Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ކުދި ޖަޒީރާތަކުގެ ދިފާއުގައި އެންމެ މަސައްކަތް ކުރަނީ އިންޑިޔާ

ނަޝީދު ކޮޕް24 ސަމިޓުގައި ވާހަކަ ދައްކަވަނީ؛ ފޮޓޯ - ޓްވިޓާ

ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެންމެ ގާތުން މަސައްކަތް ކުރާ ގައުމަކީ އިންޑިޔާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތައުރީފް އިންޑިޔާ ސަރުކާރަށް ރައްދުކުރައްވައިފިއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ އެންމެ ބޮޑު ސަމިޓް، ކޮޕް24 ގައި ނަޝީދު ވަނީ އިންޑިޔާގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. ނަޝީދު ވަނީ ރާއްޖޭގެ ކުދި ރަށްތަކުގެ ހޭޅިފަށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން އިންޑިޔާ އޮފިޝަލުންނާ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ބޮޑު ހަތަރު ގައުމެއް ކަމަށްވާ އެމެރިކާ، ރަޝިޔާ، ސައުދީ އަދި ކުވެއިތުން ބަލައިނުގަނެ ބޭރުކޮށްލި އައިޕީސީސީ ރިޕޯޓާ ގުޅޭގޮތުން ވެސް ނަޝީދު ވަނީ އިންޑިޔާއާ މަޝްވަރާ ކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ ކޮޕް24 ގައި ރޭ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ތަގުރީރެއް ދެއްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިން ތިބީ މަރުވާން ތައްޔާރަށް ނޫން ކަމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ދިވެހިން ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ.

އަދި އައިޕީސީސީ ރިޕޯޓު އަލުން ބަލައިގަތުމަށް ހަތަރު ގައުމަށް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގައުމުތަކުން ނިންމި ނިންމުން ބަދަލު ކުރައްވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.