ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމުގައި މިދިޔަ އޮކްޓޫބަރު މަހާ ހަމައަށް ހުންނެވި ރަނިލް ވިކްރަމަސިންހްއަށް އެ މަގާމު އަލުން ދިނުމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އޮކްޓޫބަރު މަހު ކުއްލި ގޮތަކަށް ރަނިލް މަގާމުން ދުރުކޮށް، ރައީސް ސިރިސޭނާ ވަނީ އެމަގާމަށް ލަންކާގެ ކުރީގެ ރައީސް މަހިންދަރާޖަޕަކްސަ އައްޔަން ކުރައްވާފައެވެ. އޭގެ ސަބަބުން ލަންކާގައި ސިޔާސީ ގޮތުން ބޮޑެތި ބައިބައިވުންތައް އުފެދި ގައުމު ހަލަބޮލި ވެގެން ދިޔައެވެ.
ސިރިސޭނާ މަގާމަށް ގެނައި ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓު ދެފަހަރު މަތިން މަޖިލީހުން ވަނީ ނަގައި، އޭނާ މަގާމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ފާސްކޮށްފައެވެ. ނަމަވެސް ރައީސް ސިރިސޭނާ ވަނީ އެ ނަތީޖާ ގަބޫލުނުކުރެވޭނެ ކަމަށް ބުނެ އެންމެ ފަހުން މަޖިލިސް އުވާލާފައެވެ.
އެހިސާބުން ސުޕްރީމް ކޯޓުން މައްސަލައިގެ ތެރެއަށް ވަދެ، ސިރިސޭނާ މަޖިލިސް އުވާލުމަށް ނިންމި ނިންމުން ބާތިލުކުރިއެވެ. ސުޕްރީމް ކޯޓުން އަންނަނީ ރަނިލް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ވެސް ތައްޔާރުވަމުންނެވެ.