Last Updated: March 28, 13:49
Thursday, March 28, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ހަވަނަބައި)

ކޮބާ ފޯނު.ފެ.." ފަރަހަނާޒް އޭނާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ އެއީ ތޫބާ ނޫންކަން އެނގުމުންނެވެ.

" ހުއްދައަކާ ނުލާ މިތާ އިށީނދެވުނީތީ މާފަށް އެދެން…." ޒުވާނާ ހިނިތުންވެލަމުން ބުނެލިއެވެ.

ފަރަހަނާޒް ޖަވާބެއްނުދީ ހައިރާންވެފައި ބަލަންއިނީ އެއީ އޭނާ ދަންނަ މީހަކަށް ނުވާތީއެވެ. އޭނާ ކަންބޮޑުވެފައި އަވަސް އަވަހަށް ވަށައިގެން ހޯދާލީ ތޫބާ ފެންނަންހުރިތޯއެވެ. ނަމަވެސް އަދިވެސް ތޫބާގެ ހިލަމެއް ނުވެއެވެ.

" ހިތްހަމަ ނުޖެހޭކަމަށް ވަންޏާ އަދިވެސް އެއްފަހަރު މާފަށް އެދެން…..ހުސްތަނެއް ނެތީމަ މިތާ އިށީނދެލީ…." ފަރަހަނާޒް ކަންބޮޑުވިކަން އެނގުމުން ޒުވާނާ ބުނެލިއެވެ. ފަރަހަނާޒް ޖެހިލުންވެ އިނދެވެސް ހީލިއެވެ. ކުރިމަތީގައިހުރި ކޮފީޝޮޕްގައި އެމަންޒަރު ބަލަންއިން އާއިންއަށް ނުރުހިފައި ދަތްކުނޑިވިކާލެވުނެވެ.

" އަރްވިން؟!!" ރުޅިވެރިކަމާއެކު އޭނާ އެނަން ކިޔާލިއެވެ.

" އޭނާ ކީއްތަ އެތާ އެކުރަނީ؟…އަންހެން ކުއްޖަކު އެކަނި ފެންނައިރަށް އެތަނެއްގަ އިށީއްނަންވެސް ޖެހޭތަ؟…ހާދަގޮތެއްވެސް ނެތޭދޯ…" އާއިން ހިތާހިތުން އަރްވިންއަށް އެތިވަރުގޮވަމުން ދިޔައެވެ.

ދާގޮތަށްގޮސް، އަރްވިންގެ ހިރުވާނުގައި ހިފައި ދަމާފައި އެތަނުން ބޭރަށް ނެރެފާނަމޭވެސް އޭނާގެ ހިތަށްއެރިއެވެ. އޭނާއަށް ވެގެންވާނަމަ ފަރަހަނާޒް ފެންނަ ހިސާބަށްވެސް އަރްވިން އަޔަކަ ނުދޭނެއެވެ. އެހާވެސް އޭނާ އަރްވިންއަށް ނަފްރަތު ކުރެއެވެ. އަރްވިންއަށް ގުޅާފައި އިންޒާރެއް ދޭނަމޭ ހިތައި އޭނާ ފޯނުވެސް ނެގިއެވެ. ނަމަވެސް އެއީ ކިހާ ތާކުންތާކު ނުޖެހޭ ޚިޔާލެއްކަން އެނގުމުން އޭނާ ފޯނު ބޭއްވިއެވެ. އޭނާ ގުޅާފައި ބުނާނީވެސް ކީކޭ ހެއްޔެވެ؟ ފަރަހަނާޒްއަކީ އޭނާއާ ކޮން ގުޅުމެއްހުރި މީހެއް ހެއްޔެވެ؟ ފަރަހަނާޒް ކޮންމެމީހަކާ ވާހަކަދެއްކިނަމަވެސް އޭނާއަށް ކީއްހެއްޔެވެ؟ އެއީ އޭނައަށް ބެހެވޭނެ ކަމެއްނޫނެވެ. ފަރަހަނާޒްގެ މައްޗަށް އޭނާއަށް ލިބިގެންވާ އެއްވެސް ހައްޤެއްނެތެވެ. ވީއިރު އޭނާ މިއަންނަނީ ކޮންރުޅިއެއް ހެއްޔެވެ؟ އަމިއްލަ ނަފްސުގެ ހާލު އިހުސާސް ކުރެވުމުން އާއިންއަށް އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.

ތޫބާ ހަލުވިކަމާއެކު ރެސްޓޯރެންޓް ތެރެއަށް ވަދެގެން އައިސް، ފަރަހަނާޒްއިން މޭޒާދިމާއަށް މިސްރާބު ޖަހާފައިވެސް ކުޑަކޮށް މަޑުޖެހިލީ އެތާނގައި އިން ޒުވާނާ ފެނިފައެވެ. އޭނާ މަޑުމަޑުން އައިސް ފަރަހަނާޒުގެ ގާތުގައި އިށީނުމުން އަރްވިން އޭނާއަށް ބަލާލަމުން ހީލިއެވެ. ތޫބާވެސް ރައްދުގައި ރަކިގޮތަކަށް ހީލަމުން އަވަސް އަވަހަށް އިސްޖަހާލިއެވެ. ފަރަހަނާޒް އިނީ ތޫބާ ހީކޮށްފާނެ އެއްޗަކަށް ބިރުންނެވެ.

