އެން ހިފަން ފީނާ ޑައިވަރުން ތަމްރީނު ކުރުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގއ. ގެމަނަފުށީގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ތަމްރީނު ނުލިބި ފީނުމުގެ ސަބަބުން ހިނގާފައިވާ ހިތާމަވެރި ހާދިސާ ތަކުގައި މަސްވެރިންގެ މަރުވެފައިވާ ކަމަށާއި، މުޅި އުމުރަށް ނުކުޅެދޭ ހާލުގައި ދިރިއުޅެން ޖެހިފައިވާ ކަމަށެވެ.
"….ޑައިވްކޮށްގެން އެންހިފުން އިތުރުވަމުން އަންނައިރު، ތަމްރީނު ނުލިބި ފީނުމުގެ ސަބަބުން، މިދިޔަ ހަފުތާގައިވެސް ޒުވާން މަސްވެރިއެއްގެ ފުރާނަ ގެއްލިފައިވާކަމީ، އަޅުގަނޑުމެން ނުހަނު ހިތާމަކުރާ ކަމެއް. މާތް ﷲ އެ މަރްޙޫމްގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވާށި!"
ރައީސް ވަނީ މިދިޔަ ހަފްތާގައި ގދ. ތިނަދޫން އެން ހިފަން ޑައިވް ކުރި ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެ، ދެ މީހަކަށް މިހާރުވެސް ފަރުވާ ދެމުންދާކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ފީނުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ރާވާފައިވާ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމް ތައް މިހާރުވެސް ހުވަދޫގައި ކުރިއަށްގެންދާކަން ފާހަގަ ކުރެއްވިއެވެ.
"ހިތާމަވެރި ހާދިސާތަކުން މަސްވެރިން ސަލާމަތް ކުރުމަށްޓަކައި، ޒަމާނީ ވަސީލަތްތަކަށް މަސްވެރިން އަހުލުވެރިކޮށް، ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންތިޒާމު ކުރެވޭނެ"
ފަހަކަށް އައިސް އެން ހިފަން ފީނުމުގައި ޑީކޯވާ މީހުން ދަނީ ގިނަވަމުންނެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް ރައީސް ސޯލިހުގެ ސަމާލުކަމަށް މި މައްސަލަ ވަނީ ގެނެސްފައެވެ. އެގޮތުން ޝަންގްރިއްލާގައި ހުރި ޗެމްބާ ބަންދުކުރުމުގެ މައްސަލަވެސް ރައީސްގެ ސަމާލު ކަމަށް ވަނީ ގެނެސްފައެވެ.