Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ސީއެސްކޭއޭ އިން ރެއާލް ލަދުގަންނަވާލައިފި

ރެއާލް މެޑްރިޑް ކޮޅަށް ލަނޑުޖެހުމަށްފަހު ސީއެސްކޭއޭ މޮސްކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އަމިއްލަ ދަނޑުގައި ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އަތުން 3-0 އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މިއީ މި މުބާރާތުގައި ސީއެސްކޭއޭ އަތުން ރެއާލް ބަލިވި ދެވަނަ މެޗެވެ. މީގެކުރީން، މި ދެ ޓީމު މިދިޔަ އޮކްޓޫބަރު މަހުގައި ކުޅުނު މެޗު ސީއެސްކޭއޭގެ ދަނޑުގައި ރެއާލް ބަލިވީ 1-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް ޖީގެ އެއްވަނައިގައި އަދިވެސް އުޅެނީ ރެއާލް އެވެ. އެ ޓީމަށް ހަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި 9 ޕޮއިންޓާއެކު އޮތީ އޭއެސް ރޯމާ އެވެ. ވިކްޓޯރިއާ ޕްލެޒެން އާއި ސީއެސްކޭއޭ އަށް ވެސް 7 ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބެނީ ޕްލެޒެން އަށެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި އެންމެ ފަހުން ހުއެސްކާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު ރޭގެ މެޗަށް ނެރެފައިވަނީ ތަޖުރިބާ މަދު ވަރަށް ޒުވާން ޓީމެކެވެ. އެގޮތުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނީ ގޯލްކީޕަރު ތިބައުޓް ކޯޓުއާ އާއި މާސެލޯގެ އިތުރުން ކަރީމް ބެންޒެމާ އެވެ. ދެވަނަ ހާފުގައި ޑެނީ ކަރްވަހާލް އާއި ޓޯނީ ކްރޫޒް އަދި ގަރެތު ބޭލް ކުޅެން ނިކުމެފައިވާއިރު އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް މި މެޗުގައި ނުކުޅެއެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ މާކޯ އަސެންސިއޯ އަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު ސީއެސްކޭއޭ އިން ވަނީ އޭގެ ފައިދާނަގައި ފަހު 10 މިނެޓުގެ ތެރޭގައި ދެލަނޑުޖަހައިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމުގެ ފެޑާ ޝަލޯވް ލީޑް ނަގައިދިންއިރު އޭގެ ހަ މިނެޓުފަހުން، ޖޯޖީ ޝެނިކޯވް ކާމިޔާބުކުރި ގޯލާއެކު ސީއެސްކޭއޭ އިން މި ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުގައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ސީއެސްކޭއޭގެ ލީޑް ފުޅާކުރުމަށް ރޮޑްރިގޯ ބެކާއޯ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު އޭގެ ފަހުން ރެއާލްގެ ވިނީޝިއަސް ޖޫނިއާ އާއި އިސްކޯ ފޮނުވާލި ހަމަލާތަކުގައިވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ސީއެސްކޭއޭގެ އާނަރ ސިގަޑްސަން ވަނީ އެ ޓީމުގެ ފަހު ލަނޑުޖަހައިދީ ރެއާލްގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަޔެކްސް އެމްސްޓެޑަމް އާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރެއާލްގެ ދަނޑުގައި އެ ޓީމުން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ. މީގެއިތުރުން، ސީއެސްކޭއޭ ވެފައިވަނީ މި މުބާރާތުގައި ތާރީޚުގައި ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި ދެމެޗުންވެސް ރެއާލް ބަލިކުރި ފުރަތަމަ ޓީމަށެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ ޕްލެޒެން ވަނީ 2-1 އިން ރޯމާ ބަލިކޮށް ޔުރޮޕާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން، މެޗުގެ 62 ވަނަ މިނެޓުގައި ޕްލެޒެންގެ ޔާން ކޮވަރިކް އެ ޓީމަށް ލީޑް ނަގައިދިންއިރު އޭގެ ހަ މިނެޓުފަހުން ޗެންގީޒް އުންޑާ ކާމިޔާބުކުރި ގޯލުން ރޯމާ އިން އެއްވަރުކުރިއެވެ. އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ތޯމަސް ޗޯރީ ވަނީ ޕްލެޒެން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް އީ ގެ އެންމެ ކުރީގައި އުޅޭ ޖަރުމަންގެ ބަޔާން މިއުނިކާއި ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު ޕޯޗުގަލްގެ ބެންފީކާ ވަނީ 1-0 އިން ގްރީސްގެ އޭއީކޭ އެތެންސް ބަލިކޮށްފައެވެ.

އަޔެކްސްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މެޗުގައި ބަޔާން އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ކިންގްސްލީ ކޯމަން އެވެ. އަޔެކްސްގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު، ޑޫސާން ޓަޑިޗް ޖަހައިދިންއިރު މެޗުގެ އިތުރުވަގުތުގައި އެ ޓީމަށް އެއްވަރުކޮށްދިނީ ނިކޮލަސް ޓަގްލިއާފްކޯ އެވެ. ދެވަނަ ހާފުގައި އަޔެކްސްގެ މެކްސިމިލިއަން ވޮބާ އާއި ބަޔާންގެ ތޯމަސް މުލާ އަށް ރަތް ކާޑު ދެއްކުމުން ދެ ޓީމުންވެސް މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ރޭގެ މެޗުތަކަށްފަހު، ބަޔާން އަށް މި ގްރޫޕުގެ އެއްވަނަ ލިބުނީ ހަ މެޗުން 14 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އަޔެކްސް އެވެ. ތިންވަނައިގައި އޮތް ބެންފީކާ އަށް 7 ޕޮއިންޓް ލިބިފައިވާއިރު އޭއީކޭ އިން ގްރޫޕް ސްޓޭޖު ނިންމާލި ޕޮއިންޓަކާއި ނުލައެވެ.