" ކޮންތާކު ފޯނުއޮތީ؟.." ތޫބާ އެއްޗެއް ބުނަންވާއިރަށް ވައިއަޑުން ފަރަހަނާޒް އަހާލިއެވެ.

" ހަމަ ލައިބްރަރީގަ….އެމީހުންއޮތީ ވެރިޔަކުނުވެގެން ބާއްވާފަ…" ތޫބާވެސް ހަމައެހާ ސިއްރު ސިއްރުން ޖަވާބުދިނެވެ.
" އަހަރެން މިތާ އިނުމުން މައްސަލައެއް….އަނެއްކާ ކުއްޖަކު ރިޒާވްކޮށްފަހުރި ތަނެއްގަތަ މިއިނދެވެނީ؟…" ދެމީހުން ސިއްރު ސިއްރުން ޗުކުޗުކު ލައްވާތީ ހެވިފައި އިނދެ އަރްވިން އަހާލިއެވެ.

" ނޫން…." ތޫބާ އަވަސް އަވަހަށް ބުނެލިއެވެ.

ދެކުދިން އޯޑަރކުރި ތަކެތި އައުމާއެކީ މަޑުމަޑުން ކާންފެށިއެވެ. ކުރިމަތީގައި ނުދަންނަމީހަކު އިނުމުން، ފަރަހަނާޒްއިނީ ކާންވެސް ލަދުގެންފައެވެ. ތޫބާވެސް އިސްޖަހައިގެން ކަމުން ދިޔައިރު، ދޭތެރެ ދޭތެރެއިން ފޯނަށް ބަލާލައެވެ. އޭނާ އުޅޭގޮތުން ހީވަނީ އަރްވިންއާ ހަތަރުކަޅި ހަމަވެދާނެތީ އުޅޭހެންނެވެ. އެކުދިންގެ ހަރަކާތްތައް ހުރިގޮތުން، އަރުވިން ހީލަ ހީލާ އިނދެގެން ކޮފީބޮމުން ގެންދިޔައިރު، ދުރުގައި އިނދެގެން އާއިން އެމަންޒަރު ބަލަމުންދިޔައީ ރުޅިވެރިކަމާއެކުއެވެ. އަރްވިން އެކުދިންނަށް ބަލާލާ ކޮންމެ ފަހަރަކު އާއިންގެ ރުޅިގަދަވެގެން ދެއެވެ. އެންމެފަހުން އޭނާ އެތަނުން ތެދުވީ އިރުތަށް އެމަންޒަރުބަލަން އޭނާއަށް ކެތްނުވީއެވެ.

ކޮފީބޮއެ ނިމުމުން އަރްވިން އެތަނުން ތެދުވިއެވެ. އެވަގުތު ތޫބާ ސިއްރު ސިއްރުން އަރްވިންއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީވަގުތު އަރްވިން ލާނެއްގޮތަކަށް ހީލަމުން އެއްލޯމަރާލިއެވެ. ތޫބާ އަވަސް އަވަހަށް އިސްޖަހާލިއިރު އޭނާގެ ތުންފަތުގައިވެސް ލަދުރަކި ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ. ފަރަހަނާޒްއަށް މިއިންކަމެއް ރޭކާވެސް ނުލައެވެ. އޭނާ އެއިންގޮތަށް އިނދެ މަޑުމަޑުން ކަމުން ދިޔައެވެ.

އާއިން އޮފީހަށް އައިސް އޭނާގެ ކޮޓަރިއަށް ވަތްއިރުވެސް ރުޅިގަނޑުމަޑެއް ނުވެއެވެ. އޭނާއަށް ވިސްނެމުންދަނީ އަރްވިންއާ މެދުގައެވެ. އަރްވިން ފަރަހަނާޒްގެ ގާތުގައި އިންނަން ޖެހުނު ސަބަބަކާއި މެދުގައެވެ. އަރްވިންއަށް ފަރަހަނާޒް އެނގެނީ ހެއްޔެވެ؟ ނޫންނަމަ އަރްވިންއާ ތޫބާއާ ގުޅުމެއް އޮތީހެއްޔެވެ؟ ނޫނެކެވެ. އަރްވިން ބެލީ ތޫބާއަކަށް ނޫނެވެ. ތޫބާވެސް އަރްވިންއަކަށް ނުބަލައެވެ. އަރްވިން އެތާ އިށީއްއިރު ތޫބާއެއް އެތާކުނެތެވެ.

ދުވަސްތަކަކަށްފަހު އަރްވިންގެ ސޫރަފެނުމުން އޭނާގެ ތަބީއަތްވެސް މުޅީން ގޯސްވެއްޖެއެވެ. އެދުވަހުގެ ބާކީއޮތްބައިގައި އާއިންއަށް ރަނގަޅަށް މަސައްކަތެއްވެސް ނުކުރެވުނެވެ. އެހެންކަމުން އޭނާގެ ތަބީއަތް ރަނގަޅުނޫންކަމަށް ޕީއޭއަށް އެންގުމަށްފަހު، މުހިއްމު ކަމެއް ދިމާވެއްޖެނަމަ ގުޅާލުމަށް ބުނެފައި އޭނާދިޔައީ ގެޔަށެވެ.

