Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ފުރަތަމަ 100 ދުވަހު ތެރޭ ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިއްޖެ: ފޮރިން މިނިސްޓަރ

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ވައުދުވެވަޑައިގަތް ޚާރިޖީ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ޚާރިޖީ ގޮތުން ކުރައްވަން ނިންމަވާފައިވަނީ ކޮމަންވެލްތާއި ދިވެހި ދައުލަތުން އަލުން ގުޅުން ގާއިމް ކުރުމާއި އދ. ގެ ވޯކިން ގްރޫޕުތަކުގައި ތިބި މައްސަލަތައް އަވަސް ކުރުމަށް ހުށައަޅުމެވެ.

އެ ދެ ކަން ވެސް ފުރިހަމަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮމަންވެލްތާއި ދިވެހި ރާއްޖެއިން އަލުން ގުޅުމަށް ރައީސުލް ޖުމުހޫރިއްޔާގެ ފަރާތުން ސިޓީއެއް މިމަހުގެ 7 ވަނަ ދުވަހު ހުށައަޅާފައިވެއެވެ.

އަދި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވޯކިން ގްރޫޕާއި، އެންފޯސްޑް އެންޑް އިންވޮލަންޓްރީ ޑިސަޕެއަރެންސް ވޯކިން ގްރޫޕްގައި ހުރި މައްސަލަތައް ބަލައިދިނުމަށް ހުށައަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ފުރަތަމަ 100 ދުވަސް ތެރޭ ޖުމުލަ 159 ކަމެއް ކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އޭގެ ތެރެއިން މިހާތަނަށް 22 ކަމެއް ވަޒީރުން ވަނީ ނިންމަވާފައެވެ. ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ، އެކަމަނާގެ ވުޒާރާއާ ހަވާލުކޮށްފައި ހުރި 19 ކަންތައްތަކުގެ ތެރެއިން 5 ކަމެއް ވަނީ ނިންމަވާފައެވެ. އަދި ދައުލަތުން ކުރަން ހުރި 21 ކަމެއްގެ ތެރެއިން 9 ކަމެއް ވަނީ ނިމިފައެވެ.

ހެލްތް މިނިސްޓްރީން ވެސް ފުރަތަމަ 100 ދުވަސް ތެރޭ 17 ކަމެއް ނިންމުމަށް ރައީސް ހުށައަޅުއްވާފައިވާއިރު 17 ދުވަސް ވެގެން ގޮސްފައިވާއިރު އެންމެ ކަމެއް ވެސް ނިމިފައިނުވާކަން ފާހަގަކޮށްލެވެއެވެ.