Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ދެލް މޮންތޭގެ ބަންދުކުރި ޒުވާރި ދަޅުތަކެއް ބާޒާރުން ނަގަނީ

ދެލް މޮންތޭ ފުޑްސް އިންކް އިން ވަނީ މި ހަފްތާގެ ތެރޭގައި އެ ކުންފުނިން ވިއްކާ ބަންދުކުރި ޒުވާރި ދަޅުތަކެއް ބާޒާރުން ނެގުމަށް އަންގާފައެވެ.

އެގޮތުން އެ ޒުވާރި ދަޅުތައް ހުރީ ރަނގަޅަށް ތައްޔާރުކޮށްފައި ނޫން ކަމަށާއި، އެ ޒުވާރި ދަޅުތައް ބޭނުންކޮށްފިނަމަ ފުރާނައަށް ނުރައްކާތެރި ބައްޔެއް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާގޮތުގައި ރަނގަޅަށް ތައްޔާރުކޮށް ރައްކާތެރިކޮށްފައި ނުވާ ބަންދުކުރި ކާނާގެ ދަޅުތަކުގައި "ބޮޓުލިޒަމް" ބައްޔަށް މަގުފަހިކޮށްދޭ ބެކްޓީރިއާ ހިމެނޭ ކަމަށެވެ. ބޮޓުލިޒަމް ބަލި ޖައްސާ ބެކްޓީރިއާ އަކީ "ކްލޮސްޓްރީޑިއަމް ބޮޓުލައިނަމް" އެވެ.

އެ ބެކްޓީރިއާ އިން އުފައްދާ "ބޮޓުލައިނަމް ޓޮކްސިން" އިން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމުން ބޮޓުލިޒަމް ޖެހުމަށް މަގުފަހިވެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި މަސްތަކުގެ ބާރުދެރަވުމާއި ވާގިނެތުން ހިމެނެއެވެ. ވާގިނެތުމުގެ ސަބަބުން ލޮލުގެ ފެނުން ބަލިކަށިވެ، ނޭވާލާން އުނދަގޫވެ، އެއްޗެހި ދިރުވުމުގައި ދަތިތައް ދިމާވުމުގެ އިތުރުން އަނގަތެރެ ހިއްކައިގެން ގޮސް ދޫ ފަލަވުމުގެ އިހުސާސްތައްވުން އެކަށީގެންވެއެވެ. އަދި މި އަލާމާތްތައް ބޮޓުލައިނަމް ޓޮކްސިން ހަށިގަނޑުގެ ތެރެއަށް ދާތާ ހަ ގަޑިއިރާއި 10 ދުވަހާއި ދެމެދުގެ ތެރޭގައި ފެންނާނެ އެވެ.

އެހެންނަމަވެސް ތަޣައްޔަރުވެފައިވާ ޒުވާރި ދަޅުތަކުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ބައްޔެއް ޖެހިގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ދެލް މޮންތޭ އިން ބުނެއެވެ.

ބާޒާރުން ނެގުމަށް އަންގާފައި ވަނީ އެމެރިކާގެ 25 ސްޓޭޓަށާއި، ބަހާމާސް، ބާބެޑޯސް، ބަލީޒް، ބާމިއުޑާ، އެލް ސަލްވަދޯ، ހައިޓީ، ގަޔާނާ، އުރުގުއޭ، އަރޫބާ، ޕެނަމާ، ސެއިންޓް ލޫސިއާ އަދި ސުރިނާމް އަށް އެތެރެކޮށްފައިވާ 64،242 ޒުވާރި ދަޅެކެވެ.

ބާޒާރުން ނެގުމަށް އަންގާފައިވާ ހުރިހާ ޒުވާރި ދަޅަކީވެސް 15.25 އައުންސްގެ ޔޫޕީސީ ނަންބަރ 24000 02770ގެ ދަޅުތަކެވެ. އަދި އެ ދަޅުތަކުގެ ގެރެންޓީ ހަމަވާ ތާރީޚަކީ 24 އޮގަސްޓް 2021، 15 އޮގަސްޓް 2021، 3 ސެޕްޓެމްބަރ 2021، 4 ސެޕްޓެމްބަރ 2021، 5 ސެޕްޓެމްބަރ 2021، 6 ސެޕްޓެމްބަރ 2021، 22 ސެޕްޓެމްބަރ 2021 އަދި 23 ސެޕްޓެމްބަރ 2021 އެވެ.

މި ޒުވާރި ދަޅުތައް އަނބުރާ ފިހާރަތަކަށް ދެވޭނެ ކަމަށާއި، ނުވަތަ ސީދާ ދެލް މޮންތޭ އާއި ގުޅައިގެން ރީފަންޑް ހޯދުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި މި ޒުވާރި ދަޅުތައް ބޭނުންނުކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެ އެވެ.