ކޮޓަރިއަށްވަދެ ފެންވަރައި ތާޒާވެލައިގެން އައިސް އެނދުގައި ޖައްސާލީ ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ދެލޯމަރާލުމާއެކީ އޭނާއަށް ފަރަހަނާޒްގެ ހިނިތުންވެފައިވާ މޫނު ސިފަވެގެން ދިޔައެވެ. ހަމއެއާއެކު އެމޫނަށް ކަޅިޖަހާނުލައި ބަލަންއިން އަރްވިންވެސް އޭނާއަށް ސިފަވިއެވެ. އޭނާ ކިތަންމެ ބޭނުންނުވީ ނަމަވެސް ކޮންމެވެސް ގޮތަކުން އަރްވިންގެ ސޫރަ އޭނާއަށް ފެނެއެވެ. އަރްވިން ފެންނަ ކޮންމެ ފަހަރަކު އޭނާގެ މާޒީގެ އެންމެ ހިތި ހަނދާންތައް އޭނާއަށް އާވެއެވެ. އޭނާ އުމުރުން ކިތަންމެ ދޮށީވެފައި ފުރާފުރިހަމަވެފަވީނަމަވެސް ކުޑައިރުގެ އެހަނދާނަކީ ދުވަހަކުވެސް އޭނާގެ ހިތުން ފުހެވޭނޭ އެއްޗެއް ނޫނެވެ. އަރްވިންއަކީ އޭނާގެ ކުޑައިރުގެ އުފާތައް ނަގާލައިފައިވާ އޭނާގެ ދުޝްމަނެކެވެ.

އާއިން ގަދަކަމުން ދެލޯމަރައި ބާރުކޮށްލަމުން އެހަނދާންތަކާއި ދުރުވާން މަސައްކަތްކުރިއެވެ. އެހެން އޮއްވައި އޭނާގެ ކޮޓަރި ދޮރުގައި މީހަކު ޓަކިންދިން އަޑުއިވުމުން ކަތްނެތްކަމާއެކު އޭނާ ތެދުވިއެވެ.

" އަނހާ! ބައްޕާ! ކިހިނެއްވީ؟.." އޭނާ ދޮރުހުޅުވާލިއިރު ދޮރުމަތީގައިހުރި އާޒިމް ފެނުމާއެކު ބުންޏެވެ.

" ދަރިފުޅު ތަބީއަތް ރަނގަޅުނޫން ޚަބަރު ލިބުނީމަ ކިހިނެއްތޯވީ ބަލާލަން މިއައީ…" އާޒިމް އޭނާއައި މަޤުސަދު ހާމަކުރިއެވެ.
" މާބޮޑުކަމެއްނުވޭ…ކުޑަކޮށް ބޮލުގަ ރިއްސާތީ ޖައްސާލަންވެގެން މިއުޅެނީ…" އާއިން ހިނިތުންވެލަމުން ބުނެލީ އޭނާއަށް ކަމެއް ވެއްޖެނަމަ ބައްޕަ ހާސްވެ ކަންބޮޑުވާވަރު އެނގޭތީއެވެ.

" މިހާރު ބޭސްކައިފިންތަ؟…" ބޮލުގައި ފިރުމާލަމުން އާޒިމްއަހާލިއެވެ.

" ނޫން…ބައްޕާ، ބައްޕަ ކަންބޮޑުނުވޭ ނިދާލީމަ ރަނގަޅުވެދާނެ…" އާއިން އޭނާގެ ބައްޕަ ހިތްހަމަ ޖައްސައިދިނެވެ. އާޒިމް ހީލާފައި ދިއުމުން އާއިން ދޮރުލެއްޕުމަށްފަހު އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އެހެން އޮއްވައި މަޑުމަޑުން އޭނޭގެ ލޯމެރުނެވެ.
*****
އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. ތޫބާ ކުލާހަށް އައީއްސުރެ އޭނާގެ ފޯނަށް ވައިބަރއިން މެސެޖް އަންނަމުން ދިޔައެވެ. އޭނާ ސިއްރު ސިއްރުން މެސެޖުތައް ބަލާލިއެވެ.

" ދެން ޖަވާބެއް ދީބަލަ ޕްލީޒް….އަންނާނަމޭ ބުނެބަލަ!…އަވަސް އަވަސް…" އެކޮޅުން މެސެޖްކޮށްފައިވާ މީހާގެ ހިތްއަވަސްވެފައި ހުރިވަރު މެސެޖުތަކުންވެސް ދޭހަވެއެވެ.

