އިންޑިއާގެ ވިސާ ހޯދުމުގެ ކަންތައްތަކުގައި ދިވެހި ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ އެއްބަސްވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
India in visa ge bodethi luithakeh Dhivehinnah libey ebbasvumeh gai Raees @ibusolih ge India dhathurufulhugai soi kureveyne! #PresidentSolihVisitsIndia
— Abdulla Shahid (@abdulla_shahid) December 14, 2018
އެ ޓްވީޓްގައި ޝާހިދު ވިދާޅުވެފައި ވަނީ އިންޑިއާ އިން ވިސާގެ ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބޭ އެއްބަސްވުމެއްގައި ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު އާ ވިސާ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށް ޝާހިދު ވަނީ މީގެ ކުރިންވެސް ހާމަކުރައްވާފަ އެވެ. އަދި އެ އާ އެއްބަސްވުމުގެ ސަބަބުން އިންޑިއާގައި ދިރިއުޅެމުން އަންނަ ދިވެހި ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވެސް މިހާރު ކުރިމަތިވެފައިވާ ދަތިތައް ހައްލުވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިހެން ވިދާޅުވިއިރު، އަންނަ ހަފްތާގެ ތެރޭގައި ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އިންޑިއާ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން 16 ޑިސެމްބަރ ވާ އާދިއްތަ ދުވަހު ދިއްލީގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ވެސް އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.