މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމު ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭ ހަމަޖެހިގެންދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މަސްދޯނި ފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ފަސޭހައިން ލޯނު ލިބެން ނެތުމަކީ އެމަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
"މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމެއް ނެތުމަކީ، މަސްވެރިކަމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އޮޑިދޯނިފަހަރު ބަނުމަށާއި، އިންޖީނު އެޅުމަށް، ބޭންކުތަކުން ފަސޭހައިން ލޯނު ލިބޭނެ ސްކީމެއް ޤާއިމުކުރުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވެފައިވާ ވަޢުދާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ މަސައްކަތްކުރާ ފަރާތްތަކަށް، ލުއި ލޯނު ލިބުމުގެ މަސައްކަތް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބޭންކް ހުޅުވި، އެކަން ހަމަޖެހިގެންދާނެ."
ރައީސް ސޯލިހު ވިދާޅުވީ މަސްވެެރިން ބާނާ މަހަށް ހަމަ އަގު ދިނުމާއި، މަސްވެރިންނަށް އަގުހެޔޮ ކޮށް ތެޔޮ ލިބޭނެ ގޮތް ހެދުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އެގޮތުން މިއަދު ޑީސަލުން ނަގާ ޑިއުޓީ ކަނޑާލުމަށް މަޖްލިސްއިން ފާސްކޮށްފައިވާ ކަމަށެވެ.
ސޯލިހު ވިދާޅުވީ ލޯނު ފަސޭހައިން ލިބެން ފެށުމުން ދޯނި ފަހަރުތައް ބަނުމަށް ލުއިތަކެއްް ލިބިގެންދާނެކަމަށެވެ.