Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޒަރީން ޚާން ދުއްވާފައިދިޔަ ކާރު އެކްސިޑެންޓް ވެއްޖެ

ބޮލީވުޑްގެ ތަރި ޒަރީން ޚާން ދުއްވާފައިދިޔަ ކާރުގައި ބާރު ދުވެލީގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ގޯއާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކްސިޑެންޓްވި ސައިކަލްގައި އިން ފިރިހެންމީހާ ހެލްމެޓް ނާޅާ ހުރުމުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބި އެވަގުތު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި އެކްސިޑެންޓްގައި ޒަރީންއަށް ކުދިކުދި އަނިޔާވި ކަމުގައި ވިޔަސް މާބޮޑު އަނިޔާއެއްވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެކްސިޑެންޓްގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ އޭނާ ވަނީ ހާސްވެފައި ކަމަށާއި ބަސްހުއްޓިފައި ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

ޒަރީން ޚާން އަކީ ކެޓްރީނާ ކެއިފްއާއި ވައްތަރު ގޮތެއް ހުންނަ ކަމަށް ގިނަ ބަޔަކު ބުނާ ތަރިއެކެވެ. ބޮލީވުޑްއަށް އޭނާ ފުރަތަމަ ވަދެވިގެން ދިޔައީ ސަލްމާން ޚާން އާއެކު ފިލްމް "ވީރް" އިންނެވެ. އެ ފިލްމުގައި ކުރީގެ ޕްރިންސަސްއެއްގެ ގޮތަށް ފެނުމަށްޓަކާ އޭނާ ވަނީ ބަރުދަނަށް 8 ކިލޯ އިތުރުކޮށްފައެވެ.