" މިއިނީ ކުލާހުގަ….ފަހުން ޖަވާބެއްދޭނަން…" ތޫބާ ހިނިތުންވަމުން މެސެޖަށް ޖަވާބުދިނުމަށްފަހު ފޯނުދަބަހަށް ލިއެވެ. ފިލާވަޅުން އެންމެތަންކޮޅެއްވެސް ގެއްލުމަކީ އޭނާއެދޭކަމެއް ނޫނެވެ. ތޫބާ އޭނާގެ ކުލާސްނިމުމުން ލައިބްރަރީއަށް ދިޔައީ ފަރަހަނާޒް އެތާނގައި އޭނާއަށް އިންތިޒާރުކުރާނޭކަން އެނގޭތީއެވެ. ކޮންމެ ހަފްތާއަކުވެސް މިއަދު ފަރަހަނާޒްގެ ކުލާސް އޭނާއަށްވުރެ ކުރިން ނިމޭނެއެވެ. އެހެންކަމުން ފަރަހަނާޒް ދާނީ ލައިބްރަރީއަށް ކޮންމެވެސް ފޮތެއް ކިޔުމަށެވެ.

" ހޭއި..މާގަޔާވެގެން ކޯއްޗެއް ތިކިޔަނީ؟…" ފަރަހަނާޒް އިން މޭޒު ކައިރިއަށް ހުއްޓެމުން ތޫބާ އަހާލިއެވެ.

" ކުރިން ދުވަހު ލިބުނުފޮތް މިކިޔަނީ…." ފަރަހަނާޒް އޭނާކިޔަން އިން ފޮތް ދައްކާލަމުން ބުނެލިއެވެ.

" އޯހ…އެއްކަލަ ބުކްޝޮޕުން ލިބުނުފޮތް ދޯ؟…އެއީ ހާދަ އަޖާއިބު އިއްތިފާޤެކޭ މިހިތަށްއަރަނީ….ނޫނީ ފިހާރައިގެ ސޭޓަށް ކޮންމެވެސް ގޮތަކުން އެނގުނީ ކަންނޭނގެ، ނާޒް އެފޮތް ބޭނުންވެގެން އުޅޭކަން….އެހެންވެ ހަމްދަރުދީވެގެން ދިނީކަންނޭނގެ…" ތޫބާ ވިސްނަން އިނދެފައި ބުނެލިއެވެ.

" ތޫވެސް ދައްކާ ވާހަކަ….އޭނައަށް ކިހިނެއް އެނގޭނީ އަހަރެން އެ ބޭނުންވެގެން އުޅުނުކަން….އޭނައިނީ ކައުންޓަރުގައެއްނު އެހުރިހާއިރު؟.." ފަހަރަނާޒް ބުނެލިއެވެ.

" ދަރިޔާ…އެތާހުއްޓޭ ކެމެރާހަރުކޮށްފަ…ކައުންޓަރު ކުރިމަތީގަހުރި ޓީވީއިން ފެންނާނެދޯ އެތާއުޅޭހާ ބަޔަކު…" ތޫބާ ޔަޤީންކަމާއެކު ބުނެލިއެވެ.

" އާނ ދޯ….އެކަމު ކީއްވެތަ ސޭޓް އަހަރެންނަށް އެފޮތްދޭންވީ؟…އެހެންމީހުންވެސް އެތާތިއްބެއްނު….އަދި އޭނާބުނި ފިހާރައަށް އަހަރުފުރުނު ދުވަހޭ އެއީ…ތޫއަކީ ސަކޭތަވަނަ ކަސްޓަމަރުވީމަ ލިބުމު ހަދިޔާއެކޭވެސް ބުންޏެއްނު…" ތޫބާއަށް ހަނދާންކޮށްދޭ ފަދަ ގޮތަކަށް ފަރަހަނާޒް ބުންޏެވެ.

" ދޫންޏާ…އޭނަ ހަމަހުރެފަ ފޮތްދިނީމާ އެކަކުވެސް ނުގެންދާނެދޯ…ކޮންމެވެސް ބަހަނާއެއް ދައްކާފަ ދިނީމައެއްނު ގެންދާނީ…މޮޔަތަ؟.." ތޫބާގެ ވާހަކަތަކުން ހީވަނީ ޖާސޫސްކުރުމުގެ ތަޖުރިބާ ލިބިފައި ހުރިހެންނެވެ.
އޭނާ ވިސްނަމުން ދިޔައީ ތަހުގީގީ ނަޒަރަކުންނެވެ.

" އެކަމު ކީއްވެ؟…" ވިސްނަން އިނދެފައި ކުޑަ ކުއްޖަކު ފަދައިން ފަރަހަނާޒް އަހާލިއެވެ.

" ނާޒްދެކެ ލޯބިވާތީ…" ހިނިގަނޑެއް ޖަހާލަމުން ތޫބާ ސަމާސާކޮށްލިއެވެ.

" އޭނ؟…ތިހިރީ ދައްކާ ވިޔާނުދާ ވާހަކަ…ހޫމް ހިނގާދާން…" ފަރަހަނާޒް ތުންއޫކޮށްލަމުން، ދަބަސް ހިފައިގެން ތެދުވެ ދާން ހިނގައިގަތެވެ. ތޫބާގެ ވާހަކަތަކުން އޭނާހުރި ރަކިވެފައެވެ. ތޫބާވެސް ހެމުން ހެމުން ފަރަހަނާޒްގެ ފަހަތުން އައެވެ.

