Last Updated: April 24, 20:01
Wednesday, April 24, 2024
ޚަބަރު

އަނުޝްކާ ޝަރްމާ ބޮލީވުޑްގައި 10 އަހަރު ފުރިހަމަ ކޮށްފި

ބޮލީވުޑް ފިލްމްތަކުގައި ހަރަކާތްތެރިވާ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ ބޮލީވުޑްގައި 10 އަހަރު ފުރިހަމަ ކޮށްފިއެވެ.

އަނުޝްކާ ބޮލީވުޑް އިންޑަސްޓްރީގައި ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ ޝާހްރުކް ޚާން އާއެކު ފިލްމް" ރަބް ނޭ ބަދާ ދީ ޖޯޅީ" އިންނެވެ. އެ ފިލްމް ޑައިރެކްޓް ކޮށްފައިވަނީ އަދިތްޔާ ޗޯޕުޅާއެވެ. އެ ފިލްމަށް މިއަދު ވަނީ 10 އަހަރު ވެފައެވެ.

އަނުޝްކާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ އުފާ ފާޅުކޮށްފައެވެ. ޓްވީޓާގައި ފިލްމް" ރަބް ނޭ ބަދާ ދީ ޖޯޅީ"ގެ ވީޑިއޯއެއް ހިމެނޭ ގޮތަށް އޭނާ ވަނީ މެސެޖެއް ލިޔެފައެވެ. " މިއީ ހުރިހާ ކަމެއް ފެށުނު ތަން. އަހަރެންގެ ދިރިއުޅުން ބަދަލުކުރި ފިލްމް ރަބް ނޭ ބަދާ ދީ ޖޯޅީ" އަނުޝްކާ ބުންޏެވެ.

އަނުޝްކާ ވަނީ ބޮލީވުޑްގައި ހޭދަވީ ދިހަ އަހަރަކީ ދަސްކުރުމުގައި ހޭދަވީ އަހަރުތަކެއް ކަމަށް ބުނެފައެވެ. އޭނާ އާއި އެ އިންޑަސްޓްރީއިން ދިމާވި ތަފާތު ފަރާތްތަކާއި އެމީހުންގެ ފަރާތުން ދަސްވީ ކަންތައް އޭނާ ވަނީ ބަލައިގެންފައެވެ. ގިނަ ރަނގަޅު ފުރުސަތުތަކެއް ވޭތުވެދިޔަ 10 އަހަރު ލިބުނުކަމަށް އޭނާ ގަބޫލު ކުރެއެވެ.

އަނުޝްކާ ދަނީ އޭނާގެ ކުރިޔަށްއޮތް ފިލް "ޒީރޯ" ގެ ރިލީޒިންގ އަށް ތައްޔާރު ވަމުންނެވެ. އެ ފިލްމުގައި އޭނާ އާއެކުގައި ޝާހްރުކް ޚާން އަދި ކެޓްރީނާ ކެއިފް ފެނިގެންދާނެއެވެ. އެ ފިލްމް ޑައިރެކްޓް ކޮށްފައިވަނީ އާނަންދް އެލް. ރާއި އެވެ. އެ ފިލްމް އިންޑިއާގެ ބޮޑު ސްކްރީންތަކަށް ޑިސެމްބަރު 21 ވަނަ ދުވަހު އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.