މީގެ 62 އަހަރު ކުރިން ރިޝީ ކަޕޫރުގެ ބައްޕަ އަދި ރަންބީރު ކަޕޫރުގެ ކާފަ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި އެކްޓްކޮށްފައިވާ ކާމިޔާބް ކްލަސިކް ފިލްމް "އާވާރާ" ގެ ރިމެކިންއެއް ހަދަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިޝީ ބުނީ "އާވާރާ" ގެ ރިމެކިންއެއް ހެދުމާ ގުޅޭ ގޮތުން ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށެވެ. އަދި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބައްޕަގެ ކާމިޔާބް ޕްރޮޑަކްޝަން ހައުސް "އާރްކޭ" ގެ އަލުން ކޮޅަށް ޖަހައި، ބައްޕަގެ ކުންފުނި ދިރުވުން ކަމަށް އޭނާ ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 1951 ވަނަ އަހަރު ރިލީޒް ކުރި "އާވާރާ" ގައި ރިޝީ ކުޅޭނީ އޭނާގެ ކާފަ ޕްރިތިވީ ރާޖް ކަޕޫރު ކުޅުނު ރޯލެވެ. އެއީ ރާޖް ކަޕޫރުގެ ބައްޕަގެ ރޯލެވެ. އަދި ރިޝީގެ ދަރިފުޅު ރަންބީރު ކަޕޫރު ރިމެކިންގައި ކުޅޭނީ އޭނާގެ ކާފަ ރާޖް ކަޕޫރުގެ ރޯލެވެ. "އާވާރާ" ގެ ބަތަލާއަކީ ސަންޖޭ ދަތުގެ މަންމަ މަރުހޫމް ނަރުގިސް އެވެ.
"އާވާރާ" ގެ ރިމެކިން ރިޝީ ޑައިރެކްޓްކޮށްފާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ ޑައިރެކްޓަރުގެ ގޮނޑިއަކުން އޭނާ ނުފެންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ދެމި ހުންނަން ބޭނުން ވަނީ އެކްޓް ކުރުމުގައި ކަމަށް 1999 ވަނަ އަހަރު އައިޝްވާރިއާ ރާއީ އާއި އަކްޝަޔޭ ކަންނާ ހިމަނައިގެން "އާ އަބް ލޯޓް ޗަލޭ" ޑައިރެކްޓް ކުރި ރިޝީ ބުންޏެވެ.
ރިޝީ އާއި އޭނާގެ ދަރިފުޅު ސްކްރީނުން އެކުގައި އިތުރު ފިލްމަކުން ފެންނާނެ ކަމުގެ ފުރުސަތު ބޮޑުވެފައިވާ އިރު ރަންބީރާ އެކު، ރިޝީ އާއި މަންމަ ނީޓޫ ސިންގް މިހާރު އަންނަނީ "ދަބަންގް" ގެ ޑައިރެކްޓަރު އަބިނާވް ކެޝަޕްގެ އާ ފިލްމް "ބޭޝަރަމް" ގައި މަސައްކަތް ކުރަމުންނެވެ.
އެ ފިލްމުގައި ރިޝީ އާއި ނީޓޫ ފެނިގެން ދާނީ ސިފައިންގެ މީހުންގެ ރޯލްތަކުންނެވެ. މިއީ އެއް ފިލްމަކުން އެ ތިން ތަރިން އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.