" ގެޔަށް ދިއުމުގެ ކުރިން އަދި އެބަޖެހޭ ބައްޕައަށް އެއްޗެއް ގަނެލަން…..މުސާރަ ލިބުނީމަ، އާ އަންނައުނުކޮޅެއް ގަނެދޭން ވިސްނައިގެން މިހުރީ…" ޔުނިވާރސިޓީން ނުކުންނަމުން ފަރަހަނާޒް ބުނެލިއެވެ.

" އެއްކަލަ ބުކްޝޮޕަށް ވަދެފަދޯ ދާނީ…" ފަރަހަނާޒްއާ ދިމާކޮށްލުމުގެ ގޮތުން ތޫބާ ބުނެލިއެވެ.

" ނޫޅެން…" ކުއްލިއެއް ޖަހާފައި ފަރަހަނާޒް ބުނިގޮތުން ތޫބާގެ ގާތަށް ހިނިއައެވެ.

ދެކުދިން ހެމުން ސަކަރާތްޖަހަމުން އައިއިރު، އެކުދިންގެ ފަހަތުން މީހަކު އަންނަކަމެއް އެމީހުން ނުދެނަހުއްޓެވެ. މަޖީދީމަގުން އިރަށް ހިނގަމުން ގޮސް، ސޭލްއަޅުވާފައިހުރި ގަމީސް ވިއްކާ ފިހާރައަކަށް ދެކުދިން ވަނުމުން، އެމީހުންގެ ފަސްފަހަތުން ސައިކަލުގައިދިޔަ އާއިންވެސް އޭނާގެ ސައިކަލު މަޑުކުރުމަށްފަހު، އަވަސްގޮތެއްގައި ޕާރކްކޮށްލިއެވެ. އަދި ވަރަށް ސިއްރު ސިއްރުން އެފިހާރައަށް ވަނެވެ. އެކުދިންނަށް ނުފެނި ފަހަރަކު ގަމީހެއްގައި އަތްކާއްތަމުން އާއިންވެސް ކުރިޔަށް ދިޔައެވެ.

" މީ ހާދަހާ ރީތި ގަމީހެކޭ….ބައްޕައާ ވަރަށް ގުޅޭނެ…." ނޫކުލައިގެ ރޮނގުދެމި ގަމީހެއްގައި އަތްލަމުން ފަރަހަނާޒް ބުނެލިއެވެ.
" ދެން ނަގަންވީނު…" ތޫބާ އެދުނެވެ.

" އެކަމު ބައްޕަ އާއްމުކޮށްލާނީ ޓީޝާޓާއި ފަޓުލޫނު…ހުކުރަށްދާން އެކަނި ގަމީސްލާނީ…މިސްކިތަށް ނުދެވެން ފެށިފަހުން ގަމީހެއް ނުލެވޭ" ފަރަހަނާޒް ދެރަވެލާފައި ބުނެލިއެވެ.

ފަރަހަނާޒް އަދިވެސް އެއްފަހަރު ގަމީހުގައި އަތްކާތާލާފައި ދިއުމުން، އާއިން އެގަމީސް ނަގައިގެން ކައުންޓަރު ކައިރިއަށް އައިސް އެޔަށް ރުފިޔާދެއްކިއެވެ. އަދި ކުރީދުވަހުވެސް އެދުނުފަދައިން ސޭޓްގާތުގައި އެދުނެވެ.

" ކީކޭބުނެފަ މަދޭނީ….ކީއްވެ ތީނަ އަމިއްލައަށް ނުދެނީ؟.." ހައިރާންވެފައި ސޭޓް އަހާލިއެވެ.

" ކުޑަކަމެއް ދިމާވެގެން….އޭނަ އަހަރެންނާ ވާހަކައެއް ނުދައްކާ….އެހެންވީމަ އޭނައަށް ނުފެނި މިއައީވެސް….އޭނައަށް ފެނުނީމަ ވަރަށް ސަކަރާތްވާނެ….އަހަރެން ދެންމިދަނީ…ޕްލީޒް..މިކަން ކޮށްދީ…" ބަހަނާއެއް ދައްކާލަމުން އާދޭހުގެ ރާގެއްގައި އާއިން އެދުމުން ސޭޓް ހިނިތުންވެލާފައި ބޯޖަހާލިއެވެ.

ތޫބާމެން އެދިމާއަށް އަންނަތަން ފެނުމުން އާއިން އަވަސް އަވަހަށް އެތަނުން ނުކުމެގެން ގޮސް ބޭރުގައި މަޑުކުރިއެވެ.
" ތިއީ އަޅުގަނޑުމެން ގަތް އެއްޗެއްނޫން…." ފަރަހަނާޒްގަތް ތަކެއްޗާއިއެކު އެއްކަލަގަމީސްވެސް ކޮތަޅަށްލާތަން ފެށުމުން ތޫބާ ބުނެލިއެވެ.

" އެނގޭ އެކަން….މިއީ ތިބޭފުޅުން އެއްހާހަށްވުރެ ރުފިޔާގެ ވިޔަފާރިއެއްކުރީމަ ހިލޭ ލިބުނު ގަމީހެއް…" ސޭޓްހީލާފައި ބުނެލި ޖުމްލައިން ފަރަހަނާޒްއާއި ތޫބާ ހައިރާންވެތިބެ އެކަކު އަނެކަކަށް ބަލާލީ ކުރީދުވަހުވެސް ދިމާވިފަދަ ކަމެއް ތަކުރާރުވީތީއެވެ.

