޮޓޯ: ޝަރަފު/ އައްޑޫލައިވް

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި "އަލިމަސް ގަލަން" ލިބިވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުޙަބާ ދަންނަވައިފި އެވެ.

ނަޝީދު، މައުމޫން އަށް މަރުޙަބާ ދަންނަވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް 14 އަށްވުރެ ގިނަ ފަހަރު ދައުވާ އުފުލައި، ޖަލަށްލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނައިން ހައްޔަރުކޮށްފައި ވަނީ ސަރުކާރާއި ދެކޮޅު ޚަބަރުތައް ލިޔެގެން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ޑައިމަންޑް ޖުބްލީ ފާހަގަކުރުމުގެ ގޮތުން "އަލިމަސް ގަލަން"ގެ ޝަރަފު ލިބިވަޑައިގަތް ކަމަށްޓަކައި އެމަނިކުފާނު ވަނީ މައުމޫން އަށް މަރުޙަބާ ދަންނަވާފަ އެވެ.

ނަޝީދު މިމޭރުމުން ޓްވީޓެއް ކުރެއްވިއިރު، ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. މި ވަގުތު ޕޮލެންޑުގައި ހުންނެވި ނަޝީދު ހަފްލާގައި ނެތުމުގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ނަޝީދު ނޫސްވެރިކަމަށް ކުރެއްވި ބުރަ މަސައްކަތް މީޑިއާ ކައުންސިލަށް ބަލައި ނުގަނެވުނު ކަމެވެ.

އެގޮތުން ނަޝީދު އަކީ ބައިނަލްއަގްވާމީ ފެންވަރުގެ ނޫސްވެރިކަމުގެ އިނާމެއް ލިބިލެއްވި ފުރަތަމަ ދިވެއްސަކަށްވެފައި، އެމަނިކުފާނަށް ރޭގެ ހަފްލާގައި އެއްވެސް އެވޯޑެއް ލިބިވަޑައިނުގަތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ މީޑިއާ ކައުންސިލަށް އަމާޒުވެފަ އެވެ.