Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އެތެރޭގެ އުދުހުންތަކުން އަގު ހެޔޮކުރަނީ 30 ޕަސެންޓު!

އެތެރޭގެ އުދުހުންތަކުން އަގު ހެޔޮކުރުމަށް ނިންމާފައިވަނީ ޓިކެޓުގެ އަގުގެ 30 ޕަސެންޓު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރުމާއި ގުޅިގެން މިހާރު ޓިކެޓު ވިއްކާ އަގުން 30 ޕަސެންޓު ކުޑަކޮށް ޓިކެޓު ވިއްކުމަށް ގައުމީ އެއާލައިންއިން ވަނީ ހުށަހަޅާފައެވެ.

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ މިއަދު ވިދާޅުވީ އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮކޮށް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިއްލާން ކުރައްވާނެކަމަށެވެ.

އެތެރޭގެ އުދުހުންތަކަށް ބަލާއިރު އެންމެ އަގުބޮޑުކޮށް ޓިކެޓު ވިއްކަނީ މާލެ އާއި ގަމާއި ދެމެދުއެވެ. މި ދެމެދުގެ މިހާރުގެ ހަމަ އަގަކީ 1777 ރުފިޔާއެވެ. ގަމާއި ފުވައްމުލަކާއި ދެމެދު ޓިކެޓުގެ އެއްކޮޅު އަގަކީ 1666 އަށެވެ. މާލެއިން ހދ. ހަނިމާދޫއަށް މިހާރު އެއްކޮޅަށް ދަތުރު ކުރެވެނީ 1444 ރުފިޔާއަށެވެ.

މި އަގުތަކަށް ބަލާއިރު 30 ޕަސެންޓު އަގުހެޔޮ ކުރުމުން މާލެ އާއި ގަމާއި ދެމެދު އެއްކޮޅު ޓިކެޓުގެ އަގު 1243 ރުފިޔާއަށް ކުޑަކުރެވޭއިރު މާލެ އާއި ފުވައްމުލަކުގެ އެއްކޮޅު ޓިކެޓުގެ އަގު 1166 ރުފިޔާއަށް ބަދަލުވާނެއެވެ. އަދި ހަނިމާދޫއަށް 1010 ރުފިޔާއަށް ދަތުރު ކުރެވޭނެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޓިކެޓު ވިއްކާނެ ރޭޓަކަށް އިންތިޒާރު ކުރަމުންނެވެ.

ދާދި ފަހުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ވިލާ ގްރޫޕުން އޮޕަރޭޓު ކުރާ ފްލައިމީން އައްޑޫއަށް ދަތުރު ފަށާފައިވާ އިރު ޓިކެޓުގެ އަގު ކުރިން އިޝްތިހާރު ކުރި ރޭޓުގައި ނުލިބެއެވެ. 999 ރުފިޔާއަށް ޓިކެޓު ވިއްކާކަމަށް އިޝްތިހާރު ކުރި ނަމަވެސް އެއާލައިންއިންވެސް މިހާރު އާއްމު ގޮތެއްގައި ޓިކެޓެއް ލިބެނީ 1700 ރުފިޔާއަށެވެ.

އެތެރޭގެ އުދުހުންތަކަށް ބަލާއިރު އެންމެ އަގުބޮޑުކޮށް ދަތުރު ކުރަނީ އައްޑޫ ރައްޔިތުންނެވެ.