ދެކުދިން ހައިރާންވެތިބެ، ފިހާރައިން ނުކުތްއިރު، މަގުގެ އަނެއްފަރާތުގައިހުރި ފިހާރާއެއްގެ ތެރޭގައި އެމަންޒަރުބަލަން އާއިން ހުއްޓެވެ.
" ނާޒް….މިއީ އާދައިގެކަމެއްނޫން…." ތޫބާ ވިސްނުމެއްގައިހުރެ ބުނެލިއެވެ.

" ދެން ތިބުނަނީ މިފިހާރަ ސޭޓްވެސް އަހަރެންދެކެ ލޯބިވީއޭތަ؟…" ވިސްނާލާފައި ފަރަހަނާޒް ސުވާލުކޮށްލިއެވެ.

" ނޫނޭ…އެކަމު ކީއްވެ މިއަދުވެސް އެހެން ދިމާވާންވީ؟…" ޝައްކެއްގެ މަތީގައިހުރެ ތޫބާ ބުންޏެވެ.

" އެއީ ސޭލްވީމަ ވީގޮތެކޭ…..ކުރީދުވަހާ މިއަދާ އެއްގޮތަކަށް ކަންތައްވުން އެއީ އިއްތިފާގެކޭ…" ފަހަރަނާޒް ތޫބާއަށް ވިސްނައިދިނުމަށް މަސައްކަތްކުރިއެވެ.

" ނާޒް…ސޭލްގަ ވަކިވަރަކަށްވުރެ ގިނައިން ވިޔަފާރިކޮށްފިނަމަ ހަދިޔާދެންޏާ އެވާހަކަވެސް ލިޔެފަ އޮންނާނެ….ބަލާބަލަ! ނެތެއްނު އެކަހަލަ އެކައްޗެއްވެސް ލިޔެފައެއް….އަނެއްކާ ނާޒްއަށް ރީތިވި ގަމީސް ކީއްވެދޭންވީވެސް؟…" ތޫބާ އުފެއްދި ސުވާލަށް ދޭނެ ޖަވާބެއް ފަރަހަނާޒަކަށްވެސް ނޭނގުނެވެ.

" ދެން ތިވާހަކަ ބާއްވާ….ތިކަން ތަހުގީގު ކުރަން އުޅޭނެކަމެއްނެތް….ޓެކްސީއެއް ހޯދައިގެން ދެވޭތޯބަލަން ހިނގާ…" ތޫބާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ފަރަހަނާޒް ބުނެލިއެވެ.

ފަރަހަނާޒް އަތް ހިއްލާލުމާއެކު ކާރެއްއައިސް އެމީހުންގެ ގާތަށް މަޑުކޮށްފިއެވެ. އެމީހުން ކާރަށް އަރައިގެން ދާ މަންޒަރުބަލަން ހުރެފައި އާއިން އޭނާހުރި ފިހާރަތެރެއިން ނުކުތެވެ.
****
އިމާދުގެ ޚަބަރެއްނުވާތާ ދުވަސްތަކެއްފަހުން އަނެއްކާވެސް އާއިންއަށް އިމާދުގުޅިއެވެ. އާއިން ފޯނުނުނެގުމުން އެންމެފަހުން މެސެޖުވެސްކުރިއެވެ. ކިޔަންބޭނުންނުވެފައި ހުރެވެސް އޭނާ މެސެޖްކިޔާލިއެވެ.

" އާން…ފޯނުނަގާބަލަ! އަހަރެން މިހުރީމާލޭގަ….އާންއާ ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބައްދަލުކޮށްލަން ބޭނުން….ޕްލީޒް…" އިމާދު އާދޭސްކޮށްފައި މެސެޖުކޮށްފައިވާތަން ފެނުމުން އާއިންގެ ހިތުގައި އިމާދާއިމެދު ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް އުފެދުނެވެ.
" އޯކޭ…މިރޭ ގުޅާލާނަން…" އާއިން ޖަވާބު ލިޔެލިއެވެ.

އިމާދު އެވަރަށް ގުޅިއިރުވެސް، އޭނާ ފޯނުނުނަގަން ހުރީ ވަރަށްބުރަކޮށް އުޅޭކަމުގައި ބުނެއެވެ. އަދި ހުސްވަގުތެއް ލިބުނުއިރަކުން ގުޅާނަން ކަމުގައިވެސް ބުންޏެވެ. އޭނާ އިމާދުގެ ނަމްބަރު ބްލޮކްނުކޮށްހުރީވެސް، އެހާ އެއްކޮށް އުޅެއުޅެފައި ކުއްލިއަކަށް އެގޮތަށް ކަންތައްކޮށްފިނަމަ އޭނައާއިމެދުގައި އިމާދަށް ނުބައި ޝައްކެއް ވެދާނެތީއެވެ.

