Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

އަންދާލި ޕޮލިސް ސްޓޭޝަންތަކަށް ތުރުކީގެ އެހީ!

ފެބްރުއަރީ 8 ގައި ހުޅުޖަހައި ރޯކޮށްލި ހިތަދޫ ޕޮލިސް ސްޓޭޝަން

މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ހިންގި ހުޅުޖެހުމުގެ ހާދިސާގައި އަންދާލި އައްޑޫގެ ދެ ޕޮލިސް ސްޓޭޝަނާއި ތިނަދޫގެ ޕޮލިސް ސްޓޭޝަންގެ އިތުރުން ފުލުހުންގެ ޓްރެއިނިން ސްޓޭޝަން ޒަމާނީ ފެންވަރަށް އަލުން އާރާސްތުކުރުމުގައި އެހީތެރިވެދިނުގެ ގޮތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޓާރކިޝް ނޭޝަނަލް ޕޮލިސްގެ ސީނިއަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް މިއަދު އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ރާއްޖެވަޑައިގެންނެވި އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޓާރކިޝް ނޭޝަނަލް ޕޮލިސްގެ ފޮރިން ރިލޭޝަންސް ޑިޕާރޓްމަންޓްގެ ޑެޕިއުޓީ ހެޑް މރ. މެހްމެތް އާޑެމް އާއި، އެތަނުގެ ސްޓްރެޓެޖީ ޑެވެލޮޕްމަންޓް ޑިޕާރޓްމަންޓުގެ އޮފިޝަލް މރ. އޮނަރ ކޯސްކުން އާއި ކޮންސްޓްރަކްޝަން އެންޑް ސްޓޭޓް ޑެވެލޮޕްމަންޓްގެ އޮފިޝަލް މރ. ޑޯގަން މައިކޯ އެވެ.

މި ޓީމް ވަނީ ރާއްޖެވަޑައިގެން ކޮމިޝަނަރި އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު އާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ފުލުހުންގެ އިންފްރާސްޓްރަކްޗަ ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން ވެސް ފުލުހުންގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެ އެވެ.

އެއް ހަފްތާގެ މުއްދަތަށް އެޓީމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އައްޑޫ ސިޓީގައި އާރާސްތު ކުރަން ޖެހޭ އިމާރާތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އެ ބޭފުޅުން މިއަދު އައްޑު އަށް ވަޑައިގެން މި ސިޓީގައި ހުރި ފުލުހުންގެ ޓްރޭނިން ސެންޓަރަށާއި ފުލުހުންގެ އިމާރާތްތައް ބައްލަވާލައްވާ އެތަންތަން އަލުން އާރާސްތުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުން ފިލުވާނެ އެވެ.

މީގެ އިތުރުން މާދަމާގެ ވަގުތެއްގައި އެޓީމް ގދ. ތިނަދު އަށް ޒިޔާރަތްކޮށް ތިނަދޫ ޕޮލިސް ސްޓޭޝަން އަލުން އާރާސްތު ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުން ފިލުވާނެ އެވެ.

ޓާކިޝް ނޭޝަނަލް ޕޮލިސްގެ ސީނިއަ ފުލުހުންގެ ޓީމެއް ރާއްޖެ އަށް ވަޑައިގެންފައި މިވަނީ މިދިޔަ އަހަރު ފުލުހުންގެ މަރުކަޒުތައް އަންދާލުމާ ގުޅިގެން ފުލުހުންގެ އިންފްރާސްޓްރަކްޗަ އަށް ބޮޑެތި ހީނަރުތަކެއް ލިބި ފުލުހުންގެ ޓްރޭނިންތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރުމާ އެކު އެކަމުގައި އެހީތެރިވެ ދިނުމަށް ބޭރުގެ ފަރާތްތަކުގައި ރިޔާޒް އެދިވަޑައިގެންނެވުމާ ގުޅިގެން އެކަމަށް އިޖާބަދީ އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރެވެން ހުރި މަސައްކަތްތައް އޮޅުން ފިލުވުމަށެވެ.