Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ނައިބު ރައީސް، މަރަދޫ އާއި ފޭދޫ އަށް ވަޑައިގެންފި

ނައިބު ރައީސް ފައިސަލް މިއަދު އައްޑޫ ސިޓީ ހެލްތު ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިޞަލް ނަސީމް، އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީ މަރަދޫ އާއި ފޭދޫ އަށް ވަޑައިގެންފިއެވެ.

އެގޮތުން މަރަދޫ އަށް ވަޑައިގެން ފައިސަލް ވަނީ މަރަދޫ ޞިއްޙީ މަރުކަޒަށާއި، މަރަދޫފޭދޫ ދަމަނަވެށްޓަށް ވަޑައިގެން އެތަނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރައްވައި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި ފޭދޫ އަށް ކުރެއްވި ޒިޔާރަތުގައި ފައިސަލް ވަނީ ފޭދޫ ހެލްތު ސެންޓަރަށް ވަޑައިގެން އެތަނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރައްވައި، ހެލްތު ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ފައިސަލް ވަނީ މިއަދު ހުޅުމީދޫ އަށް ވަޑައިގެން، އެ ރަށު ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވާފަ އެވެ. އެ ޒިޔާރަތުގައި ފައިސަލް ވަނީ އެތަނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރައްވައި، ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ.

އަދި ހިތަދޫ އަށްވެސް މިއަދު ކުރެއްވި ޒިޔާރަތުގައި ފައިސަލް ވަނީ ހިތަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލުކުރައްވާފައެވެ. އަދި، އެމަނކުފާނު ވަނީ ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށާއި، ހިތަދޫ އާފްޓަރކެއަރ ރީހެބިލިޓޭޝަން ސެންޓަރަށާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި، އެތަންތަނުގެ މަސައްކަތްތަށް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައިފައެވެ.

މީގެ އިތުރުން ފައިސަލް ވަނީ ރެޑްކްރެސެންޓްގެ ސީނު ބްރާންޗުން އިންތިޒާމްކޮށްގެން ހިތަދޫގައި ބޭއްވެވި ކުޑަކުދިންގެ ހަވީރުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ފައިސަލް ވަނީ އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގެ އިމާރާތުގައި މިހާރު ހަދަމުން ގެންދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތްވެސް ބައްލަވައިލައްވައިފައެވެ.