ރޭގަނޑުގެ ވަގުތެވެ. މާޒްއަށްވެސް އެނގުމަކާއިނުލައި އާއިން އިމާދުއާ ބައްދަލުކުރަން ރެސްޓޯރެންޓަކަށް ދިޔައެވެ. އިމާދުގެ މިލާފައިވާ މޫނު ފެނުމުން އޭނާ މާޔޫސްވެފައިވާ ވަރު އާއިންއަށް ދޭހަވިއެވެ.

" އޭއި ބްރޯ ހާދަކަޓާފަ…" މޭޒެއްގެ ކައިރީގައި އިށީއްނަމުން އިމާދުގެ ކޮނޑުގައި ޖަހާލާފައި އާއިން ބުނެލިއެވެ.

" މުޅިން ސަކަރާތް….މުޅިން ސަކަރާތް…ލިޝާ ބަދަލުވެއްޖެ…" ގޮނޑިއެއް ދަމާލާފައި އިށީއްނަމުން އިމާދު ދެރަވެލާފައި ވާހަކަދައްކަން ފެށިއެވެ. އެވަގުތު ވޭޓަރު ކުއްޖަކު އައުމުން އާއިން ދެކޮފީއަށް އޯޑަރދިނެވެ.

" ކިހިނެއްވީ؟…ކީއްވެ ބަދަލުވީ؟.." އެއްވެސް އެއްޗެއް ނޭނގޭކަމަށް ހަދާފައި، އިމާދުއާ ދިމާއަށް އެނބުރިލަމުން އާއިން އަހާލިއެވެ.
" ނޭނގެ ހަމައެއްގޮތަކަށްވެސް…..ހަމަކުއްލިއަކަށް އަހަރެންނާ ގުޅުން ހުއްޓާލީ…ފޭސްބުކުންވެސް އަހަރެން ބްލޮކްކޮށް ވައިބަރއިންވެސް ބްލޮކްކޮށްފި….ގުޅާއިރަށްބުނަނީ ނަމްބަރުވެސް ނިއްވާލާފަ އޮންނަކަމަށް…..އަހަންނަކަށް ނޭނގެ ކީއްވެގެންކަމެއް ކުއްލިއަކަށް ބަދަލުވާންވީ…" އިމާދުހުރީ އިންތިހާއަށް ދެރަވެފައެވެ.

" ހަމަ އެއްވެސް އެއްޗެއް ނުބުނެ ގުޅުން ކަނޑާލީތަ؟…" އާއިން އަނެއްކާވެސް އަހާލިއެވެ.

" ނޫން…އަހަރެން ކައިވެނިކުރަން ބޭނުންވާ ވާހަކަ ދެއްކި ހިސާބުން ބަދަލުވީ….ބުނީ އެހާއަވަހަށް ކައިވެންޏެއް ނުކުރެވޭނޭ….އެކަމު ކުރިން ބައްދަލުކުރި އިރުބުނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން ބޭނުމޭ….އެހެންވެ އަހަރެން އެހާއަވަހަށް ނާޒްއާ ރުޅިވީވެސް…" އިމާދު އޮޅުންފިލުވައިދިނެވެ.

" މިފަހަރު އައިފަހުން ބައްދަލު ނުވޭތަ؟.." އާއިން އިތުރަށް އަހާލިއެވެ.

" އާނ ރަށުގަހުއްޓާ އެއްރޭ އަހަރެންބުނީ މިފަހަރު މާލެގޮސް އިންނާނަމޭ…އެރޭ ވަރަށް ފާޑަކަށް ލިޝާ ވާހަކަ ދެއްކީވެސް…އެރޭ ފޯނުބޭއްވިގޮތަށް މެސެޖްކޮށްފަބުނީ ކައިވެނިކުރެވޭކަށްނެތޭ….ވަރަށްބޮޑަށް ސޮރީއޭ..އޭގެފަހުން އެއްވެސް ޚަބަރެއްނުވޭ….ކުޑަމިނުން ސަބަބުވެސް އަންގާލިނަމައެއްނު އަހަރެންގެ ހިތަށް ލުޔެއްލިބުނީހީ…" އިމާދުގެ އަޑުގައިވީ ރިހުމެއްގެ ސަބަބުން އާއިންގެ ހިތުގައި ހަމްދަރުދީގެ އޮޔެވަރެއް ހިނގާލިއެވެ.

އިމާދު ހައްލާލުމަށްޓަކައި އެކަން ކުރިނަމަވެސް މިވަރަށް އިމާދަށް އަސަރުކޮށްފާނެ ކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. އިމާދަށް އޭނާގެ ހަޤީޤަތް އެނގޭދުވަހަކުން އޭނާދެކެ އިންތިހާއަށް ރުޅިއަންނާނެއެވެ. ނަމަވެސް އަވަސް މުސްތަޤުބަލެއްގައި އިމާދަށް ހަޤީޤަތެއް ނޭނގޭނެއެވެ. އިމާދު މާލެއަންނަކަން އެނގުމާއެކު ޝާލީ މަސްދުވަހުގެ ޗުއްޓީއެއް ނަގައިގެން އޭނާގެ ޤައުމަށް ދިޔައެވެ. އެހެންކަމުން އިމާދު މާލޭގައި ކަންކަންމަތިން ކިތަންމެ ވަރަކަށް މުގޯލި އެޅިނަމަވެސް ޝާލީއަކާ ދިމައެއް ނުވާނެއެވެ.

