ޔޫރަޕްގެ އިއްތިހާދު، އީޔޫ އާއި އިނގިރޭސިވިލާތާއި އެކު ދިވެހި ސަރުކާރުން މިނިވަން ވިޔަފާރީގެ ގުޅުމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގއ. ގެމަނަފުށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި މަސްވެރިން ބާނާ މަހަށް ބައިނަލްއަގްވާމީ ބާޒާރުގައި ރަނގަޅު އަގެއް ހޯދަން ޖެހޭ ކަމަށާއި، މިހާރު ރާއްޖެއިން ޔޫރަޕަށް މަސް ބޭރުކުރެވެނީ 22 ޑިއުޓީގައި ކަމަށެވެ.
"ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް، މިހާރަށްވުރެ ރަނގަޅު އަގެއް ހޯދުމަކީވެސް، މި ސަރުކާރުން ކުރަން ނިންމާފައިވާ ވަރަށް މުހިންމު ކަމެއް. އަވަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއްނެތި، ޔޫރަޕަށް މަސް ބޭރުކުރަމުންދާއިރު، އަޅުގަނޑުމެންނަށް ޔޫރަޕަށް މަސް ބޭރުކުރެވެނީ 22 ޕަސެންޓްގެ ޑިއުޓީއަކާއެކު"
ރައީސް ސޯލިހު ވިދާޅުވީ މިއީ ރާއްޖެ ފަދަ ނާޒުކު އިގްތިސާދަކަށް ތަހައްމަލް ކުރެވޭނެ ބުރައެއް ނޫންކަމަށެވެ. އެހެންވެ އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބެން އޮތީ ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިކޮށް މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކޮށްގެން ކަމަށެވެ.
"ވަގުތަށް އޮތް އެންމެ އެކަށޭނަ ހައްލަކީ، މިހާރުވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިއްތިޙާދާއެކު، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުން. އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަން ކާމިޔާބުވާނެ"
ރައީސް ސޯލިހު ވިދާޅުވީ މަސްވެރިން ބާނާ މަހަށް އަގު ނުދެވުމަކީވެސް މައްސަލައެއް ކަމަށާއި، ނަމަވެސް ސަރުކާރުން މިހާރުވެސް މަސްވެރިންނަށް ނުދެވި ހުރި 68 މިލިއަން ރުފިޔާ ފިނޭންސް މެދުވެރިކޮށް މަސްވެރިންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.