ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް ބާތިލުކުރުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެގައުމުގެ އެންމެ މަތީ ކޯޓުން ހުކުމްކޮށްފިއެވެ.
ލަންކާ ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލުކުރުމަށް ވަގުތީ އަމުރެއް މީގެ ކުރިން ނިންމަވާފައެވެ. މައްސަލަ ބެލުމަށް ފަހު ހުކުމަކާ ހަމައަށް އަންނަން ދެން ގާނޫނު ހަދާ މަޖިލިސް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ކުރި ވަގުތީ އަމުރަށް ތާއީދުކޮށް މިއަދުވެސް ކޯޓުން ނިންމީ ރައީސްގެ ނިންމުން ގޯސް ކަމަށެވެ.
ކޯޓުން ވަނީ 225 މެމްބަރުން ހިމެނޭ މަޖިލިސް ރައީސްގެ ހިތަށް އެރުމާއެކު އުވާލުމުގެ ބާރެއް ރައީސަކަށް ލިބިގެން ނުވާ ކަމަށާއި މަޖިލިސް މެމްބަރުން ހޮވީ ރައްޔިތުން، ހަތަރު އަހަރުގެ ދައުރަކަށް ކަމަށް އަމުރުގައި ބުނެފައެވެ. އެ ދައުރު ހަމަ ނުވަނީސް މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ރިޔާސަތަށް ލިބިގެން ނުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ.
ސިރިސޭނާ ވަނީ ސުޕްރީމް ކޯޓުން މައްސަލާގައި ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް އެ ނިންމުން ބަލައިގަންނާނެ ކަމަށް ވިދާޅުވެފައެވެ. ލަންކާ ގާނޫނު ހަދާ މަޖިލީހުގެ ތާއީދު އަދިވެސް އޮތީ ސިރިސޭނާ ވަކިކުރި ކުރީގެ ބޮޑުވަޒީރު ރަނިލްއަށެވެ. މަޖިލީހުން މިއަދު ވަނީ ރަނިލް އަނބުރާ މަގާމަށް ގެނައުމަށް ފާސްކޮށްފައެވެ.