"..ދެން އެކަމާ އެވަރަށް ނުވިސްނަބަލަ!….މަކުރިންވެސް ބުނީމެއްނު ރަނގަޅަށް ހަޤީޤަތް ހޯދާށޭ….އެހާ އަވަހަށް މީހުންނަށް އިތުބާރު ކުރާކަށް ނުވާނޭ…" ނަސާހަތުގެ ރާގެއްގައި އާއިން ބުނެލިއެވެ.

" ހޫމް…އެކަމު އަދިވެސް ލިޝާ ފެނޭތޯ ބަލާފަ އަހަރެން ރަށަށްދާނީ…." އިމާދުހުރީ ފަސޭހައިން ދޫކުރާގޮތަކަށް ނޫނެވެ.

" ހޫމް…އަދިވެސް މަސައްކަތްކުރެވިދާނެ…ދެން އެކަމު ނުފެނިއްޖެއްޔާ ކިހިނެއް ހަދާނީ؟…" އިމާދަށް ޝާލީ ނުފެނިއްޖެނަމަ ދެން ކަންތައް ކުރާނެގޮތެއް ބެލުމުގެ ޝައުޤުވެރިކަން އާއިންގެ ހިތުގައި އުފެނުނެވެ.

" ދެން ކީއްކުރެވޭނީ؟….ރަށަށްދާނީ…." މާޔޫސީ ރާގަކަށް އިމާދު ޖަވާބުދިނެވެ. އެވަގުތު ކޮފީއައުމުން އެމީހުންގެ ވާހަކަ ހިނދުކޮޅަކަށް މެދުކެނޑުނެވެ.

" އޭތް އާން ފަރަހަނާޒް އުޅޭތަނެއް އެނގޭތަ؟…އޭނަގެ ބައްޕަގެ އޮޕަރޭޝަން ކުރެވުނު ވާހަކަ އަހަރެން އަޑުއެހިން…." އެހެން އިނދެފައި ކުއްލިއަކަށް އިމާދު އަހާލި ސުވާލުން އާއިން ސިހުނެވެ.

" މަށަށް ކިހިނެއް އެނގޭނީ….އެހެންނޫނަސް މިހާރު އޭނަ ތިހޯދަނީ ކީއްކުރަން؟" އާއިން އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.
" ރަށަށް ދިއުމުގެކުރިން އެމީހުންގެ ހާލުބަލާލާނަމޭ މިހިތަށްއަރަނީ….އޭނަގެ ކައިވެންޏަށް އިންކާރު ކުރެވުނު މޮޔަ މިހާރު އެބަ ހިތަށްއަރާ…..ކުރިން ދުވަހުވެސް އަހަރެން ގުޅިން…އެކަމު ފޯނެއްވެސް ނުނަގާ….އެއީ އަސްލު ވަރަށް ރަނގަޅު ކުއްޖެއް" އިމާދު ސީރިއަސްކަމާއެކު ބުނެލިގޮތުން އާއިންއަށް ދަތްކުނޑި ވިކާލެވުނެވެ.

އަދިވެސް ދެކޮޅުންކާން ވިސްނަނީއޭ އާއިންގެ ހިތަށްއެރިއެވެ.

" ދެން އެކަމާ އުޅެންވީ ކީއްކުރަން…..އަދިވެސް ޝާލީ ފެނޭތޯ ބަލަން މަށަށް ފެންނަނީ…" އާއިން އަވަސް އަވަހަށް ބުނެލިއެވެ.
" ޝާލީއެއްނޫން….ލިޝާ ކިޔަނީ.." އިމާދު ހިނިތުންވެލަމުން ނަން ރަނގަޅުކޮށްދިން ވަގުތު އާއިންގެ އަނގަޔަށް ގޮތެއް ހަދާލެވުނީ އޭނާއަށް އޮޅިގެން މިބުނެވުނީ ރަނގަޅުނަންކަން އެނގުމުންނެވެ.

" ސޮރީ އޮޅުނީ….މާދު ދެން އަހަރެންދަނީ….މިހާރު ވަރަށް ލަސްވެއްޖެ….ރަށަށް ދިއުމުގެކުރިން އަދި ބައްދަލުކޮށްލަންވާނެ….." އާއިން ގަޑިބަލާލަމުން ބުނެލިއެވެ.
އިމާދު އާއިންއާއި ސަލާމްކޮށްފައި ވަކިވެގެން ދިއުމުން އާއިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އިމާދުގެ ކަންތަކަކީ އެހާފަސޭއިން ބޯދަމައިގަނެވޭނެ ކަމެއްނޫންކަން އޭނާއަށް އެނގުނެވެ. އިމާދު އަދިވެސް ފަރަހަނާޒް ހޯދަން މަސައްކަތްކުރާނެކަން އިމާދުގެ ވާހަކަތަކުން އެނގުމުން އެކަމާއިމެދު ވިސްނަން އޭނާއަށް މަޖުބޫރު ވެއްޖެއެވެ.
ނުނިމޭ