Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މިހާރު ތިފެއްޓެވީ ރައީސް ޔާމީންގެ ކެމްޕޭނު: ނިހާން

ޕީޕީއެމް ނޫސް ކޮންފަރެންސެއްގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އަދި ޕާޓީގެ ނައިބް ރައީސް އަބްދުއްﷲ އަބްދުއް ރަހީމް، ފޮޓޯ: މިހާރު

ކުރީގެރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައި، އެމަނިކުފާނުގެ ފައިސާގެ މައްސަލައެއް ތަހުގީގުކުރަން ފެއްޓެވި ފެއްޓެވުމަކީ، 2023 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ޔާމީންގެ އަމިއްލަ އެކައުންޓަށް ވަދެފައިވާ ފައިސާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައި، އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓު ފޮނުވާފައިވެއެވެ. މާދަމާ ޔާމީން ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވާފައިވާއިރު އެކަމާ ގުޅިގެން އާންމުންގެ ތެރޭގައި އުފެދިފައި ހުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ނިހާންގެ އިތުރުން ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ޕީޕީއެމް އޮފީހުގައި ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ.

އެ ޕްރެސް ކޮންފަރެންސުގައި ދެބޭފުޅުން ޔާމީން ވަރަށް ބޮޑަށް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައިވާއިރު ނިހާން ވިދާޅުވީ، މީގެ ކުރިން ޔާމީންގެ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތުތަކުގައި އެމްޑީޕީން އެމަނިކުފާނު މަޖިލީހަށް ހާޒިރުވެސް ކުރުވި ކަމަށެވެ.

ނަމަވެސް އެމަނިކުފާނު އެދުވަހު ދެއްކެވި ސާބިތުކަމުގެ ސަބަބުން އެބޭފުޅުން ފަހުން އެމަނިކުފާނު ހާޒިރުކުރެވުނީތީ ހިތާމަ ކުރެއްވި ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެދުވަހު އެމަނިކުފާނު ދެއްކެވި ހިތްވަރާއި ސާބިތުކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު މަގުބޫލުކަން، އެމަނިކުފާނު 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޮޑު ދައުރެއް އަދާ ކުރި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

އެހެންކަމުން މިފަހަރު ވެސް އެމަނިކުފާނު ހުންނަވާނީ ސާބިތުކަންމަތީ ކަމަށާއި މިއީ އަނެއްކާ 2023 ވަނަ އަހަރުގެ ޔާމީންގެ ރިޔާސީ ކެމްޕޭނުގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.