ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް އަންނަ ހަފްތާގެ އާދީއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އަންނަ އަހަރު މާޗު މަހު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު އެކި ދާއިރާތަކަށް ކެމްޕޭނު މިހާރުއްސުރެ ކެންޑިޑޭޓުން ވަނީ ފަށާފައެވެ. ޚާއްސަކޮށް އެމްޑީޕީ ޓިކެޓު ހޯދުމަށް ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭނު ބާރަށް ކުރިއަށް ގެންދާ ތަން ފެނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކުރަމް އޮންލައިން ނޫސް "ވަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އާދީއްތަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބާ ގުޅޭ އިތުރު ކަންތައްތައް ވެސް ހާމަކުރާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބު ފަދައިން މަޖިލިސް އިންތިޚާބުވެސް ރައްޔިތުން ބަލައިގަންނަ، ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުން ކުރީގެ ރައީސް ދެވަނަ ދައުރަކަށް ނުހޮވި ނާކާމިޔާބުވުމާ ގުޅިގެން ޔާމީން ވަނީ އިންތިޚާބު ބަލައިނުގަނެވޭ ކަމަށް ވިދާޅުވެ ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށައަޅާފައެވެ. ނަމަވެސް މައްސަލަ ނިމިގެން ދިޔައީ ޔާމީނާ ދެކޮޅަށެވެ.