Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

ދިވެހިން އުއްމީދު ދޫކޮށެއް ނުލާނެ: ނަޝީދު

ދިވެހި ރައްޔިތުން ތިބީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުއްމީދު ދޫކޮށް، މަރުވާން ތައްޔާރަށް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ކޮޕް24 ސަމިޓުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން އދ. ގެ 'ޗެމްޕިއަން އޮފް ދަ އާތް' ގެ ލަގަބުވެސް ހޯއްދަވާފައިވާ ނަޝީދު ވިދާޅުވީ އަދިވެސް ދިވެހިން އުއްމީދު ނުގެއްލާ ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ދޭން ޖެހޭ އަހައްމިއްޔަތުކަން އަދިވެސް ނުދެއްވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެންމެ ފަހަކަށް އެމަނިކުފާނު މިސަމިޓުގައި 2009 ވަނަ އަހަރު ވާހަކަ ދެއްކެވި ފަހުން އެމަނިކުފާނުގެ ހަޔާތްޕުޅުގައި ވަރަށް ގިނަ ކަންތައް ހިނގާގޮސްފައިވާ ކަމަށެވެ.

"އެންމެ ފަހުން 2009 ވަނަ އަހަރު އަޅުގަނޑު މިސަމިޓުގައި ވާހަކަ ދެއްކި ފަހުން އަޅުގަނޑުގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި، ޖަލަށް ލައި ގައުމުން ބޭރުކުރި. އަދި އެފަހުން އެނބުރި ގައުމަށް ވަޑައިގެންވެސްފީމު. ނަމަވެސް މިސަމިޓަށް ބަދަލެއް ނާދޭ. މީހުންގެ ސިޔާސަތުތަކަށް ބަދަލެއް ނާދޭ. އަދިވެސް އަޅުގަނޑުމެން ބޭނުންކުރަމުން މި އަންނަނީ މުސްކުޅި، ޑައިނަސޯގެ ބަހުރުވަ."

ނަޝީދުގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރާއްޖެ ސަލާމަތްކުރުމަށް ގިނަގުނަ މަސައްތް ކުރެއްވިއެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ދެއްކުމަށް ކަނޑު އަޑީގައި ކެބިނެޓު ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ނަޝީދުގެ ކަނޑު އަޑީ ބައްދަލުވުމަށް މުޅި ދުނިޔޭގެ ލޯ ހުއްޓުނުއިރު އެމަނިކުފާނު ވަނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކޮޕް15 ސަމިޓުގައި ވަރުގަދަ ތަގުރީރެއް ދެއްވާފައެވެ. އެފަހަރުގެ ތަގުރީރުގައި ވެސް ރައީސް ނަޝީދު ވަނީ ދިވެހިން ތިބީ އުއްމީދު ދޫކޮށްލަން ތައްޔާރަށް ނޫން ކަމަށް ވިދާޅުވެފައެވެ.

އޭގެ 9 އަހަރު ފަހުން އަނެއްކާވެސް ކޮޕް ސަމިޓުގައި ނަޝީދު ވަނީ އެވާހަކަތައް އެހެން މޭރުމަކުން ތަކުރާރުކުރައްވާފައެވެ. ލޮނުގަނޑު އުފުލި ކަނޑުގެ އަޑިއަށްދާ އެންމެ ފުރަތަމަ ގައުމަށް ދިވެހިން ވުމަށް ބޭނުންނުވާ ކަމަށާއި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދިވެހިން ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ތިރި ގައުމަށް ދިވެހި ރާއްޖެ ވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި އޭގެ އަސަރު އެންމެ ފުރަތަމަ ކުރާނެ މައިގަނޑު އެއް ސަބަބެވެ. ސައިންސްވެރިން ވަނީ ދުނިޔެ ހޫނުވަމުންދާ މިންވަރު ނުހުއްޓިއްޖެނަމަ ކައިރި މުސްތަގުބަލެއްގައި ދިވެހި ރާއްޖެ ކަނޑު އަޑިއަށް ދާނެ ކަމަށް ލަފާކޮށްފައެވެ.