މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމް ކަމަށްވާ "ރަށްފެހި" މާދަމާ ފެށުމަށް ނިންމައިފި އެވެ.
މާދަމާ ހުުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކަމަށްޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި "ރަށްފެހި" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މިކަމާއި ގުޅޭގޮތުން "ޕީއެސްއެމް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ތިމާވެއްޓާއި ރަށްޓެހި އާދަކާދަތަކަށް ދިވެހިން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ޕްރޮގްރާމްގެ މަޤްސަދެއް ކަމުގައި ޒާހިރު ވިދާޅުވި އެވެ.
މީގެ އިތުރުން މި ހަރާކާތުގެ ތެރެއިން ރުކާއި، ނެތުމުގެ ބިރު ހީވެފައިވާ ގަހުގެ ބާވަތްތައް އިންދުމަށް ބާރު އަޅާކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ މާދަމާގެ ޙަރަކާތުގައި އެކަނިވެސް ޖުމްލަ 250 ރުއްގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މުޅި ރާއްޖެ ފެހިކުރުމުގެ ޤައުމީ ޕްރޮގްރާމް މާދަމާ ފަށާއިރު، ސަރުކާރުން ވަނީ ދާދިފަހުން މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ޙަރަކާތެއް ވެސް ފަށާފައެވެ.